Roadha Mihaaru
މާފަރު އެއާޕޯޓް: 12 އަހަރުގެ ދިގު އިންތިޒާރެއް

މާފަރު އެއާޕޯޓާ އެކު 12 އަހަރުގެ އިންތިޒާރު ނިމުމަކަށް!

02 ޑިސެމްބަރ 2019

ބަރަވެލި ކަނޑާއި ކާށިދޫ ކަނޑު ފަދަ ރާއްޖޭގައި ރާޅު ބޮޑު، ގަދަ ސަރަހައްދުތައް ހުރަސްކޮށް ނ. މާފަރާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން މާލެއަށް ކުރާ ދަތުރުތަކުގެ ބަދަލުގައި ވައިގެ މަގުން، ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތް، މާފަރުގައި އެޅި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓާ އެކު އިއްޔެ އެވަނީ ފަހިވެފަ އެވެ. މާފަރުގެ ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުމެވެ. އެ ރަށުގައި އެއާޕޯޓެއް އަޅަން ދުށް ހުވަފެން ހަގީގަތަކަށް ވިކަން ގަބޫލުކުރަން ވެސް ބައެއް މީހުންނަށް ދަތިވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަރަވެލި ކަނޑާއި ކާށިދޫ ކަނޑު ފަދަ ރާއްޖޭގައި ރާޅު ބޮޑު، ގަދަ ސަރަހައްދުތައް ހުރަސްކޮށް ނ. މާފަރާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން މާލެއަށް ކުރާ ދަތުރުތަކުގެ ބަދަލުގައި ވައިގެ މަގުން، ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތް، މާފަރުގައި އެޅި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓާ އެކު އިއްޔެ އެވަނީ ފަހިވެފަ އެވެ. މާފަރުގެ ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުމެވެ. އެ ރަށުގައި އެއާޕޯޓެއް އަޅަން ދުށް ހުވަފެން ހަގީގަތަކަށް ވިކަން ގަބޫލުކުރަން ވެސް ބައެއް މީހުންނަށް ދަތިވި އެވެ.

ގާތްގަނޑަކަށް 1،200 މީހުންގެ އާބާދީއެއް އޮންނަ ރަށުގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ހާވަލުކުރީ 2007 ވަނަ އަހަރު އެވެ. އޭރު އެ މަސައްކަތް ކުރީ، ކޯސްޓްލައިނާ ހަވާލުކޮށްގެންނެވެ. ސަރުކާރުން އެއާޕޯޓަށް އެރަށުން ބިން ކަނޑައަޅާ، މަސައްކަތް ހަވާލުކުރި ނަމަވެސް 2013އާ ހަމަޔަށް، ރުށްތައް ނަގައި، ބިން ކޮންމެވެސް ވަރަކަށް ބިން ސާފުކުރުން ފިޔަވާ އިތުރު ކަމެއް ނުވި އެވެ.

އެކަމާ ހިތްހަމަނުޖެހި ރަށުގެ ރައްޔިތުންނާއި އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ރައްޔިތުން ވެސް ބައިވެރިވެ، ވަރުގަދަ އިހްތިޖާޖެއް ކުރި އެވެ. ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅި އެވެ. ގާތްގަނޑަށް 28 ދުވަހަށް ދެމިގެންދިޔަ އެ މުޒާހަރާގައި ރައްޔިތުން އެންމެ ހަރު ހަޑުން ގޮވީ، އެއާޕޯޓުގެ މަސައްކަތް ފަށާނެ ތާރީހެއް ކަނޑައަޅާ ދިނުމަށެވެ.

ނަތީޖާއަކަށް ވީ މާފަރު އެއާޕޯޓު ހަދަން ކޯސްޓް ލައިންނާ އެކު ވެފައިވާ އެއްބަސްވުން، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އުވާލުމެވެ. އެވަރުން ވެސް ރަށުގެ ރައްޔިތުން އުންމީދު ކަނޑައެއް ނުލި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށޭވަރުވީ، އެކި ކުންފުނިތަކަށް ހަވާލުކޮށް ނުވެގެން، ތަފާތު ގޮތްގޮތަށް ސިޔާސަތު ބަދަލުކުރަމުން ގޮހެވެ. މިލޭނިއަލް ކެޕިޓަލްއިން އެއާޕޯޓާ ހަވާލުވެގެން އުޅެނިކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ފަޅާއެރުމުން އެކަން ހުއްޓުނެވެ. ދެން އެއާޕޯޓް އެޅުމުގެ މަސްއޫލިއްޔަތާ ހަވާލުވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުނި "ސަން ސިޔާމް" އެވެ. ނަމަވެސް މަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ. އެންމެ ފަހުން މާފަރު އެއާޕޯޓް އަޅައި، ނިންމާލެވުނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމުންނެވެ.

މިކަން ބާރު ސްޕީޑުގައި ނިމި، އެއާޕޯޓުގެ ބޭނުން ކުރަން ފެށުމުން ރައްޔިތުން މިހާރު ތިބީ ވަރަށް އުފަލުންނެވެ. އެއާޕޯޓްގެ ސަބަބުން ރަށަށް އިތުރު ތަރައްގީ އަންނާނެ ކަމަށް ރައްޔިތުން އުންމީދު ކުރެ އެެވެ.

މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވީ އެއާޕޯޓާ އެކު ރަށުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ވުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ގާތްގަނޑަކަށް 140 ހެކްޓަރުގެ ބޮޑު ރަށުގައި މި ވަގުތު ދިރިއުޅެނީ 600 އެއްހާ މީހުންނެވެ. އެއާޕޯޓާ އެކު ރަށުގައި ދިރިއުޅޭ އާބާދީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މީގެ އިތުރުން ރަށުގައި ބޭންކިން ހިދުމަތާއި ފުލުހުން މަރުކަޒުގެ އިތުރުން ނަރުދަމާ އާއި ފެނުގެ ފުރިހަމަ ނިޒާމެއް ވެސް ވަރަށް އަވަަހަށް އަންނާނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު ސެކިއުރިޓީ ޗެކިން: އެއާޕޯޓާ އެކު ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށް ބެލެވޭ -- ފޮޓޯ: މިހާރު

އެއާޕޯޓު ސެކިއުރިޓީ ޗެކިން: އެއާޕޯޓާ އެކު ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށް ބެލެވޭ -- ފޮޓޯ: މިހާރު

"ސިއްހީ ކަންކަމުގައި ދަތުރު ކުރަން ޖެހެނީ. މީހުން ބަލިވީމަ މާލެ ދާން މި ޖެހެނީ. މމި ސަރަހައްދުގައި ވެސް ރަނގަޅު ސިއްހީ ނިޒާމެއް ނެތީ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އުންމީދު ކުރަނީ ނ. އަތޮޅުގައި ސިއްހީ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށް އެއާޕޯޓާ ގުޅިގެން،" މާޖިދު ވިދާޅުވި އެވެ.

އިންވެސްޓަރުންގެ ޕްރޮޕޯސަލްތައް ރަަށަށް

މާފަރު އެއާޕޯޓާ އެކު ރަށުގައި އެކި ކަންކަމުގައި އިންވެސްޓް ކުރަން ކައުންސިލަށް މިހާރު ވެސް ޕްރޮޕޯސަލްތައް ލިބޭ ކަމަށް ވެ އެވެ. އެންމެ ގިނައިން އަންނަނީ ރަށުގައި ގެސްޓް ހައުސް ހެދުމުގެ ހުށައެޅުންތަކެވެ.

މާޖިދު ވިދާޅުވީ ގެސްޓް ހައުސްތައް އަޅަން ބޭނުންވެގެން، އެކަމަށް ބިން ދޫކުރަނީ ކޮން އިރަކުތޯ ވަރަށް ގިނަ ބަޔަކު އަހަމުންދާ ކަމަށެވެ. އެކަން އަވަސް ކުރަން ޓޫރިޒަމް މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ-- ފޮޓޯ: މިހާރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ-- ފޮޓޯ: މިހާރު

"މިރަށުގައި އިންވެސްޓް ކުރަން ބޭނުންވާ ބައިވަރު ބޭފުޅުން ވެސް އެބަ ތިބި. އެއާޕޯޓު ނުހުޅުވިގެން މަޑުކޮށްގެން ވެސް އެބަ ތިބި. އެހެން ނަމަވެސް އެ ބޭފުޅުން އިންޓްރެސްޓް ވަރަށް ބޮޑަށް އެބަހުރި މާފަރުގައި އެކި ބިޒްނަސް ކުރަން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ތިބީ އުފަލުން

އެއާޕޯޓުގެ އޮޕަރޭޝަން އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތަށް ދިޔަ މާފަރުގެ ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ، އުފަލާއި ހިންހަމަޖެހުމެވެ.

އަބްދުއް ރައޫފު ބުނީ ކަނޑު ގަދަވެއްޖިއްޔާ ތިބެން ޖެހެނީ ރަށުން ނުފުރިފައި ކަމަށާއި އެއާޕޯޓާ އެކު އެ ހުރަސް ނެތިއްޖެ ކަމަށެވެ.

އެރަށުގެ އެހެން މީހެއް ކަމަށް ވާ ރުހްސާނާ އާދަމް ބުނި ގޮތުގައި ޝެޑިއުލް ދަތުރުތައް ފެށުނުކަން ގަބޫލުކުރަން އަދިވެސް އުނދަގުލެވެ.

"އެހާ ދުވަސް ވެއްޖެ މި އެއާޕޯޓަށް އިންތިޒާރު ކުރާތާ. ހުޅުވޭނެއޭ ކިޔާ ވަރަށް ތާރީހުތައް ދިން ފަހުން ހުޅުވުނީމަ ވަރަށް އުފާވޭ. އަޅުގަނޑުމެންގެ ރަށާއި އަތޮޅުގެ ތަރައްގީއަށް ދޮރެއް ހުޅުވުނީމަ ވަރަށް އުފާވެފައި އަޅުގަނޑުމެން މިތިބީ،" އޭނާ ބުންޏެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: މާފަރު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްގެ ނިމުން -- ފޮޓޯ: މިހާރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: މާފަރު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްގެ ނިމުން -- ފޮޓޯ: މިހާރު

މާފަރުގަައި އެއާޕޯޓް އަޅަން ރަށުން ބޮޑު ސަރަހައްދެއް ދިނުމަކީ، އެއްބައެއްގެ ނަޒަރުގައި، ރަށުގެ ރައްޔިތުންވީ ގުރުބާނީއެކެވެ. އެއާޕޯޓަށް ބިން ދޫކުރި އިރު އެތަނުގައި ހުރި ގެވަޅުތައް ވެސް ވަނީ ދޫކޮށްލައިފަ އެވެ.

މާފަރު ސްކޫލު ޓީޗަރެއް ކަމަށް ވާ، އައިޝަތު އިބްރާހިމް ދެކޭ ގޮތުގައި ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ފަހިވުމަކީ ތަރައްގީއަށް ލިބުނު ފުރުސަތެކެވެ. އައިޝާ ގެންދަނީ މިހާރު ވެސް ރަށުގައި ކެފޭއެއް ހިންގަމުންނެވެ. އެއާޕޯޓުގެ މަސައްކަތް ފެށުނު ފަހުން ކެފޭގެ އާމްދަނީ ވަރަށް ބޮޑަށް އިތުރު ކަމަށް އޭނާ ބުންޏެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަނާ އެކު ކުރިއަށް އޮތް ތަނުގައި ވިޔަފާރި އެއަށް ވުރެ ވެސް ފުޅާވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

މާފަރު އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސާފައި-- ފޮޓޯ: މިހާރު

މާފަރު އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސާފައި-- ފޮޓޯ: މިހާރު

އޭނާ ބުނީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުން ރަށުގެ އާންމުންގެ ދިރިއުޅުމުގެ ފެންވަރަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.

މާފަރަށް ކުރާ ދަތުރުގެ ޓިކެޓްގެ އަގާ މެދު ވެސް ރަށުގެ ގިނަ ބަޔަކު ހިތްހަމަޖެހެ އެވެ.

"ގަދަ ކަނޑުތަކަށް ވެސް އެރީ 750ރ. ދީގެން ލޯންޗުގައި. އަތޮޅުގެ ހުރިހާ ރަށަކަށް ޖައްސަމުން ޖައްސަމުންް ލޯންޗު ދަނީ. އެހެންވީމަ ހައްޓަށާއި ވަގުތައް ބަލާ އިރު މިހާރު ހުރި އަގަކީ ފީޒަބަލް އަގެއް ކަމަށް ގަބޫލުކުރެވެނީ،" އައިޝާ ބުންޏެވެ.

ބިން ބޮޑު ރަށެއް ކަމުން ރަށުގެ ކޮންމެ ދެމަފިރިއަކަށް ވެސް ފަސޭހަކަމާ އެކު ގޯތި ލިބެ އެވެ. އަދި އެއާޕޯޓާ އެކު ގެ ކުއްޔަށް ދީގެން ވެސް އާމްދަނީ ހޯދޭނެ ދޮރު ހުޅުވިއްޖެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތް ދޭން ފެށުމުން، އެކަމަށް ކުރި ދިގު އިންތިޒާރުގެ ނިމުން ފޮންޏެވެ. މިއީ އަނެއްކާވެސް ރާއްޖޭގެ ރަށަކަށް އައި ބޮޑު ތަރައްގީއެކެވެ.