Roadha Mihaaru
4 އަހަރުގެ ބިޔަ މަޝްރޫއަކީ "ގަދަރުވެރި ރައްޔިތެއް"!

"ގަދަރުވެރި ރައްޔިތެއް": މިއީ ރައީސް ދެއްކެވި ބިޔަ މަޝްރޫއު!

06 ފެބުރުއަރީ 2023

މި ވެރިކަމުގެ ހަތަރު އަހަރުގެ ބޮޑު ބަދަލު ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި ގޮތުގައި ކޮންމެ ފަރުދަކާ ހަމައިންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ވެރިކަމުގެ ހަތަރު އަހަރުގެ ބޮޑު ބަދަލު ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި ގޮތުގައި ކޮންމެ ފަރުދަކާ ހަމައިންނެވެ.

ހިލޭ ޑިގްރީ އެވެ. މިނިމަމްވޭޖެވެ. ސިއްހީ ފަރުވާގެ ކުރިއެރުމާއި ފަސޭހަ ކަމެވެ. ތަފާތު ކުރުން ނައްތާލުމެވެ. ވަކި ރަށަކަށް ވީތީ އަސާސީ ހައްގުތަކުން މަހްރޫމް ނުކުރުމެވެ. ފެރީ ދަތުރުން ރަށްތައް ގުޅާލައި ހޯދައިދިން ލުޔާއި އެއްބައިވަންތަކެމެވެ. ގައުމަށް ގެނެވުނު ހަމަޖެހުމެވެ. އިގްތިސާދީ ބާރު ދުވެއްޔާ އެކު ކުރިއެރުމެވެ.

ރައީސްގެ ފަސް އަހަރުގެ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާނުގައި, ގައުމު މިސްރާބު ކުރެއްވި އަމާޒު ސާފުކޮށްދެއްވަމުން ވިދާޅުވީ ތަރުތީބުކުރި ސިޔާސަތުތަކުގެ މައްޗަށް މިހާތަނަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އިސްކަންދިން ކަންކަމުން ހެޔޮބަދަލެއް ގެނެވިއްޖެ ކަމަށް ވިދާޅުވި އެވެ.

ހުސްވި ޖެނުއަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް. އެއީ 3.5 ބިލިއަން ރުފިޔާ. ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ. -- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ފަރުދަކަށް ލިބޭ ކުރިއެރުމާއި ރަށްތަކާއި އަތޮޅުތައް ވަށާލާފައިވާ މަޝްރޫއުތަކުގެ އަދަދުން ފެންނަން އޮތީ ފުދުންތެރި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގެ މަންޒަރެވެ.

މި ހަގީގަތްތަކުގެ މައްޗަށް ދެން އޮތީ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ފަތުރާލުން ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ގައުމުގެ މިސްރާބު ރައީސް ވިދާޅުވެދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ގައުމުގެ މިސްރާބު ރައީސް ވިދާޅުވެދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މި ހިނގާ ދައުރުގައި ރައީސަށް ލިބިވަޑައިގަތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާއްމު މަސްލަހަތު ގެއްލިފައި އޮތް މި ގައުމަށް ގެނެވުނު ހަމަޖެހުމެވެ. އަޑުއެއްސެވުމާއި ދޫދެއްވުމާއި މަޝްވަރާގެ އުސޫލާއި ހިފަހައްޓަވަން ޖެހޭ އިންތަކާއި މިންތައް ފަހަނާޅާއިދިޔަ ނުދޭން އިސްކަމެއް ދެއްވި ކަމަށް ވިދާޅުވި އެވެ.

"ފާއިތުވި 4 އަހަރަކީ އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ މި ދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި 4 އަހަރު. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް," ރައީސް ވިދާޅުވި އެވެ.

"ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހިރައްޔިތެއް."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިިހަށް އިއްވެވުމަށް ރަސްމީ އިއްޒަތުގައި ރަތްދޫލައިގައި މަޖިލީހަށް ވަޑައިގަންނަވާއިރު، އަރިހުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު.---ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިިހަށް އިއްވެވުމަށް ރަސްމީ އިއްޒަތުގައި ރަތްދޫލައިގައި މަޖިލީހަށް ވަޑައިގަންނަވާއިރު، އަރިހުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު.---ފޮޓޯ: މަޖިލިސް

"އެންމެ އުސް ބިނާއަކީ ހެދި ހުރި އިންސާނާ"

ރައީސް ވިދާޅުވި ގޮތުގައި ގައުމަށް ގެންނަން އެމަނިކުފާނަށް އެންމެ މުހިންމީ ޒުވާނުންނަށް ތައުލީމާއި ތަރުބިއްޔަތާއި ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އިންވެސްޓްމަންޓެވެ. އެންމެ "އުސް ބިނާއަކީ ހެދި ހުރި އިންސާނާ" ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަތީ ތައުލީމަށް މައިންބަފައިންގެ އޮތް ކަންބޮޑުވުމާއި ސިއްހީ ފަރުވާއަށް އޮތް ތަކުލީފު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހައްލު ހޯދައިދީފައި ކަމަށެވެ.

ސްކޫލްތަކުގައި ތައުލީމަށް ހުރި ހުރަސްތައް ނައްތާލެވިއްޖެ އެވެ. ދަރިވަރުންނަށް ބޭނުންވާ ޖާގަ އާއި ވަސީލަތްތައް ތަނަވަސްކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމެއްގެ ބިންގަލަކީ ޓީޗަރުން ކަމަށްވާތީ، މުސާރަ ބޮޑުކޮށް ހެޔޮ ބަދަލުތަކަކަށް ތައުލީމީ ދާއިރާގެ މިސްރާބު ބަދަލުކޮށްލެވިފައިވާ ކަމަށެވެ.

ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ދަރިވަރުންނާ ރައީސް ބައްދަލުކުރަނީ-- ފޮޓޯ: ރައީސް އޮފީސް

ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ދަރިވަރުންނާ ރައީސް ބައްދަލުކުރަނީ-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ފަރުވާ ހޯދަން މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް ޓާޝަރީ ހޮސްޕިޓަލްތައް އެކި ސަރަހައްދުތަކަށް ބަހާލައި އަމަލީ މަސައްކަތް ހިނގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިއީ އަދި ނިމުމެއް ނޫން. ހިދުމަތް ފުޅާވެ، ކުރިއަރާ ދިޔަ ވަރަކަށް މިކުރިއެރުމަށް ބޭނުންވާ ބަދަލު ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުއްޓާއި އައްޑުއާ ހަމައިން ނިންމާލާ ކަމެއް ވެސް ނޫން. -- ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކަނި މި ދައުރުގެ ތެރޭގައި ގެނެވުނު ކުރިއެރުމަށް ބަލާއިރު ވެސް ލިސްޓު ދިގެވެ. ޒަމާނީ އެތައް ހިދުމަތަކުން ސިއްހީ ފަރުވާގެ ކުރީ ސަފަށް އެ ހޮސްޕިޓަލް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ އަދި ނިމުމެއް ނޫން. ހިދުމަތް ފުޅާވެ، ކުރިއަރާ ދިޔަ ވަރަކަށް މިކުރިއެރުމަށް ބޭނުންވާ ބަދަލު ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުއްޓާއި އައްޑުއާ ހަމައިން ނިންމާލާ ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

"ގދ. ތިނަދޫ، ލ.ގަން، ރ. އުނގޫފާރުގެ ޓާރޝަރީ ހޮސްޕިޓަލަށް ވެސް ހަގީގީ މާނައިގެ ޓާޝަރީ ބަދަލު ސަރުކާރުން އެބަ ގެންނަން. މީގެ އިތުރަށް 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި އަދި 50 އެނދުގެ ހޮސްޕިޓަލް 6 ރަށެއްގައި އިމާރާތް ކުރާނަން."

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވަރު ފުރިހަމަވާނީ މިދެންނެވި ހުރިހާ ހޮސްޕިޓަލްތަކާ އެކުގައި ކަމަށެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމި، ހުޅުވަން ތައްޔާރުކޮށްފައި -- ފޮޓޯ: ޖައުފަރު އަލީ | ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހެދި އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމި، ހުޅުވަން ތައްޔާރުކޮށްފައި -- ފޮޓޯ: ޖައުފަރު އަލީ | ކުޅުދުއްފުށި އޮންލައިން

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުވާނެ ކަން ވެސް ރައީސް މިއަދު ވަނީ އިއުލާންކުރައްވައިފަ އެވެ. މުސާރަ އެއްހަމަކޮށް ނިމޭއިރު ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުވާނެ ކަަމަށް ވިދާޅުވި އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގެ އަދަދުތައް

● ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލު ކުރިއަށް

● ތައުލީމީ ދާއިރާގެ އުމްރާނީ މަޝްރޫއު 509

● ހިލޭ ޑިގްރީގައި ކިޔަވާ 16315 ދަރިވަރުން

● ސްޓޫޑަންޓް ލޯން 1986 ދަރިވަރުންނަށް

● ދަރިވަރުންގެ ލޯންގެ އިދާރީ ފީ 5 ޕަސެންޓުން 1 ޕަސެންޓަށް

● ވަޒީފާއަށް 6000 މީހުން ތަމްރީންކުރުމުގެ މަޝްރޫއެއް

● މިނިމަމްވޭޖްގެ ހެޔޮ ބަދަލު 33,500 މީހުންނަށް ● ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިމޭނެ

● ލަފާފުރުމުގެ ދަތިކަން ހުރިހާ ރަށެއްގައި

ހައްލުވާނެ

● 76 ރަށެއްގެ އިންޖީނުގެ އަލަށް އިމާރާތްކުރެވިއްޖެ

● 144 ރަށަކަށް 313 ޖަނަރޭޓަރު

● ދެ އަހަރު ތެރޭގައި 39 ރަށެއްގެ އިންޖީނުގެ ދުވާލު ނިއްވާލެވޭނެ

● އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ މިދިޔަ މަހު, އެއީ 3.5 ބިލިއަން ރުފިޔާ

● އެސްއެމްއީ ބޭންކުން 1,100 މީހުންނަށް 1.6 ބިލިއަން ދޫކުރެވިއްޖެ

● ޓޫރިޒަމަށް 16,758 އެނދު އިތުރުކުރެވިއްޖެ

● 12 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް,

● ހަ ރަށެއްގައި 50 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރާނެ

● މުޅިން އަލަށް 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ

ކޮވިޑުގެ ވަބާއަށް ބަލިނުކޮށްލެވުނު ރާއްޖޭގެ އިގްތިސާދު

ކޮވިޑާ އެކު މުޅި ދުނިޔެ ހުއްޓި އަދި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރި އެވެ. ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އިގްތިސާދީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ރާއްޖެއަށް ވެސް ކުރިމަތިވި އަހަރުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު, އެހެން ގައުމުތަކުގެ ހާލަތަށް ނުވެއްޓި ރާއްޖެއަށް އަރައިގަނެވުނީ, ރައީސް ވިދާޅުވި ގޮތުގައި, މުހިއްމު ފިޔަވަޅުތަކަކާ އެކު މާލީ ސިޔާސަތަށް ގެނައި ބަދަލުންނެވެ. ރާއްޖޭގެ އިގްތިސާދީ އަޑިގުޑަން އެ ފިޔަވަޅުތަކުން ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މ.ދިއްގަރުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ކޮވިޑުގެ ދަތީގައި ވެސް މަޝްރޫއުތައް ނުހުއްޓައި ކުރިއަށް ގެންދިޔަ.

މ.ދިއްގަރުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ކޮވިޑުގެ ދަތީގައި ވެސް މަޝްރޫއުތައް ނުހުއްޓައި ކުރިއަށް ގެންދިޔަ.

ރައީސް ވިދާޅުވީ ކުރި މަސައްކަތާއި އަދިވެސް ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަގީގަތްތަކެއް ފެންނަން އެބަހުރި ކަމަށެވެ. އެއީ ރާއްޖޭގެ ހާލަތު, ރަނގަޅު އިގްތިސާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

"ހުސްވި ޖެނުއަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް. އެއީ 3.5 ބިލިއަން ރުފިޔާ. ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފައި," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ހިސާބުތައް ހުރީ ވެސް ކުރިއެރުން ހޯދޭނެ މިސްރާބަށް ކަމަށެވެ. މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވުރެން އިތުރަށް ޓޫރިސްޓުން ރާއްޖެ އައިއިރު މިހާރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި ޓޫރިޒަމަށް 16,758 އެނދު އިތުރުކުރެވިއްޖެ އެވެ.

ރައީސް ވިދާޅުވީ އުތުރާ ދެކުނަށް ޓޫރިޒަމް ފުޅާކުރުމުގެ މަޝްރޫއު ފެށެނީ އައްޑޫ އާއި ހަނިމާދޫގެ އިންޓަނޭޝަނަލް އެއަރޕޯޓުން ކަމަށެވެ.

"އެ އެއާޕޯޓްތައް ނިމެމުންދާއިރު އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތްވެސް ފަށައިފިން. އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫ އާއި އައްޑޫގައި ތަރައްގީކުރެވޭ 5 ރިޒޯޓަކީ މިދެންނެވި މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައީސް އޮފީސް

"ހަމައެގޮތަށް އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއާޕޯޓާ ގުޅިފައިވާ ރިޒޯޓްތައް. ކުރިއަށް އޮތްތަނުގައި އެސްއެމްބޭންކް ތައްޔާރު ވަމުންދާނީ މި ދެ ސަރަހައްދުގައި ކުދި ވިޔަފާރިވެރިން އުފައްދާ ކޮޅަށްޖެހުމަށް. ގެސްޓް ހައުސްތަކާ ސިޓީ ހޮޓާތަކުން އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި ފަހި ފުރުސަތު ލިއްބައި ދިނުމަށް."

ރައީސް ވިދާޅުވީ މަސްވެރިކަން ހުރީ ހެޔޮފާލުގައި ކަމަށާއި މިފްކޯގެ ކެޕޭސިޓީ އިތުރުކުރަން ކުރާ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާވެސް އިތުރު ބަދަލެއް އަންނާނެ ކަމަށެވެ.

އެގްރޯނެޓް ކުންފުންޏާ އެކު ދަނޑުވެރިންގެ އާމްދަނީއަށް މަގު ކޮށައިދެވިފައިވާ ކަމަށާއި އަމާޒަކީ މި އަހަރުގެ ނިޔަލަށް 750 ދަނޑުވެރިން އުފައްދާ ތަކެތި އެ ކުންފުނިން ގަތުން ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާ އިރު މަދުވެގެން 3.5 މިލިއަނަށް އިތުރުވާނެ އެވެ.

"އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫން. މިއަދު ފަށާ ހިންގާ ނިންމަމުން މިދާ މަޝްރޫއުތަކަކީ އެ ހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ތަންފީޒު ކުރަމުން އަންނަ މާލީ އިގްތިސާދު އަދި އިޖްތިމާއީ ހުރިހާ ސިޔާސަތެއް ގޮސްނިމެނީ މިދެންނެވި ނަތީޖާ ހާސިލްކުރަން ކަމަށެވެ.

"އެ ނަތީޖާ ލިބޭއިރު ވާ މާބޮޑު ރަނގަޅެއް އޮވޭ. އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި ސިނާއަތުތައް އުފެދި، މުޖުތަމައުގެ ހަމަޖެހުމާ އަމާންކަން ހެދި ފޯދި ތަފާތުތައް ނެތި ދާނެ ނަތީޖާ." ރައީސް ވިދާޅުވި އެވެ.

ގޮނޑޮދޮށަށް ހުއްޓިފައިވާ އިގްތިސާދު ފަތުރާލުން

ރައީސް ވިދާޅުވި ގޮތުގައި ފެރީ ހިދުމަތުން މުޅި ރާއްޖެ ގުޅާލަމުން އަންނައިރު މިސްރާބަކީ ގޮނޑޮދޮށާ ހަމައިގައި ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުމެވެ. އެ ޔަގީންކަން ސަރުކާރުން ހޯދީ, ރައީސް ވިދާޅުވި ގޮތުގައި އިތުބާރާއި ޔަގީންކަން އޮތް ދަތުރުފަތުރުގެ ނިޒާމުންނެވެ.

މި ސަރުކާރުން ރަށްތަކުގައި ކުރިއަށް ގެންދާ އަސާސީ ހިދުމަތްތައް ހަމަހަމަކުރުމުގެ މަޝްރޫއު, ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާއި ބަނދަރާއި މަގު ހެދުމުން ލިބޭ ކުރިއެރުމުގެ މިސާލު ރައީސް ދެއްކެވީ ބ. ފުޅަދޫންނެވެ. މީހުން މަދު, ކުޑަރަށަކަށް ވީތީ އެ ރަށް ބާކީކޮށް, އެކަހަރިވާން ދޫކޮށްނުލުމުގެ މަންފާއަކީ އެ ރަށުގެ ބިމު ކުލި ދެގުނަވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

"ކަރަންޓާ، ބަނދަރާ، މަގާ، ފެނާ، ނަރުދަމާ، އާރުޓީއެލް އަކީ މުޅި ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ. ބަނދަރާއި ފެނާ ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ.ފުޅަދޫގައި 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7000 ރުފިޔާ. ބަނދަރު ނިމި، ފެނާ ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާ އެކު، މިއަދު ހަމަ އެބިމުގެ އަގަކީ 15000 ރުފިޔާ," ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ވައުދުތައް ތަރުތީބުކުރީ އެންމެ އިސްކަންދޭން ޖެހޭ ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ވައުދުތައް ތަރުތީބުކުރީ އެންމެ އިސްކަންދޭން ޖެހޭ ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވި.

އެމަނިކުފާނު ވިދާޅުވީ ރަށްތަކުގައި ހިނގާ މަޝްރޫއުތައް ނިމެމުންދާ ވަރަކަށް އެ ރަށްތަކުގެ ބިމުގެ އަގު އަރާނެ ކަމަށެވެ. އިގްތިސާދީ ހަރަކާތްތައް ހިނގަން ފަށައި ސީދާ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"ސަރުކާރުން އަމާޒު ހިފާފައި މިވަނީ ގުޅުން ބޮޑު ދިރުން ހުރި އެތެރޭގެ އިގްތިސާދެއް އުފެއްދުމަށް. އިޖްތިމާއީ އިގްތިސޯދީ އަދި އުމްރާނީ ބޮޑު ބަދަލަކަށްޓަކައި އިހަށް ކުރާންޖެހޭ ކަންކަން މިދަނީ މިދައުރު ތެރޭ ހިންގައި ނިންމަމުން," ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ބަދަލު ގެނައުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ފުރިހަމަވާންޖެހޭ. މިދާގޮތަށް ގޮސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ މުޅިން ނިމޭނެ. މިއާ އެކުއެކީ ލަފާފުރުމުގެ ދަތިކަން ވެސް މުޅި ރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫއު އެދަނީ ހިނގަމުން، މަސައްކަތްތައް ނިމެމުން."

ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާނެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއްގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.

ހއ. ހޯރަފުށީ އެއާޕޯޓް (ހިދުމަތް ފަށާފައި)

ގދ. ފަރެސްމާތޮޑާ އެއާޕޯޓް (އަންނަ މަހު ހުޅުވާނެ)

މާފަރު އެއާޕޯޓް (އެކްސްޕޭންޝަން މަސައްކަތް ކުރިއަށް)

ރ. އަލިފުށީ އެއާޕޯޓް (އެއާޕޯޓަށް ބިން ބޮޑުކުރަނީ)

ހދ. މަކުނުދޫ, ށ. ބިލެތްފަހި, ބ. ތުޅާދޫ, ތ. ވިލުފުށި އެއާޕޯޓުގެ ބިން އިތުރުކުރުން މި އަހަރު މެދުތެރޭގައި ފަށާނެ

ރައީސް ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓާއި ދެން ވެސް ބޭނުންވާ އެހެން އެއާޕޯޓްތަކާ އެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލައި ނިމޭނެ ކަމަށެވެ.

ރުމުޅި ރާއްޖޭގެ އިގްތިސާދު ހަށިފޮޅާޅައި ރަށްތަކާއި ރަށްވެހީންނަށް ތަނަވަސްކަމާއި ބާއްޖަވެރިކަން އޮހިގެންދާނެ މަގު, މިއަދު މިދަނީ ކޮށާ އަލިވަމުން.

މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެއާޕޯޓް އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އެބަދެ އެެވެ. ހދ. ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ މި އަހަރުގެ ފަހު ކުއާޓަރުގައި ނިންމާއިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މި މަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ޒަމާނީ ދެ އެއާޕޯޓް," ރައީސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދުގައި ކަސިޔާރު ކަމެއް ނެތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ހައްލު ހޯދައި ދެއްވުމެވެ. ދައުރު ނިމޭއިރު މިކަން ފުރިހަމަނުވާނެ ކަމަށް އަމާޒުކުރާ ފާޑުކިއުންތަކަށް ވެސް ރައްދު ދެއްވި އެވެ.

ީ"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ," ރައީސް

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ސަރުކާރުން ހިފި އަމާޒުގައި އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ. އެމަނިކުފާނުގެ މި ދައުރަކީ ބިންގަލުން ފެށި ފްލެޓްތައް ނިންމައި ރައްޔިތުން ދިރިއުޅެން ފެށޭވަރަށް ނިންމާނެ ސަރުކާރު ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިިހަށް އިއްވަވަނީ.---ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިިހަށް އިއްވަވަނީ.---ފޮޓޯ: މަޖިލިސް

މާލޭގެ ރައްޔިތުންނަށް ހުޅުމާލޭގައި އަޅާ ފްލެޓްތައް ނިންމައި މި ޖޫން މަހު ލިޔުން ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި ފްލެޓްތަކަށް އޮގަސްޓް މަހު މީހުން ދިރިއުޅެން ފެށޭވަރު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މާލޭގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ގޯތި ދޫކުރުމުގެ ވައުދުގެ ހިތްހަމަޖެހުން އާކޮށްދެއްވީ މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެން ވެސް އިތުރަށް ގޯތި ދެއްވާނެ ކަމަށް އިއުލާން ކުރައްވަމުންނެވެ. "މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ," ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މާލެ ސަރަހައްދުގެ ރައްޔިތުން އެދުނު ގޮތަށް ޕިކްނިލް އައިލެންޑް ނިންމައި ހުޅުވަން ތައްޔާރުވެފައި އޮތް ކަން ވެސް ފާހަގަކުރައްވައިފަ އެވެ.

"މާލެއަށް ގެއްލިދިޔަ ކުޑަބަނޑޮހުގެ އުފާ ވިއްސަކަށް މިނެޓުން ދެން ލިބިދޭނީ މީގެ ހަފްތާއެއްހާ ދުވަސް ފަހުން ހުޅުވާލެވޭ ކުޑަގިރިން," ރައީސް ވިދާޅުވި އެވެ.

ޝަކުވާ ބޮޑު ވައުދުތަކުގެ ޖަވާބު

މި ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައި ވަނީ ކުރީގެ ސަރުކާރުގައި ހިންގި ހިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް ދައުލަތަށް ގެއްލުނު ފައިސާ ނުހޯދި ވާތީ އެވެ. ދައުރު ނިމޭއިރު ހިޔާނާތާއި މަރުތަކަށް އިންސާފު ނުލިބޭ ކަމަށް އަމާޒުކުރާ ފާޑުކިއުންތައް ބޮޑެވެ.

ރައީސް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ އެ ދެ ވައުދުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާނާތާ ގުޅޭ 14 މައްސަލައެއްވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ފަސް މީހުންނަށް ކުރި 43 ދައުވާއެއް ސާބިތުވި

ހަތް މީހުންނާއި ދެ ކުންފުނީގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަދޭ

އަށް މައްސަލައެއްގައި ޑިއުޓީ ޕްރޮސިކިއުޝަން އެބަ ހިނގާ

ހިޔާނާތުގެ ޖުމްލަ 53 މައްސަލަ އަންނަނީ ތަހުގީގުކުރަމުން.

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގާ އެއްގޮތަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެ މައްސަލާގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށް ކޯޓު މަރުހަލާ ވަނީ ފަށާފަ އެވެ.

ވަޅި ހަރައި އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝިދުގެ މަރާއި އިތުރު މައްސަލަތައް ވެސް ހިނގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސިފަކޮށްދެއްވި ގޮތުގައި އެމަނިކުފާނު ގައުމު ބިނާކުރަން ފެށީ އުމްރާނީ ބިޔަ މަޝްރޫއުތަކުން ނޫނެވެ. އުސް އިމާރާތްތަކަކުން ވެސް ނޫނެވެ. ނަތީޖާއަކީ މިއެވެ;

ކުރިއަށް އޮތް ތަނުގައި ވެސް އިގްތިސާދު ރަނގަޅުވެ ޖީބަށް ވަންނަ އާމްދަނީ އިތުރުވާނެ އެވެ. ވަޒީފާތައް ގިނަވެ އާ ވިޔަފާރިތައް އުފެދޭނެ އެވެ. މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން އަދި ކުރިއެރުން އަންނާނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި މި ނޫން މިސްރާބެއް އަމާޒެއް, ވައުދު ފުއްދެވުމުގައި ނުގެންގުޅުއްވަ އެވެ.

އެމަނިކުފާނު އެދިވަޑައިގަތީ މި ހަމަޖެހުމާއި ކުރިއެރުމަށް ރައްޔިތުން އެއްބައިވެ ސަރުކާރާ އެކު ތިބުމަށެވެ.

"މުޅި ރާއްޖޭގެ އިގްތިސާދު ހަށިފޮޅާޅައި ރަށްތަކާއި ރަށްވެހީންނަށް ތަނަވަސްކަމާއި ބާއްޖަވެރިކަން އޮހިގެންދާނެ މަގު, މިއަދު މިދަނީ ކޮށާ އަލިވަމުން," ރައީސް ވިދާޅުވި އެވެ.