Roadha Mihaaru
ފިނޭ ވަށާލާފައި އޮތީ 40އަހަރުން ނުލިބުނު އުފާވެރިކަން

ފިނޭ ވަށާލާފައި އޮތީ 40 އަހަރުން ނުލިބުނު އުފާވެރިކަން!

29 ސެޕްޓެމްބަރ 2022

ކުޑަ ރަށަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ ހެއްޔެވެ؟

ފަޒީނާ އަހުމަދު ހދ. ފިނޭއިން ފަޒީނާ އަހުމަދު

ކުޑަ ރަށަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ ހެއްޔެވެ؟

ބޭކާރު ކަމެކެވެ! މިއީ ވޭތުވެދިޔަ 40 އަހަރު ސަރުކާރުތަކުން ފިނޭއަށް ދިން ސާފު ޖަވާބެވެ. މި ރަށް އޮތީ ތަރައްގީގެ ސަފުން އެކަހަރިކޮށް ބާކީކޮށްފަ އެވެ. ވެރިންގެ ބިޒީ ޝެޑިއުލުން ވަގުތެއް ހޯއްދަވައި މި ރަށަށް ވަޑައިގަންނަވަން އިސްކަމެއް ނުދެއްވަ އެވެ. އަހަރުން އަހަރަށް ދައުލަތުގެ ބިޔަ ބަޖެޓު ބައި އަޅާއިރު މި ރަށުގެ ރައްޔިތުން ނުހިމަނަ އެވެ. މި ރަށުގެ ބަދުނަސީބަކަށް ވެފައި އޮތީ، ސިޔާސީ ބާރުވެރިކަން ހޯދަން ނަގާ ވޯޓުތަކުގައި މާ ބޮޑު ހިއްސާއެއް ވެދެވެން ނެތުމެވެ.

ފިނޭގެ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ: މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތީ މި ރަށަށް ކޮށްދޭ ކަންތައްތައް ބަލައިގަންނާތީ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

ފިނޭގެ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ: މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުކުތީ މި ރަށަށް ކޮށްދޭ ކަންތައްތައް ބަލައިގަންނާތީ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

"އެއީ މިހާތަނަށް ހިނގި ބޭއިންސާފަކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ރަށް ކުޑަވެފައި އާބާދީ ކުޑަވުމަކީ ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ނުވަތަ ލިބެން ޖެހޭ ހައްގެއް ނިގުޅައިގަންނަން ޖެހޭނެ ކަމެއް ކަމަކަށް. އަދި ބޮޑެތި ރަށްރަށަށް ކަންކަން ހަމަޖެހެންދެން މި ރަށުގެ އަސާސީ ހިދުމަތް ފަސްކުރަމުން ކުރަމުން ވެސް ދާން ޖެހޭނެ ސަބަބެއް ކަމަށް," ކައުންސިލްގެ ރައީސް އަދުނާން އަބްދުﷲ "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވަނީ ހައްގުތަކުގައި އެންމެން ހަމަހަމަކުރަން ސަރުކާރުތަކަށް ޖެހޭނެ އެވެ. އެކަމަކު މިހާތަނަށް އެކަން އެގޮތަށް ހިނގަމުން ނުދިއުމަކީ އެ ރަށުގައި ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށް ވިދާޅުވި އެވެ.

އެ ހިތްދަތިކަން ބަދަލުވާ މަންޒަރު ފެށީ މި ސަރުކާރުގައި ފިނޭގައި ފެށި މަޝްރުއޫތަކުން ކަމަށް ވިދާޅުވި އެވެ. ކުޑަ ރަށަކަށް ވާތީ ފިނޭ އޮތީ މި ސަރުކާރުގައި ވެސް ބާކީވެފައި ކަަމަށް އެ ރަށުގެ ރައްޔިތުން މިހާރު ގަބޫލެއް ނުކުރެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާފު ބޯފެން ނުލިބި، ރައްޔިތުން އެތައް އުނދަގުލެއްގައި ދިރިއުޅުން ވޭތުކުރަން ޖެހުނެވެ. އެކަމަކު މި ރަށުގައި މިހާރު އެ އުނދަގޫ ދިރިއުޅުމުން އަރައިގަނެވުމުގެ އުފާވެރިކަން ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައްލަވާ މިތިބި ރައްޔިތުން. މިއިން ދުވަހަކު ވެސް މިހާ ގިނަ ބަޔަކު ވެރިއަކު އަންނާތީ މިގޮތަށް ބަނދަރުމަތީގައި އިންތިޒާރުގައި ނުތިބޭ," އަދުނާން ވިދާޅުވި އެވެ.

ފިނޭގެ ބައެއް މަޝްރޫއުތައް

- ސާފު ބޯފެން ކޮންމެ ގެއަކަށް ލިބުން.

- ނަރުދަމާ އެޅުން.

- އާ އިންޖީނުގެއަކާއި އޮފީސް އިމާރާތް.

- ރަށުގެ ކަރަންޓް ނެޓްވޯކް ބަދަލުކުރުން.

- އާރުޓީއެލްގެ ހައި ސްޕީޑް ފެރީ.

ފިނޭގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ފިނޭގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަދުނާން ވިދާޅުވި ގޮތުގައި ސްކޫލުގެ ކިޔެވުން މެންދުރު ދަންފަޅިއަށް ބަދަލުކޮށް، ކުދިބޮޑު އެންމެން ނުކުމެ ތިބީ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަކަން މި ރަށަށް ލިބޭ ކަމަށް ގަބޫލުކުރާތީ އެވެ. ބަނދަރުމަތިން އެކަނި ވެސް އެ މީހުން ނުކުމެ ތިބި ސަބަބުގެ ކިތަންމެ މަންޒަރެއް ދެއްކިދާނެ ކަަމަށް ވިދާޅުވި އެވެ.

އެއް ފަސޭހައަކަށް ކައުންސިލްގެ ރައީސް ދެއްކެވީ އާރުޓީއެލްގެ ފެރީގެ ނިޒާމަކަށް ބަނދަރު މަތީގައި ހަދާފައި ހުރި ހަޓެވެ. ފެރީ އަންނަންދެން އެ ތަނުގައި މަޑުކޮށްލައިގެން ތިބެވެނޭ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ދެން ދެއްކެވީ ހިނގަމުންދާ ނަރުދަމާގެ މަޝްރޫއު އާއި ފުރިހަމަވަމުން އަންނަ އެހެން ހިދުމަތްތަކެވެ.

ފިނޭގެ ބަނދަރުގައި ހަދާފައިވާ އާރުޓީއެލްގެ ފެރީ ޓާމިނަލް: ދަތުރުފަތުރުގައި ވެސް މި ރަށަށް ވަނީ ލުއި ފަސޭހަކަން ލިބިފައި.

ފިނޭގެ ބަނދަރުގައި ހަދާފައިވާ އާރުޓީއެލްގެ ފެރީ ޓާމިނަލް: ދަތުރުފަތުރުގައި ވެސް މި ރަށަށް ވަނީ ލުއި ފަސޭހަކަން ލިބިފައި.

އަދުނާން ވިދާޅުވީ ރައްޔިތުން ނުކުމެ ތިބީ އެ ހިދުމަތްތައް ބަލައިގަންނާތީ ކަމަށެވެ.

"އިގްތިސާދީ ދޮރޯށި މި ރަށަށް މި ހުޅުވާލެވުނީ. ފެނާއި ނަރުދަމާ އާއި ކަރަންޓާ އެކު އަސާސީ ހުރިހާ ހިދުމަތެއް ފުރިހަމަވެގެން އައީމަ އިގްތިސާދީ ގޮތުން ކުރިއެރުން އަންނާނެ," އޭނާ ވިދާޅުވި އެވެ.

ގިނަ ޒުވާނުން ރިސޯޓްތަކުގެ ވަޒީފާގައި އުޅޭ މި ރަށުގައި ދެން އޮތީ ޓޫރިޒަމަށް ހުޅުވާލުމެވެ. ދެ ގެސްޓް ހައުސްއެއް ތަރައްގީކުރަމުން އެބަދެ އެވެ. މިއީ އިގްތިސާދީ ގޮތުން އަނެއްކާވެސް ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުވާނެ ކަމެއް ކަމަށް ކައުންސިލުން ދެކެ އެވެ.

މި ރަށަށް 11 މަޝްރޫއު ބަޖެޓްކޮށްފައިވާ އިރު ބައެއް ހިދުމަތްތައް ނިމިއްޖެ އެވެ. އަނެއް މަސައްކަތްތައް ދަނީ ހިނގަމުންނެވެ. މީގެ އިތުރަށް ރައީސް މިފަހަރު މި ރަށަށް ވަޑައިގަތުމުން ހުށަހެޅުއްވީ ބަނދަރު ބޮޑުކުރުމާއި ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ އިތުރުން ކުޑަކުދިން ކުޅޭނެ ޕާކެއް ތަރައްގީ ކުރުމަށެވެ.

ފިނޭއަށް އެކަންކަން ފުރިހަމަވާނެ ކަމަށް ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ކަމަކީ ރައްޔިތުންގެ ހިތްހަމަޖެހުން. މި މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް މި ލިބެނީ," ކައުންސިލް ރައީސް ވިދާޅުވި އެވެ.

ރައީސް ފިނޭގައި: މި ރަށުގައި ޓޫރިޒަމަށް ދޮރު ހުޅުވިފައިވާ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ފިނޭގައި: މި ރަށުގައި ޓޫރިޒަމަށް ދޮރު ހުޅުވިފައިވާ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމުގެ ފަސޭހަތަކާ އެކު މި ރަށުގެ އާއްމު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ދެއްކެވި ވާހަކަތަކާ އެކު ފަޚުރުވެރިވެވަޑައިގެން އަދުނާން ވިދާޅުވީ މަޝްރޫއުތަކާއި އާބާދީ އަށް ބަލާ ނަމަ ތަރައްގީގެ ގޮތުން މި ރަށާ ވާދަކޮށްލެވޭނެ ރަށެއް މި ސަރަހައްދުގައި ނޯންނާނެ ކަމަށެވެ.

"މިއީ، ހެޔޮ ބަދަލެއްގެ ގޮތުގައި ފިނޭން ބަލައިގަންނަނީ," އޭނާ ވިދާޅުވި އެވެ.