27 ސެޕްޓެމްބަރ 2022
ބާރު ދުވެލީގެ ފެރީގެ ނިޒާމަކުން ބޮޑު ތިލަދުންމަތި ގުޅާލައި ހުޅުވާލެވުނީ މި ސަރަހައްދުގެ އިގްތިސާދީ ހަރަކާތް އިތުރުވާނެ ތަރައްގީގެ މައި ދޮރާށި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ބާރު ދުވެލީގެ ފެރީގެ ނިޒާމަކުން ބޮޑު ތިލަދުންމަތި ގުޅާލައި ހުޅުވާލެވުނީ މި ސަރަހައްދުގެ އިގްތިސާދީ ހަރަކާތް އިތުރުވާނެ ތަރައްގީގެ މައި ދޮރާށި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ބޮޑުތިލަދުންމަތި ގުޅާލުމުގެ ބިޔަ މަޝްރޫއު ހއ. ދިއްދޫގައި އިފްތިތާހްކޮށްދެއްވައި ރައީސް ވިދާޅުވީ މިއީ ބޮޑުތިލަދުންމައްޗަށް ތާރީހުގައި ވެސް އަންނަ އެންމެ ބޮޑު ބަދަލު ކަމަށެވެ. ދިއްދުއަށް މިއަދު އެމަނިކުފާނު ވަޑައިގަތީ އާރުޓީއެލްގެ ނަލަ ފެރީއެއްގައި ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.
ތުރާކުނުގައި ހުރި މީހާ ތުރާލެއް ނެތި ސީދާ ރާސްތާގައި، އިހަވަންދޫ، ކުޅުދުއްފުށި، އަދި ފުނަދޫ މެދުވެރިކޮށް މިހާރު އުނދަގުލަކާ ނުލާ މާއުނގޫދޫ އަށް ވާސިލްވެވޭނެ. މިއީ މީގެ ކުރިން އޮތް އަދި ލިބިދާނެ ކަމަށް ހީވެސް ނުކުރާ، ބޮޑު ފަސޭހަ އެއް. -- ރައީސް
މުޅި ސަރަހައްދު ގުޅާލުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންގިބާލީ ބަދަލެއްގެ ފެށުމެވެ. މި ސަރަހައްދުގެ އިގްތިސާދީ ތަރައްގީގެ މައި ދޮރާށި ހުޅުވި އާއްމު ހާލަތު ރަނގަޅުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
ބޮޑުތިލަދުންމަތި ގުޅާލުމުގެ މަޝްރޫއު ރައީސް އިފްތިތާހްކޮށްދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
"މިއަދު މިއީ ހަމައެކަނި ތިލަދުންމައްޗާ މިލަ-މަޑުލު އުތުރުގެ ދުވަސް. އެހެން ނަމަވެސް، މިއީ މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން ތަންފީޒު ކުރެވޭނެ ވަކި ހާއްސަ ތަސައްވަރެއް،" ރައީސް ވިދާޅުވި އެވެ.
ދުވެލި މަޑެއް ނުވާނެ. އަދި ޓިކެޓްގެ އަގެއް ވެސް ބޮޑެއް ނުވާނެ. އޭރުން މި އަވީގާ ޖެހިލާ މި ރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ.
ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށް ކުރަން ޖެހޭ ކަންކަމާއި ދާން ޖެހޭ މިސްރާބެއް އޮތް ކަމަށް "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި އއ. އުކުޅަހުގައި އެމަނިކުފާނު ވާނީ ވިދާޅުވެފަ އެވެ. ބޮޑު ތިލަދުންމަތީގެ ބޮޑު ބަދަލަކީ އެ ކޮންފަރެންސްގައި ދެއްކެވި އެ ވާހަކައިގެ ތަރުޖަމާ ކަމަށާއި އުކުޅަހުގެ އެ ދުވަހާއި ދިއްދޫގެ މި ދުވަހާ ދެމެދު އަދިވީ 4 މަސް ކަަމަށް ރައީސް ވިދާޅުވި އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް އިފްތިތާހްކޮށްދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"މި ސަރަޙައްދުގެ 41 ރަށް އަމުނާ، ގަތާ، ބަދަހިކުރަމުންދާ އާރުޓީއެލްގެ ރޫޓް ތަކުން އެ ފެންނަނީ މިދެންނެވި ހަމަހަމަކަން. އެ ދުވަހު ވެސް އަދި މިއަދު ވެސް އަޅުގަނޑު ދަންނަވަން އޮތީ، ހަމަ އެވާހަކަ. އެއީ މީސްކޮޅު މަދުވެ، ވަސީލަތްތައް އުނިވެ، ދުރުގާ އެކަހެރިވެ އޮތް ގާމަތީ ފެން ލޮނު ރަށެއް އެ ރާއްޖޭގައި ނޯންނާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
"ތުރާކުނުގައި ހުރި މީހާ ތުރާލެއް ނެތި ސީދާ ރާސްތާގައި، އިހަވަންދޫ، ކުޅުދުއްފުށި، އަދި ފުނަދޫ މެދުވެރިކޮށް މިހާރު އުނދަގުލަކާ ނުލާ މާއުނގޫދޫ އަށް ވާސިލްވެވޭނެ. މިއީ މީގެ ކުރިން އޮތް އަދި ލިބިދާނެ ކަމަށް ހީވެސް ނުކުރާ، ބޮޑު ފަސޭހަ އެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ކުރިއެރުން ނުލިބި އޮތް މައިގަނޑު ސަބަބަކީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރެވި އޮތުން ކަމަށެވެ. އެތަނުގެ ނަން ބޯޑު އިންޓަނޭޝަނަލްކޮށްގެން ނަން ބޯޑު ފީވާއިރު ވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
އާރުޓީއެލް ފެރީން ބޮޑުތިލަދުންމަތި ގުޅާލުމުުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓަށް ދެން އެހެނެއް ނުވާނެ އެވެ. އެ އެއާޕޯޓް ތަރައްގީކުރަން ބޭނުންވާ 2.1 ބިލިއަން ރުފިޔާ ހަމަޖެހި ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.
ހަނިމާދޫގައިި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލު ވާނީ 2.46 ކިލޯމީޓަރުގެ ރަންވޭ އަކަށް. އެއީ އޭޝިއާގެ އިރުމައްޗާ ދެކުނު އިރުމަތީ އޭޝިއާއިން ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. -- ރައީސް
"ހަނިމާދޫގައިި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލު ވާނީ 2.46 ކިލޯމީޓަރުގެ ރަންވޭ އަކަށް. އެއީ އޭޝިއާގެ އިރުމައްޗާ ދެކުނު އިރުމަތީ އޭޝިއާއިން ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާ، އިރުމަތީ އެފްރިކާ ބޮޑު ތިލަދުންމައްޗާ ގުޅުވާދޭނީ އެ ރަންވޭ އިން. ރަންވޭއަށް އަންނަ ތަރައްގީ ޓާމިނަލަށް ނުގެނެސް، ހަނިމާދޫ އިންޓަނޭޝަނަލްއެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް އަލުން އިމާރާތްކުރުމެވެ.
އާރުޓީއެލް ފެރީ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ދިއްދޫގެ ރައްޔިތުން ބައިވެރިވަނީ. -- ފޮޓޯ: ރައީސް އޮފީސް
"ރަންވޭ ދިގުކޮށް ޓާމިނަލް އާކޮށް ބޮޑުކުރާނަމަ އެއާ ގުޅޭ ކޮންމެހެން ލާޒިމް، އަނެއް ބޮޑު ބަދަލު. މިބޮޑު ތިލަދުން މައްޗަށް އަންނަން ޖެހޭ. މިސަރަހައްދުގައި ރިޒޯޓް، ހޮޓާ، ގެސްޓް ހައުސްގެ ގޮތުގައި 8000 ޓޫރިސްޓް އެނދު ގާއިމު ކުރުމުގެ އަމާޒު އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓް މަޝްރޫއު ހިންގަނީ ޖަޒީރާވަންތަ ދިރިއުޅުން މި ސަރަހައްދުގެ 41 ރަށަށް ހޯދައިދިނުމަށެވެ. ހަނިމާދޫ އެއާޕޯޓް ވެގެން އަންނާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް ވިދާޅުވި އެވެ.
"މި ފަހަރު އެންމެ ފަހު ކަމެއްގެ ގޮތުގައި ނޫނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ބޯޑު ހަރެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
"އަމިއްލަ ގައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން މި ރަށްތަކުގެ ހޮޓާތަކާ ގެސްޓް ހައުސްތަކަށް އައިސް ގޮސްވެވޭނެ. އެކަމަށް ދުވެދުވެ އެ ހުރި އާރުޓީއެލް ފުދޭނެ. ދުވެލި މަޑެއް ނުވާނެ. އަދި ޓިކެޓްގެ އަގެއް ވެސް ބޮޑެއް ނުވާނެ. އޭރުން މި އަވީގާ ޖެހިލާ މި ރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރުޓީއެލްގެ އުޅަނދުފަހަރުން މުޅި ހުވަދޫ އެކުގައި ގުޅާލާނެ ކަމަށެވެ. އެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ބޮޑުތިލަދުންމަތި ގުޅާލުމުގެ ރަސްމިއްޔާތު: ކިތަންމެ ގިނަ ރަށެއް ގުޅާލަން ވިޔަސް ސަރުކާރުން އެކަން ހުއްޓާނުލާނެ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
"އާރުޓީއެލް އީކުއެޓަ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގާ ގުޅުވާލެވޭނެ. ބޮޑުތިލަދުންމަތީގެ މިބޮޑު ބަދަލާ އެއްގޮތަށް މުޅިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ބޭނުންވާ އިތުރު 65 މިފަދަ ޒަމާނީ އުޅަނދު ބަނުމުގެ ކޮންޓްރެކްޓް ހަވާލު ކުރެވި، އެ މަސައްކަތް ހިނގަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްތައް ގިނަޔަސް އުޅަނދުތަކުގެ އަދަދު މަތިވިޔަސް މި ހިދުމަތުގައި ފަސްޖެހި ލަސްކުރެވެން ނެތް ކަމަށެވެ. ބޮޑު ތިލަދުންމައްޗަށް ގެނެވުނު ބޮޑު ބަދަލު ހަމަހަމަކަމާ އެކު މުޅި ރާއްޖެއަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!
"އާރުޓީއެލް ފަސޭހައިން މި އުފެދުނީ ވަރުގަދަ ގުޅުމެއް"
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
އުތުރުގެ ބޮޑުބަދަލު ބައްލަވާލައްވަން ރައީސް ވަޑައިގެންފި
އެންމެ އަސާސީ މަޝްރޫއުތައް އަންނަނީ ނިމެމުން: ރައީސް
އެމްޓީސީސީއަށް ހުރި ޕްރޮޖެކްޓްތަކުގެ އަގު ބިލިޔަނަކަށް
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހް
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"