Roadha Mihaaru

ލޯކަލް ޓޫރިޒަމް ފުޅާކުރަން މޯލްޑިވިއަން އިން ޓޫރިސްޓުންނަށް އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި

ފްރީ އިންޑިޕެންޑެންޓް ޓްރެވެލާ (އެފްއައިޓީ) ގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޓިކެޓަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެކަން މިއަދު އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަންއިން އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި

ފްރީ އިންޑިޕެންޑެންޓް ޓްރެވެލާ (އެފްއައިޓީ) ގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޓިކެޓަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެކަން މިއަދު އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގަައި ބުނީ އެފްއައިޓީގެ ގޮތުގައި އަންނަ ޓޫރިސްޓުންނަށް ޑިސްކައުންޓެއް ދޭން ނިންމީ ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކަކީ އެފަދަ ޓޫރިސްޓުންނަށް އަތްފޯރާ އަގެއްގައި ކުރާ ދަތުރުތަކަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އެ އެއާލައިނުން ބުނީ މިކަމުގެ ސަބަބުން ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ގެނެސް ރައްޔިތުންނަށް ލިބޭ އިގުތިސާދީ ނަފާ އިތުރުވާނެ ކަމަށެވެ.

"މިއީ ލޯކަލް ޓޫރިޒަމަށް އެހީތެރިވުމަށް ތައްޔާރަށް ތިބުމާ އެކު އަޅުގަނޑުމެންގެ ފަސިންޖަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެއް،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޖުތަމައުގެ ހިތާ ދަތުރުވެރިން ގުޅުވައިލުމަކީ މޯލްޑިވިއަން އިން ފަހުރުވެރިވާ ކަމެކެވެ.

"...އަތްފޯރާ އަގުތަކެއްގައި ފެއާތައް ތައާރަފްކޮށް، ހިދުމަތް ފުޅާކޮށް، އަޅުގަނޑުމެން މި އެހީތެރިވަނީ ޓޫރިޒަމްގެ ފައިދާ ފުޅާ ދާއިރާއެއްގައި މުޅި ގައުމަށް ފަތުރައިލަން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި އެ ލޯކަލް ޓޫރިޒަމަށް އެހީތެރިވުމުގެ ގޮތުން އެ އެއާލައިނުން މިހާރު ވެސް އަންނަނީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް ކޯޕަރޭޓް ރޭޓްތަކެއްގައި ހިދުމަތް ދެމުންނެވެ.

މޯލްޑިވިއަން އަކީ ރާއްޖޭގެ އެތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުގެ ހިދުމަތް ދެމުން އަންނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖޭގެ އެތެރޭގައި 17 މަންޒިލަކަށް ދަތުރުކުރެ އެވެ. މޯލްޑިވިއަން އިން ބުނީ އެފްއައިޓީގެ ގޮތުގައި އަންނަ ޓޫރިސްޓުންނަށް އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދޭނެ ކަމަށެވެ.