Roadha Mihaaru
ތިން ރަށެއްގެ އެއާޕޯޓުގެ މަސައްކަތް ފަށާނަން: ރައީސް

ކުޅުދުއްފުއްޓާއި ފަރުކޮޅުފުނަދޫ އަދި މާފަރު އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް ޔާމީން

25 ސެޕްޓެމްބަރ 2017

ރާއްޖޭގެ ތިން ރަށެއްގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ތިން ރަށެއްގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު އަލުން ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާނެ ތިން ރަށަކީ ހދ. ކުޅުދުއްފުއްޓާއި ށ. ފަރުކޮޅުފުނަދޫ އަދި ނ. މާފަރުގެ އެއާޕޯޓެވެ.

"މި ތިން އެއާޕޯޓުގެ މަސައްކަތް ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީއާއެކު މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާނަން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު، އެތަން ރަސްމީކޮށް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު، އެތަން ރަސްމީކޮށް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ވައިގެ ބަނދަރުތައް ހެދުމަކީ ކުރިން އުނދަގޫ ކަމަކަށް ވިޔަސް، އެކަން ކުރަން މިހާރު ފަސޭހަ އެވެ. ރާއްޖޭގައި އެއާޕޯޓުތައް އެޅުމަކީ ދިވެހިން ދަތުރު ކުރުމަށް ލިބޭނެ އިތުރު ފަސޭހައެއް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެއާޕޯޓުތައް އެޅުމަކީ އިގުތިސާދީ ގޮތުން ރާއްޖެ އަށް އިތުރު ތަނަވަސްކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

"މި ދާއިރާތަކުން މަސްވެރިކަމާ އެކީގައި ޓޫރިޒަމްގެ ސިނާއަތް ފުޅާވެގެން ދިޔައީމަ އަޅުގަނޑުމެންގެ އާބާދީ އަށް އިތުރު ފައިދާތަކެއް ލިބިގެންދޭ. ވަޒީފާގެ ފުރުސަތު އިތުރުވެގެން ދޭ. މި ނޫން އެތައް ވިޔަފާރިތައް، ޓޫރިޒަމާ ގުޅުން ހުރި ވިޔަފާރިތައް އިތުރުވެގެން ދޭ،" ރައީސް ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު، އެތަން ރަސްމީކޮށް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު، އެތަން ރަސްމީކޮށް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއީ އިންވެސްޓަރުންނާ ރައްޓެހި ސަރުކާރެކެވެ. އެގޮތުން ސިންގަޕޫރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތިން ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއިރު، ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން 57.7 މިލިއަން ޑޮލަރަށް މެލޭޝިއާގެ ކުންފުންޏަކާ ޓޫރިޒަމް މިނިސްޓްރީން މިދިޔަ މާޗު މަހުގެ ކުރީކޮޅު ވަނީ ހަވާލުކޮށްފަ އެވެ. އެ ފަސް ރަށުގެ ތެރޭގައި ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދު އާއި ފ. ނިލަންދު އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާ ހިމެނެ އެވެ.