Roadha Mihaaru
އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓު ހުޅުވާނެ: ރައީސް

ކުޅުދުއްފުށީ އެއާޕޯޓު އަންނަ އަހަރު ނިންމައި ހިދުމަތް ދޭނެ: ރައީސް

25 އޮކްޓޯބަރ 2016

ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމައި ހިދުމަތް ވެސް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން، ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުށީގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމައި ހިދުމަތް ވެސް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން، ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ށ. ފަރުކޮޅު ފުނަދޫގައި ވެސް އެއާޕޯޓެއް މި ސަރުކާރުން އަޅައިދޭނެ ކަމަށެވެ. މިކަން ކުރަނީ ދަތުރު ފަތުރުގެ ފަސޭހައަކަށްޓަކައި ކަމަށް ވިދާޅުވި އެވެ.

ހދ. ހަނިމާދޫގައި އެއާޕޯޓެއް އޮއްވައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމާ ދޭތެރޭ އުފައްދާ ސުވާލުތަކަށް އަމާޒުކުރައްވައި ވިދާޅުވީ ހަނިމާދޫގައި އެއާޕޯޓެއް އޮތަސް އެ ރަށުން ކުޅުދުއްފުއްޓަށް ކަނޑުމަގުން ކުރަން ޖެހޭ ދަތުރުގެ ވޭނާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ. ހަމައެއާ އެކު ކުޅުދުއްފުއްޓަކީ އުތުރުގެ އާބާދީ އެންމެ ބޮޑު ރަށަށް ވެފައި އެ ސަރަހައްދުގެ ސިނާއީ މަސައްކަތާއި ތަރައްގީގެ ހަބަކަށް ވާނީ ވެސް ކުޅުދުއްފުށި ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ކުޅުދުއްފުއްޓަށް އެކަން [އެއާޕޯޓެއް] އަޅުގަނޑުމެން މިކުރަނީ،" ރައީސް ވިދާޅުވި އެވެ.

ހިރިމަރަދޫގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ. --ޓުވިޓާ ފޮޓޯ: ރައީސްޔާމީން2018

ހިރިމަރަދޫގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ. --ޓުވިޓާ ފޮޓޯ: ރައީސްޔާމީން2018

ކުޅުދުއްފުށީ އެއާޕޯޓުން އަންނަ އަހަރު ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެ މަސައްކަތް ބަޔަކާ ހަވާލުކުރި ކަމެއް ސަރުކާރުން އަދި އިއުލާން ނުކުރެ އެވެ. އެކަމަކު އެއާޕޯޓް އަޅާނެ ބަޔަކު ހޯދަން ދެ ފަހަރެއްގެ މަތިން އިއުލާންކުރި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓް ލަސްވެގެން ދިޔައީ، އެ ރަށުގެ ކައުންސިލާ ހެދި އެވެ. އެއާޕޯޓް އަޅަން ބޭނުންވާ އެއްބާރުލުން ކައުންސިލުން ނުލިބުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުޅުދުއްފުށީގެ އެއާޕޯޓް ހަދަން އެންމެ ފުރަތަމަ އުޅުނުއިރު އެ ވަރުގެ ތަރުހީބެއް ކުޅުދުއްފުށީގެ ފަރާތުން ލިބުނު ނަމަ އެއާޕޯޓު އޮންނާނީ ހެދިފައި. އެހެން ނަމަވެސް އޭރު އެ އެއްބާރުލުމެއް ކައުންސިލަކުން އަޅުގަނޑުމެންނަކަށް ނުލިބުނު،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުން ބޭނުންވާ ގޮތަށް އެއާޕޯޓް ހަދަން، ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލާއި ކުޅުދުއްފުށީ ރައްޔިތުން މިހާރު ތިބީ ރުހިގެންނެވެ. ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ޕާޓީތަކަށެވެ.

ކޮންމެ އެއާޕޯޓެއް ތަރައްގީކުރަން 14 މިލިއަން ޑޮލަރު ހޭދަވާކަމަށާއި އެއާޕޯޓް ތަރައްގީކުރަން ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލުމަށް ފަހު ވެސް ކޮންމެ ގޮތަކުން ނަމަވެސް އަންނަ އަހަރު އެއާޕޯޓް ސަރުކާރުން ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.