Roadha Mihaaru
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު

މަންމާފުޅުގެ ޖަނާޒާގެ އިންތިޒާމުތަކަށް ސަރުކާރުން ދިން އެއްބާރުލުމަށް އިބޫ ޝުކުރު އަދާކުރައްވައިފި

19 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅުގެ ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ފަރާތުން ދިން އެއްބާރުލުމަށް ރައީސް އިބޫ މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅުގެ ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ފަރާތުން ދިން އެއްބާރުލުމަށް ރައީސް އިބޫ މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.

އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވައިގެން، މަންމާފުޅުގެ ޖަނާޒާގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި އެމަނިކުފާނާއި އާއިލާގެ ފަރާތުން މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ޖަނާޒާގައި ބައިވެރިވަޑައިގެން ދެއްވައި، މަންމައަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، އަދި އަޅުގަނޑުމެންނަށް ތައުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑާއި އާއިލާގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" އިބޫ ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އިއްޔެ ހެނދުނެވެ. އެކަމަނާގެ ޖަނާޒާ ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގައި ރޭ މަޣްރިބު ނަމާދަށް ފަހުގަ އެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ ކަށުނަމާދުތައް އާންމުކޮށް ކުރަނީ އެ މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވާ ބޭފުޅުން ނަމަވެސް އިއްޔެ މުއުމިނާގެ ކަށުނަމާދުގައި އިމާމަކަށް ހުންނެވީ މުއުމިނާގެ ލޯފަން ތިން ބޭފުޅުންގެ ތެރެއިން މޫސަ އެވެ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ވެސް ކުރައްވާ މޫސައަކީ ގުރުއާން ހިތުދަސް ބޭފުޅެކެވެ. އަދި އިމާމު ކޯހާއި ގާރީ ކޯސް ފުރިހަމަ ކުރައްވާފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރުމަށް ފަހު އެކަމަނާގެ ސަންދޯކު ސަހަރާއަށް ގެންދަނީ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރުމަށް ފަހު އެކަމަނާގެ ސަންދޯކު ސަހަރާއަށް ގެންދަނީ.

ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ކެތްތެރިކަން: ފަޒްނާ

ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދިން އެއްބާރުލުމަށް އިބޫގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވެސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

"... ދިވެހި ސަރުކާރަށް ޝުކުރު ދަންނަވާ ހިނދު، ޖަނާޒާގެ ކަންކަން ވަރަށް ގާތުން ބެއްލެވި މާލޭ ސިޓީގެ މޭޔަރާއި އިސްލާމިކް މިނިސްޓަރާއި އެމަނިކުފާނުގެ އަނބިކަނބަލުން ހާއްސަ ގޮތެއްގައި ފާހަގަ ކުރަމެވެ،" ފަޒްނާ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ފަޒްނާ އިތުރަށް ލިޔުއްވާފައިވަނީ އިބޫގެ މަންމާފުޅުގެ ފަރާތުން އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ ކެތްތެރިކަމާއި ޝަކުވާ ނުކުރުމާއި ކޮންމެ ހާލެއްގައި ވެސް ދަރިން ހިމާޔަތް ކުރުމުގެ މުހިންމު ކަމެވެ.

ފަޒްނާ ވިދާޅުވީ ދީނީ އަދި ދުނިޔެވީ ކަންކަމަށް ލޯ ހުޅުވިފައިވާ އަހުލާގު ރަނގަޅު އަދި ގައުމަށް ހިދުމަތްތެރި ދަރިންތަކެއް ބަލައި ބޮޑުކުރުމަށް ވުރެ ވަކީން ބޮޑު ގައުމީ ހިދުމަތެއް ނޯންނާނެ ކަން މުއުމިނާ ސާބިތުކޮށް ދެއްވި ކަމަށެވެ.

"އިއްޔެ އަޅުގަނޑުމެންނާ ވަކިވީ މިފަދަ ގައުމީ ހިދުމަތްތެރި އަންހެނެކެވެ. ވަރަށް ޅައުމުރުގައި، 13 ކުދިންނާ އެކު ހުވަފަތްވުމުން އެކަން ކުރަންވަން ޖެހުނީ ބައްޕައަކާ ނުލަ އެވެ،" ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވީ މުއުމިނާ އަކީ ވަކި މީހަކަށް ބެލުމެއް ނެތި އެންމެނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ.

"ޅ. ހިންނަވަރު، ނޫރާނީއާގޭ ގަސްދޮށުގެ ހިޔަލުގައި ތިބޭ އެތައް އެތައް ބައެއްގެ މުއުމިނާ ދައިތަ އެވެ. އެ ގަސްދޮށަށް އަންނަ ކުދިބޮޑު އެންމެނާ ކޮންމެ މައުލޫއަކަށް ވެސް ވާހަކަ ދައްކަވާނެ އެވެ. ރަށަށް އަރައި ފައިބާ އެންމެންގެހެން ކެއުންބުއިމުގެ އިންތިޒާމު އެ ގެއިން ހަމަޖައްސަވާނެ އެވެ. އިއްޔެ އެ މައްޔިތާގެ މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވި ގިނަ މީހުންނާއި މީހުންގެ އަދަދުން އެތަން ފެނިގެންދިޔަ އެވެ،" ފަޒްނާގެ ޕޯސްޓުގައި ލިޔުއްވި އެވެ.

މުއުމިނާ އަކީ ރައީސް އިބޫގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ގެ ވެސް މަންމާފުޅެވެ. މުއުމިނާގެ 12 ބޭފުޅުން ތިއްބަވަ އެވެ.