Roadha Mihaaru
ރައީސަށް ރިޔާސީ ޓިކެޓް އަންނަ މަހު ހަވާލުކުރަނީ

ރައީސަށް، އަންނަ މަހުގެ މެދުތެރޭގައި ރިޔާސީ ޓިކެޓް ހަވާލުކުރަނީ

29 ޖެނުއަރީ 2023

އެ ޕާޓީގެ ރިޔާސީ ޓިކެޓު، އަންނަ މަހުގެ މެދުތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ ޕާޓީގެ ރިޔާސީ ޓިކެޓު، އަންނަ މަހުގެ މެދުތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ.

އެ އަށް ފަހު، އަންނަ މަހުގެ މެދުތެރޭގެ ހިސާބުގައި ރައީސަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 24،572 ވޯޓުންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް "ދަނޑިކޮށި ޖަގަހަ" އަށް ވަޑައިގެންނެވި ވަގުތު "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ޕްރައިމަރީއަށް އަށް ވުރެ މާ ފަސޭހައިން ރިޔާސީ އިންތިހާބު ނެގޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނަށް އެބައޮތް ކަމަށެވެ.

މުޅި ރާއްޖެ އޮތީ އެ ބޭފުޅުންނާއެކު ކުރިއަށް ދާން ތައްޔާރަށް ކަމަށާއި ވާދަވެރި ޕްރައިމަރީގައި ޕާޓީ ބަސް ބުނެ، އުންމީދުކުރި ހިސާބަށް އާދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ ހިތުގައި އޮތީ ދެ ޑިޖިޓްގެ ޑިފަރެންސެއް ހޯދަން. ފަސްދޮޅަސް ޕަސެންޓަށް ދިޔައީމާ އެއީ އަޅުގަނޑު ހިތުން އެއީ ރަނގަޅު ކާމިޔާބެއް،" އެމްޑީޕީގެ އިސް ލީޑަރު ވިދާޅުވި އެވެ.