Roadha Mihaaru
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ

ޓޫރިސްޓް ސީޒަނާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދެ ސީ ޕްލޭން ގެންނަނީ

06 ޑިސެމްބަރ 2017

މި އަހަރުގެ ޓޫރިސްޓް ސީޒަނާ ދިމާކޮށް، މޯލްޑިވިއަނުން ގެންނަ ދެ ސީޕްލޭންގެ ތެރެއިން ފުރަތަމަ ބޯޓް މިއަދު ރާއްޖެ އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރުގެ ޓޫރިސްޓް ސީޒަނާ ދިމާކޮށް، މޯލްޑިވިއަނުން ގެންނަ ދެ ސީޕްލޭންގެ ތެރެއިން ފުރަތަމަ ބޯޓް މިއަދު ރާއްޖެ އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް ގެންނަނީ މި އަހަރު ގެންނަން ނިންމާފައިވާ ދެ ބޯޓު ކަމަށެވެ.

"އިތުރު ތަންތަނަށް ސޮއިކޮށްފައި ވާތީ އާއި ޓޫރިސްޓް ސީޒަނާ ދިމާކޮށް އަވަހަށް މި ބޯޓުތައް ގެންނަނީ. މީގެ ދެވަނަ ބޯޓު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މިއަދު ރާއްޖެ އަންނަ ބޯޓުގެ ފުރޮޅުތައް ބަދަލުކުރުމަށް ފަހު، ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބުމާއެކު ދަތުރުތަކުގައި ބޭނުން ކުރަން ފަށާނެ އެވެ.

"މި ބޯޓު ވެސް ހަފުތާއެއްގެ ތެރޭގައި އޮޕަރޭޝަނަށް ނެރެވޭނެ. ދާދި ފަހުން އަޅުގަނޑުމެން ވާނީ އިތުރު ތަންތަން ދަތުރު ކުރަން ސޮއިކޮށްފައި. އެހެންވީމާ ވީހާ ވެސް އަވަހަކަށް ދަތުރުތައް ފަށަން މަސައްކަތް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ 15 ގޮނޑީގެ ބޯޓެވެ. މި ބާވަތުގެ 10 ބޯޓު، މޯލްޑިވިއަނުން މިހާރު ވެސް ބޭނުން ކުރެ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ހިނގި ދެ އެކްސިޑެންޓަކާ ގުޅިގެން ދެ ބޯޓެއް ބޭނުމެއް ނުކުރެ އެވެ.

އައިލެންޑް އޭވިއޭޝަނުން މިދިޔަ އޮކްޓޯބަރު މަހު ވެސް ސީ ޕްލޭނެއް ރާއްޖެ ގެނަ އެވެ.