Roadha Mihaaru
ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފި

ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފި، ރިޔާސީ ކެމްޕެއިން ފެށުން އަންނަ މަހު

19 މެއި 2023

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އަންނަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ތައްޔާރީތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން މިއަދު ބޮޑު ދިދަ ނަގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އަންނަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ތައްޔާރީތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން މިއަދު ބޮޑު ދިދަ ނަގައިފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ރިޔާސީ ކެމްޕެއިން ފަށަން ހަމަޖައްސާފައިވަނީ އަންނަ މަހު ކަމަށާއި މިހާރު ރަށްރަށުގައި ކުރިއަށްދަނީ ރިޔާސީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދިދަ ނެގުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އަންނަނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ޕޯސްޓަރު ހަރުކުރުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްޑީޕީގެ ޓީމުތައް ގޮސް ހިންގަމުން އަންނަ ހަރަކާތްތަކުގައި ޕާޓީގެ ދިދަ ނެގުން އޮތީ މިއަދު ހުރިހާ ރަށެއްގައި ވެސް ހަވީރު 4:00 ގަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ދިދަ ނެގުމުގެ ހަރަކާތުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.

އެމްޑީޕީން މިއަދު ބޭއްވި ދިދަ ނެގުމުގެ ހަރަކާތުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.

އެމްޑީޕީން ބުނީ ކެމްޕެއިން ފެށުމުގެ ތައްޔާރީތަކަށް މާލެއިން 400 އެއްހާ މަންދޫބުން އިއްޔެ ރަށްރަށަށް ފުރާފައިވާ ކަމަށެވެ. އެ ޕާޓީގެ އަތޮޅުތަކުގައި ތިބި މީހުން ހިމެނޭ ގޮތަށް ހާހައެއްހާ މީހުން މި ހަރަކާތްތަކުގައި އުޅޭ ކަމަށް ބުންޏެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން މެމްބަރުންނާ ބައްދަލުކުރަނީ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން މެމްބަރުންނާ ބައްދަލުކުރަނީ.

އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއިން ދިޔަ ޓީމުތަކާއި ރަށްރަށުގައި ތިބި މެމްބަރުންނާ އެކު ބައްދަލުވުންތައް ބާއްވައި އެމްޑީޕީގެ ދެވަނަ ދައުރުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ. ދޮރުން ދޮރަށް ހިނގައި ޕާޓީގެ އާންމު މެމްބަރުންގެ ހިޔާލު ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ފަސް އަހަރުގެ ދައުރެއްގައި ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ފަހިވެ، ލިބުނު ލުއި ކަމަށެވެ.

އެމްޑީޕީން ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ތައްޔާރީތައް ފޯރީގައި ފެށިއިރު އެ ޕާޓީތެރޭ އުފެދުނު ދެ ފެކްޝަނުގެ ގުޅުން ގޯސްވެ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ 12 މެންބަރުން އެމްޑީޕީން ވަނީ ވަކިވެފަ އެވެ. އަދި އެ ފެކްޝަނުން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ.