Roadha Mihaaru
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

30 ސެޕްޓެމްބަރ 2023

މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ހެނދުނު ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އިންތިހާބުގެ ނަތީޖާ އެންމެ ބޮޑަށް ބުރަވާނީ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވަން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު

"ކުރީ ފަހަރު ވެސް އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓުލާ މީހުންގެ އަދަދު ދަށަށް ދިއުން. އެކަމަކު އިރާދަކުރެއްވިއްޔާ މިފަހަރު އެ ބަދަލުވަމުން ދާ ތަން ފެނޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް، އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީން އެބައޮތް."

ރައީސް އަންދާޒާކުރެއްވި ގޮތުގައި، މިފަހަރު 86 ޕަސެންޓް މީހުން ވޯޓު ލާން ނުކުންނާނެ އެވެ. އެ އަދަދަށް މީހުން ނުކުމެއްޖެ ނަމަ އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި 88 ޕަސެންޓް މީހުން ވޯޓު ލާން ނުކުމެއްޖެ ނަމަ، މާ ބޮޑު ނަތީޖާއަކުން މޮޅުވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ކުރި ނުހޯއްދެވުނީ ކެމްޕެއިންގައި ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ. އެހެންވެ، ނޫސްވެރިން ވަނީ މި ބުރުގައި އެ ގޯސްތައް ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރެއްވިތޯ ސުވާލުކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން އިނގިލީގައި ފާހަގަ ޖައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން އިނގިލީގައި ފާހަގަ ޖައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް ވިދާޅުވި ގޮތުގައި، ދެވަނަ ބުރުގެ ކެމްޕެއިނަށް ލިބުނު ވިއްސަކަށް ދުވަހުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ވެސް ކެމްޕެއިންގެ އިންތިޒާމުތައް ރާވާލައި ތަރުތީބުކުރުމަށް ކަމަށެވެ.

ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުން ވަރަށް މަދެވެ. އެއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު އެންމެ މަދުވި ފަހަރު ވެސް މެ އެވެ. އެ ބުރުގައި ވޯޓު ލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 80 ޕަސެންޓް މީހުންނެވެ.

އެ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އިތުރު 7 ކެންޑިޑޭޓުންނާ ވާދަކުރައްވައި، ފުރަތަމަ ބުރުގައި ރައީސަށް ވަނީ 39 ޕަސެންޓް ވޯޓު ލިބިވަޑައިގެންފަ އެވެ. މުއިއަޒަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.