Roadha Mihaaru
ރައީސް ޔާމީން ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް

ރައީސް ޔާމީން ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް ވަޑައިގަންނަވަނީ

21 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީން ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް މާދަމާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް މާދަމާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ރައީސް ޔާމީން މާދަމާ މެންދުރު ފަހު، އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނޮޅިވަރަމްފަރަށެވެ. ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ ހަވީރެވެ.

އެމަނިކުފާނު ނޮޅިވަރަމްފަރާއި ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ ސަރުކާރުން އެ ދެ ރަށުގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.

އެގޮތުން، ނޮޅިވަރަމްފަރުގައި ހެދި ބަނދަރު ރައީސް ޔާމީން ހުޅުއްވައި ދެއްވާނެ އެވެ. އުތުރުގައި އެންމެ އާބާދީ ބޮޑު ކުޅުދުއްފުއްޓަށް ރައީސް ޔާމީން ވަޑައިގަންނަވަނީ އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.

ރައީސްގެ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހދ. ގެ ދެ ރަށަކަށް ރައީސް މާދަމާ ވަޑައިގަންނަވާ އިރު، އެމަނިކުފާނު ދާދި ފަހުން ވަނީ ގއ. ގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އެ ރަށްތަކަށް ވެސް ވަޑައިގަތީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާއިރު، އެ ރަށުގައި އެއާޕޯޓެއް ހެދުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެކެވެ. ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެން ތިން މަހަށް ވެފައިވާއިރު، އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައިވީ ނަމަވެސް ނިމޭނެ އިރެއް އަދިއެއް ނޭނގެ އެވެ.