Roadha Mihaaru
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"

މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް ކަމަށް ވިދާޅުވެ ޒިޔާދުގެ ރައްދު އިބޫއަށް

13 މާޗް 2024

ކުރީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ ފައިސާ ނެތި ސިޔާސީ ބޭނުމަށް ކަމަށް ވިދާޅުވެ، އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ހޫނު ރައްދެއް މިއަދު ދެއްވައިފި އެވެ.

ކުރީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ ފައިސާ ނެތި ސިޔާސީ ބޭނުމަށް ކަމަށް ވިދާޅުވެ، އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ހޫނު ރައްދެއް މިއަދު ދެއްވައިފި އެވެ.

ކުރީގެ ސަރުކާރުން ހާއްސަކޮށް އަތޮޅު ތެރޭގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ށ. މާއުނގޫދޫގައި އޮތް އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި އިބޫ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓައިނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިޔަސް، މި ސަރުކާރުން ކަން ކަން ކުރަނީ އެ ވައުދާ ދިމާ އިދިކޮޅަށް ކަމަށް ވެސް އެ މަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ސޯލިހުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޒިޔާދު ވިދާޅުވި ގޮތުގައި ރަށްރަށުގައި މަޝްރޫއުތައް ކުރީގެ ސަރުކާރުން ފަށާފައިވަނީ ފައިސާ ނެތި ސިޔާސީ ބޭނުމަށެވެ.

"އަދި ޕްރޮޖެކްޓްސްތަކަށް ސަޕްލައި ކުރާ ކޮމްޕެނީސްތަކުން މެޓީރިއަލްސް ސަޕްލައި ކުރުވީ ކްރެޑިޓަށް، ނަމަވެސް ފައިސާ ދޭނެ ޕްލޭނެއް ނެތި،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން އެމްޓީސީސީ އާ ހަވާލުވި އިރު ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށް ޒިޔާދު މީގެ ކުރިން ވިދާޅުވެފައިވާ އިރު، އޭނާ މިއަދު ވިދާޅުވީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކުރީގެ ސަރުކާރުން ތެޔޮ ވެސް އަޅާފައިވަނީ ކްރެޑިޓަށް ކަމަށާއި، އެމްޓީސީސީއަށް މި ހާލު ޖެއްސީ ރައީސް އިބޫ ކަމަށެވެ.

"އެހެންވީމާ، ގޯސް ހައްދަވާފައި، މިހާރު ހެޑްލައިން އަޅުއްވަން ނުހައްދަވާ،" ޒިޔާދު ވިދާޅުވި އެވެ.

މި ވެރިކަން ފެށި، އެމްޓީސީސީއާ، އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި އެ ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް އިރު، އެ ކުންފުނިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށް މިދިޔަ ބުދަ ދުވަހު ޒިޔާދު ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

ޒިޔާދު ވިދާޅުވީ، ކުރީގެ މެނޭޖްމެންޓްގެ ބައެއް އަމަލުތައް ހުރި ގޮތުން ބައެއް މަޝްރޫއުތައް ހުރީ މަޑުޖެހިފައި ކަމަށެވެ.

އޭނާ ވިދާޅުވީ، މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާ ކަމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތައް ހުރި ކަންކަމާ ގުޅޭ ގޮތުން އޮޑިޓްތައް ހަދަމުން އަންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ.