29 ޖެނުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ ކާމިޔާބުކުރެއްވީ ފޮށިތަކަށް "ވަގު ވޯޓު" އަޅައިގެން ކަމުގެ ތުހުމަތާ އެކު ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ ކާމިޔާބުކުރެއްވީ ފޮށިތަކަށް "ވަގު ވޯޓު" އަޅައިގެން ކަމުގެ ތުހުމަތާ އެކު ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބުނެފި އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވީ 61 ޕަސެންޓުންގެ ބޮޑު ތަފާތަކުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
ނަޝީދުގެ އިންތިހާބީ އެޖެންޓް ހަސަން ލަތީފު ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަަދަށް ވުރެ އިތުރަށް ބައެއް ފޮށިތަކަށް ވޯޓުލާފައިވާ ކަން ފެންނަން އެބަހުއްޓެވެ. އެ ތުހުމަތު އޭނާ ކުރެއްވީ މާލޭގައި ބެހެއްޓި ފޮއްޓެއްގެ ނަތީޖާ ދައްކަވަމުންނެވެ.
ނަތީޖާ ޝީޓްތައް ބަލަމުން ދާއިރު, 'ވޯޓު ދިނުމުގެ ހައްޤު ލިިބިފައިވާ މީހުންގެ އަދަދު' އަށް ވުރެ ގިނައިން ފޮށްޓަށް ވޯޓުލާފައިވާ ކަމަށް ފެންނާން ހުރި ނަތީޖާ ޝީޓްތައް ދަނީ ފާހަގަވަމުންނެވެ. #Anni2023#FikureggeDhirun pic.twitter.com/Bls12ncvxp
— Hassan Latheef? (@HassanLatheef) January 28, 2023
އެ ނަތީޖާ ޝީޓުގައިވާ ގޮތުން އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބެނީ 113 މީހުންނަށެވެ. އެކަމަކު ޖުމުލަ 158 މީހުން ވޯޓުލާފައިވާ ކަމަށް ޝީޓުގައި ވެ އެވެ.
އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ އޮފިޝަލުން ހަރަކާތްތެރިވަނީ.--- ފޮޓޯ: އަހުމަދު ހިޝާމް
ނަޝީދުގެ ކެމްޕޭނުގެ ރަސްމީ ބަޔާނުގައި ވެސް ވަނީ އިންތިހާބުގައި އޮޅުވާލުން ހިމެނޭ ކަމުގެ ތުހުމަތު އަޅުވައިފަ އެވެ.
"ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މި ދަނީ ނަތީޖާ ޝީޓުތައް ރަނގަޅަށް ބަލައި ދިރާސާކުރަމުންނެވެ. ގިނަ ވޯޓު ފޮށިތަކުން ރައީސް މުހައްމަދު ނަޝީދު އޮތީ ކުރީގައި ނަމަވެސް ވާދަވެރިޔާ ކުރި ހޯދާފައި ވަނީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ ވަކި މަދު ފޮށިތަކެއްގެ ސަބަބުން ކަން ފާހަގަވަމުންދެ އެވެ،" ބަޔާނުގައިވެ އެވެ.
ވޯޓުލުން އިއްޔެ ކުރިއަށް ގެންދިޔައިރު ވެސް ނަޝީދުގެ މަންދޫބުން ވަނީ ޝަކުވާތަކެއް ފެންމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓުލުމާއި އެމްޑީޕީގެ ދަފްތަރުން އުނިކުރި 39،000 މީހުންގެ ތެރޭގައި ހިމެނޭ މީހުންނަށް ވޯޓުނުލެވުމުގެ ކަންބޮޑުވުން ހިމެނެ އެވެ.
އެމްޑީޕީގެ ވެބްސައިޓުގައި ޕްރައިމަރީގެ ވަގުތީ ނަތީޖާ ރޭ އާއްމުކޮށްފައިވާ އިރު ގިނަ ރަށްތަކުން މި ޕްރައިމަރީގައި ކުރި ހޯއްދަވާފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނަޝީދުގެ ފެކްޝަނުން އިންތިހާބާ ގުޅުވައިގެން ކުރާ ހުރިހާ ތުހުމަތެއް އިންތިހާބާ ބެހޭ ކޮމިޓީން ދޮގުކުރި އެވެ.
އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް ހިނގާފައި އޮތް ކަން މިހާތަނަށް ބެލި ޝަކުވާތަކުން ވެސް ފެންނަން ނެތް ކަމަށެވެ. ފޮށިތަކަށް އިތުރަށް ވޯޓު އަޅާފައިވާ ކަމުގެ ތުހުމަތު ދޮގުކުރައްވައި ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ދެ ކެންޑިޑޭޓުންގެ މަންދޫބުން ވެސް ވޯޓުލުމާއި ގުނިއިރު ވެސް ހާޒިރުވެ ތިބި ކަމަށެވެ. އެފަދަ ކަމެއް ހިނގާފައި ނެތް ކަމުގެ ޔަގީންކަން އިންތިހާބާ ބެހޭ ކޮމިޓީގެ ފަރާތުން އޭނާ ދެއްވަ އެވެ.
މި ޕްރައިމަރީގައި ދާއިރާތަކުން ވޯޓުލާނެ އަދަދު އަންދާޒާކުރީ، އިބްރޭ ވިދާޅުވި ގޮތުގައި، އެންމެ ފަހުން ބޭއްވި 2021 ގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ރަޖިސްޓްރީގައި ތިބި މީހުން ވޯޓުލީ ފޮށިތައް އާއްމުކުރާ ލިސްޓު ބަލައިގެންނެވެ.
"އޭގެއިން ބަލައިގެން އަންދާޒާކުރީ ރަށުގައި މިހާ މީހުން ވޯޓުލާނެއޭ، މާލޭގައި މިހާ މީހުންނޭ ވޯޓުލާނީ. އެއީ އެސްޓިމޭޓެއް، އެ އެސްޓިމޭޓާ އެއްގޮތަށް ކަރުދާސް ދޫކުރީ،" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހަދަން ޖެހުނީ ރީރަޖިސްޓްރީ ނުކޮށް އިންތިހާބު ގެންދަން ޖެހޭތީ އެވެ.
އެމްޑީޕީގެ ތާރީހުގައި ބާއްވާ އެންމެ ވާދަވެރި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލުން ބަންދުކޮށް، ވޯޓު ގުނަނީ.-- ފޮޓޯ: ޝަނާ /މިހާރު
"މިސާލަކަށް 117 މީހުންނަށް ވޯޓުލެވޭ މާލެ ފޮއްޓެއްގެ ވާހަކަ ދައްކާއިރު އެ ފޮށި ކައިރީގައި އޮތް ލިސްޓުގައި އޮންނާނެ ނަން 847 މީހުންގެ ނަން. އޭގެ މާނައަކީ އޭގެ ތެރެއިން ކޮންމެ ބަޔަކު އަޔަސް ވޯޓުލެވޭނެއޭ. އަހަރެމެން އަންދާޒާކުރީ އެ ތަނުން މާލެއަށް ވޯޓުލާނީ އެ ފޮށިން 117 މީހުންނޭ،" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓުފޮށިތައް ކައިރީގައި ކޮންމެ ކަމެއް ނިންމީ ވެސް ދެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދައްކައިގެންނެވެ. މަރުކަޒުތަކަށް ކަރުދާސް ފޮނުވީ ހައްގު ލިބިގެންވާ އަދަދަށް ކަމަށާއި އިތުރަށް ގެންދަން ޖެހުނު ނަމަ އެ ކަރުދާސްތައް ގެންގޮސް ހަވާލުކޮށްފައި ވާނީ ވެސް ދެ މަންދޫބުންގެ ހާޒިރުގައި ކަމަށް ވިދާޅުވި އެވެ.
"ވަރަށް ޔަގީން، އިތުރަށް އެއްވެސް ފޮއްޓަކަށް ވޯޓު އަޅާފައެއް ނެތް،" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ދެފުށްފެންނަ ގޮތަށް ކަމަށާއި މިހާރު މިކުރާ ތުހުމަތު ހައްލުވާނީ ރީރަޖިސްޓްރޭޝަންގެ ޕްރޮސެސް ފަށައިގެން ކަމަށެވެ.
މި ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު 40،207 މީހުން ވޯޓުލީ ކަމަށް ވަގުތީ ނަތީޖާ އިން ދައްކަ އެވެ.
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓެއް!
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!