Roadha Mihaaru

އަންނަ އަހަރުގެ ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ

އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭން ހިދުމަތް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 އޯގަސްޓް 2025

އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭން ހިދުމަތް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެންމެ ކުރީ ސަފުގައި ދެހާހެއްހާ މީހުން ދިރިއުޅޭ ތޮއްޑޫ ފާހަގަކުރެވޭ ކަމަށެވެ.

އެ ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށް ސަރުކާރުން ކޮށްދޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭން ބޭސްއެއް ތޮއްޑޫގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ތޮއްޑު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.

ރައީސް މުއިއްޒު މިއަދު ތޮއްޑު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.

ރައީސް ވިދާޅުވިގޮތުގައި، އޭގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި ދަތުރު ކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރެވޭވާނެ އެވެ.

ރައްޔިތުން އެދޭ ގޮތަށް ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ރަނގަޅު ވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ސަރުކާރުން އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަދި އެ މަނިކުފާނު ވަނީ އެއްވެސް ރައްޔިތެއްގެ ކަންބޮޑުވުމެއް އޮތް ނަމަ އެކަން ހުށަހެޅުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައި ވަނީ ތޮއްޑުއަށް ސީޕްލޭން ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ރިސޯޓްތަކަށް އެކަނި ހިދުމަތް ދިނުމުގެ ބަދަލުގައި، ގެސްޓް ހައުސް ވިޔަފާރިތަކާއި އާއްމު ރައްޔިތުންނަށް ވެސް ހިދުމަތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް ކަމަށެވެ.