17 އޮކްޓޯބަރ 2023
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި 400،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމް މިއަދު ހުޅުވައި، ބޭނުންކުރަން ފަށައިފި އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި 400،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމް މިއަދު ހުޅުވައި، ބޭނުންކުރަން ފަށައިފި އެވެ.
މިއީ ގައުމީ އެއާލަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ ފުރަތަމަ ފިއުލް ފާމެވެ.
ފިއުލް ފާމް ބޭނުންކުރަން ފެށުމުގެ ގޮތުން މާފަރު އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝަނުން މިއަދު ހަވީރު މި އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ މުހައްމަދު މިހާދު އާއި އެމްއައިބީގެ އެމްޑީ/ސީއީއޯ މުފައްދަލް އިދުރީސް ރިބަން ކަނޑުއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި ފިއުލް ފާމް ޕްރޮޖެކްޓަށް ފައިނޭންސް ކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދުރީސް ކުމްރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ފިއުލް ފާމް ހުޅުވުމާ އެކު މާފަރު އެއާޕޯޓުން މިހާރު ދެމުން އަންނަ ހިދުމަތްތައް ވެސް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. އަދި މި ފިއުލް ފާމުގެ ސަބަބުން އެއާޕޯޓަށް ކުރާ ދަތުރުތައް ވެސް އިތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މާފަރު އެއާޕޯޓަށް މިހާރު އަހަރަކު 700 ފްލައިޓް ބާއްވާ ކަމަށެވެ. މި ފިއުލް ފާމާ އެކު އެ އަދަދު ދެގުނަ ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ކުރިއަށް އޮތް ތަނުގައި މާފަރު އެއާޕޯޓަށް ކުރާ އިންޓަނޭޝަނަލް ދަތުރުތައް ވެސް އިތުރުކޮށް، ކައިރީގައި ހުރި އަތޮޅުތަކަށް ވެސް އޭގެ ފައިދާ ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މިހާދު ވިދާޅުވި ގޮތުގައި، މި ފިއުލް ފާމާ އެކު ކުންފުންޏަށް ވަންނަ އާމްދަނީ ވެސް އިތުރުކުރެވޭނެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމުގައި ތެޔޮ އުފުލަން ގެންގުޅޭ ބައުޒަރެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
• 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެ.
• މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ.
• މަތިންދާބޯޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު ހުންނާނެ.
• ދެވަނަ ބައުޒަރުގެ ކެޕޭސިޓީގައި 20،000 ލިޓަރު ހުންނާނެ.
• ފިއުލް ފާމް ހިންގާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން.
• އެއް ފަހަރާ ގިނަ މަތިންދާބޯޓުތަކަށް ތެޔޮ އެޅޭނެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައުޒަކަށް ތެޔޮ ބަރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަރު އެއާޕޯޓަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓެވެ. މިދިޔަ އަހަރު ވެސް މި އެއާޕޯޓަށް 400 އަށް ވުރެ ގިނަ ޖެޓު ޖައްސާފައިވެ އެވެ.
އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އެއާޕޯޓު ހުޅުވީ 2019 ގަ އެވެ.
ގާތްގަނޑަކަށް 2،200 މީޓަރުގެ ދިގު ރަންވޭއެއް އޮންނަ މި އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އެއާޕޯޓު ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި އަހަރު ކުރީކޮޅު ވަނީ ފަށައިފަ އެވެ. އެއާޕޯޓުގެ ޓާމިނަލުން މިހާރު އެއްފަހަރާ 100 ފަސިންޖަރުންނަށް ހިދުމަތް ދެވޭއިރު، ދެވަނަ ފިޔަވަހި ނިމޭއިރު އެއްފަހަރާ 300 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި އެއާޕޯޓުގެ ރަންވޭ އިތުރު 650 މީޓަރަށް ދިގުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
މި އެއާޕޯޓު އޮންނަ ސަރަހައްދުގައި މަތީ ފެންވަރުގެ ގިނަ ރިސޯޓުތައް ވެސް ހިންގަ އެވެ. އޭގެ ތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ. އެހެންވެ، މި އެއާޕޯޓުން ދަތުރުކުރާ މީހުން ވެސް ވަރަށް ގިނަ އެވެ.
މާފަރު އެއާޕޯޓުގައި 4 ލައްކަ ލީޓަރުގެ ފިއުލް ފާމެއް
މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ
މާފަރު އެއާޕޯޓުގެ ތައްޔާރީތައް ވެސް ބަލައިފި
މާފަރު އެއާޕޯޓް: 12 އަހަރުގެ ދިގު އިންތިޒާރެއް
މާފަރު އެެއާޕޯޓަށް ދަތުރުތައް ފަށައިފި
މާފަރު އެއްކޮޅު ޓިކެޓެއް 750ރ. އަށް
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް