Roadha Mihaaru
އުތުރުގެ ބޮޑުބަދަލު ބައްލަވާލައްވަން ރައީސް ވަޑައިގެންފި

ބޮޑުތިލަދުންމަތި ބަދަލުކޮށްލާ މަޝްރޫއުތައް ބައްލަވާލައްވަން ރައީސް ވަޑައިގެންފި

26 ސެޕްޓެމްބަރ 2022

އިގްތިސާދީ ގޮތުން ބާރު ދުވެއްޔަކާއި ރައްޔިތުންގެ ކުރިއެރުމާއި ފުދުންތެރިކަމަށް އަމާޒުކޮށްގެން ބޮޑު ތިލަދުންމަތި ނުވަތަ ހއ. އާއި ހދ. ގެ ރަށްތައް ބަދަލުކޮށްލަން މި ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވައިލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފުރާވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިގްތިސާދީ ގޮތުން ބާރު ދުވެއްޔަކާއި ރައްޔިތުންގެ ކުރިއެރުމާއި ފުދުންތެރިކަމަށް އަމާޒުކޮށްގެން ބޮޑު ތިލަދުންމަތި ނުވަތަ ހއ. އާއި ހދ. ގެ ރަށްތައް ބަދަލުކޮށްލަން މި ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވައިލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފުރާވަޑައިގެންފި އެވެ.

ތިން ދުވަހުގެ ދަތުރުފުޅުގައި ހަތަރު ރަށަކަށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ އެ ރަށްތަކުގެ ސިއްހީ ހިދުމަތް ފުޅާކުރުމާއި ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގުހެދުމާއި އިންޖީނުގެތައް އެޅުން ފަދަ މަޝްރޫއުތައް ބައްލަވައިލައްވާނެ އެވެ. އޭގެ ތެރެއިން މިހާތަނަށް ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވާނެ އެވެ.

ރައީސްގެ ދަތުރުފުޅުގައި އެންމެ މުހިއްމު އެއް ކަމަކަށް އޮތީ މުޅި ސަރަހައްދަށް އިންގިލާބީ ބަދަލެއް ގެނުވާނެ އާރުޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާ ގޮތް އަމިއްލަފުޅަށް ތަޖުރިބާ ކޮށްލެއްވުމެވެ.

ހަރަދު ބޮޑު ދަތުރުތައް އާރުޓީއެލް ފެރީގެ ނިޒާމުން ރައްޔިތުންނަށް ލުއިވެފައިވާ ވަރާއި ހިދުމަތް ފުޅާކުރަން ސަރުކާރުން އިތުރަށް ކުރަން ހުރި ކަންކަން ރައީސް އޮޅުންފިލުއްވާނެ އެވެ. ދަތުރުފަތުރަށް ގެނައި ލުއި ފަސޭހަކަމަކީ އެ ސަރަހައްދަށް އިންގިލާބީ ބަދަލަކާ އެކު އިގްތިސާދީ ކުރިއެރުން އިތުރުވާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

މި ދަތުރުފުޅުގައި ރައީސްގެ ފުރަތަމަ މަންޒިލަކީ ހދ. ނައިވާދު އެވެ. އާބާދީ މަދު އެ ރަށުގައި ރައްޔިތުން ސަރުކާރަށް ހުށަހެޅި ގިނަ މަޝްރޫއުތަކެއް ފަށާފައިވާ އިރު މިހާތަނަށް ބައެއް މަޝްރޫއުތައް ވަނީ ނިންމައިފަ އެވެ. ރައީސް އިފްތިތާހުކޮށްދެއްވާ ގޮތަށް އޮތީ އެ ރަށުގެ ސާފު ބޯފެނުގެ ނިޒާމެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރައްޔިތުންނަށް އިތުރަށް ކުރިއަށް ގެންދަން ބޭނުންވެފައި ހުރި ހިދުމަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ނާވައިދު އަށް ފަހު މިއަދު މެންދުރު ފަހު ރައީސް ވަޑައިގަންނަވާނީ ހދ. ފިނޭއަށެވެ.

ރައީސް އުތުރަށް ކުރައްވާ ދަތުރުފުޅުގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ތަޖުރިބާކުރައްވާނެ.

ރައީސް އުތުރަށް ކުރައްވާ ދަތުރުފުޅުގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ތަޖުރިބާކުރައްވާނެ.

ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން ކައުންސިލަރުންނާ އެކު ރަސްމީ ބައްދަލުވުން އޮންނާނެ އެވެ.

ތިން ވަނަ ރަށެއްގެ ގޮތަށް މިއަދު ވަޑައިގަންނަވާ ގޮތަށް އޮތީ ހއ. އުތީމަށެވެ. އޭގެ ފަހުން އެ އަތޮޅު ދިއްދު އަށް ވެސް ވަޑައިގަންނަވާނެ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަންގާރަ ދުވަހުގެ ރޭ ބާއްވާ ގޮތަށް އޮތީ މި އަހަރު އުތީމުގަ އެވެ. އެ ޖަލްސާއަށް ފަހު ދަތުރު ނިންމަވާލައްވައި ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަނެ އެވެ.