29 ނޮވެމްބަރ 2018
ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮންމެ ދުވަހަކު ވެސް ގަވާއިދުން ކަސްރަތު ކުރެއްވި އެވެ. ކުޅިވަރު އީދުގައި ވެސް "ފިޓް ރައީސް"ގެ ގޮތުގައި ފެނުނީ އެހެންވެ ކަމަށް ވެދާނެ އެވެ. ފަތިހާ ހޭފުޅުލައްވައިގެން ޖިމަށް ވަޑައިގަންނަވަނީ 7 ޖަހާއިރެވެ. ރަސްމީ މަސައްކަތްޕުޅު ފައްޓަވަނީ އޭގެ ފަހުންނެވެ. ގަޑިން ގަޑިއަށް ފަރިއްކުޅުއްވި އެވެ. ރޭގަނޑު 9 ގެ ފަހުން ބޭރުގައި އުޅުއްވުމަކީ ވަރަށް ނުކުރައްވާ ކަމެކެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮންމެ ދުވަހަކު ވެސް ގަވާއިދުން ކަސްރަތު ކުރެއްވި އެވެ. ކުޅިވަރު އީދުގައި ވެސް "ފިޓް ރައީސް"ގެ ގޮތުގައި ފެނުނީ އެހެންވެ ކަމަށް ވެދާނެ އެވެ. ފަތިހާ ހޭފުޅުލައްވައިގެން ޖިމަށް ވަޑައިގަންނަވަނީ 7 ޖަހާއިރެވެ. ރަސްމީ މަސައްކަތްޕުޅު ފައްޓަވަނީ އޭގެ ފަހުންނެވެ. ގަޑިން ގަޑިއަށް ފަރިއްކުޅުއްވި އެވެ. ރޭގަނޑު 9 ގެ ފަހުން ބޭރުގައި އުޅުއްވުމަކީ ވަރަށް ނުކުރައްވާ ކަމެކެވެ.
އާ ރައީސްގެ އެ ސިފަފުޅުތައް "މިހާރު"އަށް ކިޔައިދެއްވީ އަނބިކަނބަލުން ފަޒްނާ އަހްމަދު، މަޝްހޫރު ނަންފުޅުން ނަމަ، ފަޒޫ އެވެ.
އެކަމަނާ ވިދާޅުވާ ގޮތުގައި ރައީސްގެ އެ ޝެޑިއުލަށް މިހާރު ބަދަލު އަތުވެއްޖެ އެވެ. އަމިއްލަފުޅު ދިރިއުޅުއްވުމުގެ ބައެއް އާދަތައް މިވަގުތަށް އެއްކައިރި ކުރައްވައިފި އެވެ. އޭގެ ތެރޭގައި ކަސްރަތާއި ރޭގަނޑު، ގިނަ ވަގުތު ބޭރުގައި ނޫޅުއްވުން ފަދަ ކަންކަން ހިމެނެ އެވެ.
"މެންދުރު ފަރިއްކުޅުއްވާކަށް، ބައެއް ދުވަސްތަކުގައި މިހާރު ގެއަކަށް ވަޑައެއްނުގެންނެވޭ އެއްގޮތަކަށް ވެސް. ހަވީރު ފަހެއްޖަހާ ކަން ހާއިރު ގެއަށް ވަޑައިގެންފައި، އަނެއްކާ ރޭގަނޑު ނުވައެއް ޖަހާއިރު ފައްޓަވާނެ ބައްދަލުވުންތައް ފަދަ ކަންކަން،" ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ޒިންމާތަކާ ހަވާލުވެވަޑައިގަތުމުން، އަމިއްލަފުޅު ދިރިއުޅުއްވުމަށް އަންނަ ބަދަލު، ފަޒޫ ކިޔައިދެއްވި އެވެ.
ރައީސް، އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒޫ އާއި ދަރިކަލުން ޔަމާން އަދި ދަރިކަނބަލުން ސާރާއާ އެކު.
ފުރަތަމަ ވެސް ހިތަށް އެރީ، ހާދަ ބޮޑު ޒިންމާއެކޭ އިބޫ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ. --ފަސްޓް ލޭޑީ
ބައްދަލުވުންތަކުން ފުރުސަތެއް ލިބިވަޑައިގެން، ރައީސް ގެކޮޅަށް ވަޑައިގަންނަވަނީ، ފަޒޫ ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 12 ޖަހާއިރެވެ. އެހެންކަމުން، ރެ އާއި ދުވާލު މަދުވެގެން 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތްޕުޅުގަ އެވެ.
"ވަރަށް ގަޑިން ގަޑިއަށް ފަރިއްކުޅުއްވާނެ. ގަޑިން ގަޑި އަށް ކަންތައްތައް ހުންނާނީ. މިހާރު ދެން އެކަމަކު ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެ،" ހިނިފުޅުވަޑުވަމުން، ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފަޒޫ "މިހާރު"އަށް އިންޓަވިއުދެއްވަނީ: ރައްޔިތުން އެދޭ ވެރިކަމަކަށް ރައީސަށް ބޭނުންފުޅު ވަނީ ރަނގަޅު ފެށުމެއް ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ފިރިކަލުންނަށް ކުރައްވާ އިތުބާރާ އެކު، މި ބަދަލަށް ފަޒޫ މާ ބޮޑަށް ވެސް ތައްޔާރެވެ. ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެހުނީ، އެންމެ ދުރަށް ވަޑައިގަތަސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާ ހިސާބުން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ނިންމަވާލައްވާނެ ކަމަށް ހީފުޅުކުރައްވައިގެން ހުންނަވަނިކޮށެވެ.
އެކަމަކު ގޮންޖެހުންތަކާ ކުރިމަތިލެއްވުމަކީ ރައީސް ބޭނުންފުޅުވި ގޮތެވެ. އެހެންކަމުން، މިވަގުތު ރައީސަށް މުހިއްމު ވާނީ، ރައްޔިތުން އެދޭ ފަދަ ހެޔޮ ވެރިކަމަކަށް، ރަނގަޅު ފެށުމެއް ކަމަށް ފަޒޫ ދެކެވަޑައިގަންނަވަ އެވެ.
"އޭރު ވެސް، މިހާރު ވެސް ހިތަށް އަރަނީ އެހެން، [ހާދަ ބޮޑު ޒިންމާއެކޭ އުފައްލައްވަން ޖެހިވަޑައިގެންފައި ވަނީ]. އެއީ، ހިނގާ ކޮންމެ ކަމެއްގައި ވެސް ޒިންމާ [ރައީސް] އުފުއްލަވަން ޖެހިވަޑައިގަންނަވާނެތީ،" ފަޒޫ ވިދާޅުވި އެވެ.
އެ ޒިންމާއާ އެކު ބައްޕާފުޅަށް ވެދާނެ ގޮތަކާ ދޭތެރޭގައި އުފެދުނު ނުތަނަވަސްކަމުގައި، ދަރިކަނބަލުން ސާރާ އާއި ދަރިކަލުން ޔަމާން ވެސް ރައީސްއާ ވާހަކަ ދެއްކެވި އެވެ. ހުރިހާ ބޭފުޅުންނަށް އެއްބަސްވެވުނީ، 24 އަހަރުގެ ސިޔާސީ ތަޖުރިބާއާ އެކު ރައްޔިތުންގެ ހައްގުގައި ކުރިއަށް ފިޔަވަޅެއް އެޅުއްވުމަށެވެ. އެ ގޮތުގައި ދެމިހުންނަވައި، ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއް ރައީސް ކޮށްދެއްވާނެ ކަމުގެ އިތުބާރު އާއިލާ އަށް އެބަ އޮތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން އެމަނިކުފާނު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި، ފަޒޫ ވަނީ ރައީސްގެ މަސައްކަތްޕުޅާއި ފަސްޓް ލޭޑީގެ ހައިސިއްޔަތުން އެކަމަނާގެ ދައުރާ ގުޅޭ ބައެއް ވާހަކަތައް ހިއްސާ ކުރައްވައިފަ އެވެ. މި ރިޕޯޓްގައި މި ހިމަނަނީ ރައީސްގެ މަސައްކަތްޕުޅާ ގުޅޭ ގޮތުން އެކަމަނާ ދެއްކެވި ބައެއް ވާހަކަފުޅެވެ.
"މަޑުމަޑުން ހުއްޓަސް ވަރަށް މަޖާވާނެ. ހުކުރު ދުވަހު ދިމާވާނެ އާއިލާ އެންމެން. ސިޔާސީ ކަންކަމުގެ ތެރެއިން ވެސް އެހެން ދިމާވާ މަޖާ ކަންތައްތަކުގެ ވާހަކަ ދައްކަވާނެ. ދަތުރު ދާއިރު ވެސް އެންމެން ބޭނުންވާނެ އިބޫ ހުންނަވަން،" ފަޒޫ ވިދާޅުވި އެވެ.
ފަހަތަށް ޖެހިލައްވާފައި، ވިސްނަވާފައި ނޫނިއްޔާ ހަމަ ވަރަށް ކަމެއް ނުކުރައްވާނެ. -- ފަސްޓް ލޭޑީ
ފަޒޫ ވެސް ފިރިކަލުން ސިފަކުރެއްވީ، ކެތްތެރި، މަޑުމައިތިރި، މަސްލަހަތަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. މިއީ، އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ދެކެވަޑައިގަންނަވާ ގޮތެވެ.
"ކަމެއް ދިމާވެއްޖިއްޔާ، އިބޫ، ރިއެކްޓެއް ނުކުރައްވާނެ. އެއްބައި މީހުން، މީހަކު އެއްޗެއް ބުނީ، ދެން އަނެއްކާ ރައްދުގައި އެއްޗެއް ބުނީ އެ ގޮތަށް ދޭ ނޫންތޯ. އަޅުގަނޑަށް ފާހަގަކުރެވޭ އިބޫ [އެގޮތަށް] ރިއެކްޓެއް ނުކުރައްވާނެ،" ފަޒޫ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފަޒޫ "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައީސް ހުވާކުރެއްވިތާ، ދެ ހަފުތާ ވިއިރު، އެއް ބަޔަކު އުއްމީދުކުރި ސްޕީޑުގައި ސަރުކާރުގެ ކަންކަން ހަމައަކަށް އެޅިފައި ނުވާތީ، ކަންބޮޑުވުން ފާޅުކުރެ އެވެ. އެއީ، އެއް ބަޔަކަށް ނާއުއްމީދު ގެނުވާ ކަމެކެވެ.
އެކަމަކު ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ފިރިކަލުންނަކީ އެއްއިރެއްގައި ވެސް އެހާ އަވަސް އަރުވާލައިގެން ކަންކަން ނިންމަވާ ބޭފުޅެއް ނޫނެވެ.
"ފަހަތަށް ޖެހިލައްވާފައި، އެކަމާ ދޭތެރޭގައި ވިސްނަވާފައި ނޫނިއްޔާ ހަމަ ވަރަށް ކަމެއް ނުކުރައްވާނެ،" ފަޒޫ ވިދާޅުވި އެވެ.
މިސާލު ނެންގެވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީސް މިނިވަންކުރުމަށް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން ކޯލިޝަންގެ ލީޑަރުންނާ އެކު ކުރެއްވި މަސައްކަތްޕުޅުންނެވެ. ދެ ފަހަރަށް ހުށަހަޅައިގެން އެކަން ނާކާމިޔާބުވުމުން ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަން ފަޒޫ ފާހަގަކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންކަމުގައި ނުކުންނަވާނީ، އަނބިކަނބަލުން ވިދާޅުވި ގޮތުގައި، ހައްލުތަކެއް ހޯއްދެވުމުގެ އަޒުމާ އެކުގަ އެވެ.
އާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން ހުވާކުރެއްވުމާއި، މިނިސްޓަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެމްޑީޕީގެ ރައީސް އަދި އެންމެ ގާތް އެކުވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަހު ވެސް ރައީސް އަމަލުކުރެއްވީ ހިކުމަތްތެރިކަމާ އެކުގައި ކަމަށް ފަޒޫ ވިދާޅުވި އެވެ. އޭގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ވޯޓުތަކާއި އެހެން ވެސް ސިޔާސީ ކަންކަމުގައި އެމަނިކުފާނު ފެނިވަޑައިގަތީ އެ އުސޫލުން ކަމަށް ފަޒޫ ގަބޫލުކުރައްވަ އެވެ.
"ރައީސް ނަޝީދު ބަންދުކުރި ދުވަހު [އެމަނިކުފާނުގެ އަނބިކަނބަލުން] ލައިލާ ފަތިހު ގުޅުއްވާފައި އެ ވާހަކަ ވިދާޅުވުމުން އަޅުގަނޑުގެ ރިއެކްޝަނަކަށް ވީ، އަޅުގަނޑަށް ދެންނެވުނީ، މިއަދު ނުދާށޭ. ވަރަށް އެހެން ކަހަލަ ދުވަހެއް ވީމަ. ނުދާށޭ ބުނީމަ އިބޫ ވިދާޅުވީ މިއަދު ދާންވީއެއް ނޫންހޭ؟" ބައެއް ހާދިސާތައް ހިއްސާކުރައްވަމުން ފަޒޫ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، އެފަދަ ކޮންމެ ނިންމެވުމެއްގައި ވެސް ދުރު ވިސްނުންފުޅެއް ގެންގުޅުއްވަ އެވެ.
އެހެން ރައީސުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަފާތަކަށް ވާނީ، ފަޒޫ އުއްމީދު ކުރައްވާ ގޮތުގައި، ރައްޔިތުން އެދޭ ފަދަ އޯގާތެރި ވެރިކަމެއް ކޮށްދެއްވުމެވެ. މިއީ، ރައްޔިތުންގެ ވެސް ހުވަފެނެވެ.
"ހިތްތިރި، މަޑުމައިތިރި، ކެތްތެރި، ކޮރަޕްޝަނާ ދެކޮޅަށް ހުންނެވުން. ޚާއްސަކޮށް [ރައްޔިތުންނަށް] އަދުލުވެރިވުން،" ފަޒޫ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ފަޒޫ "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި މަސައްކަތްޕުޅާ އަޅާބަލާއިރު، ވެރިކަން ކުރެއްވުމަކީ ރައީސަށް ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ. ހަތަރު ފަރާތުން ވެސް ގޮންޖެހުންތަކެވެ. ގާނޫނާ ޚިލާފުވުމަކީ ރައީސްގެ ނެތް ސިފަފުޅެއް ކަމަށް ފަޒޫ، އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް، ގަބޫލުފުޅުކުރައްވަ އެވެ. އެހެންވިޔަސް އެއްވެސް ހިސާބަކުން ރައީސްގެ މިސްރާބު ގާނޫނާ ޚިލާފަށް ދާ ކަމަށް ފެނިވަޑައިގެންފި ނަމަ، ހަނދުމަފުޅު ކޮށްދެއްވާނެ ކަމަށް، ޔަގީންކަމާ އެކު، ވިދާޅުވި އެވެ.
"އެއީ، އަދި ސަރުކާރުގެ ކަންކަމާ ބެހުމެއް ނޫން. އެ ކަހަލަ ކަމެއް ވާހެން ހީވަންޏާ، އެގޮތަށް ހަނދާންކޮށްދޭނީ އިބޫގެ ރަނގަޅަކަށް،" ފަޒޫ ވިދާޅުވި އެވެ.
ވެރިކަމުގެ ހުވާކުރެއްވި ދުވަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވެސް އެދިވަޑައިގަތީ، ގާނޫނީ އިމުން ބޭރުވެވަޑައިނުގަތުމަށް އަބަދުވެސް އެމަނިކުފާނަށް ހަނދާން ކޮށްދެއްވުމަށެވެ. އެ ޒިންމާ ހަނދާން ކޮށްދެއްވުމުގައި، ފަސްޓް ލޭޑީ ހުންނެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.
ގައުމުގެ އެންމެ މަތީ ވެރިޔާގެ ޒިންމާއަށް ވުރެ ބޮޑު ޒިންމާއެއް އެއްވެސް ރައްޔިތަކު ނުއުފުލާނެ އެވެ. އެހެންކަމުން އެއީ ވަރަށް ގިނަ ކަންކަން ގުރުބާންކުރެއްވުމެވެ. އޭގެ ތެރޭގައި، ކުރިން ގެންގުޅޭ ރަނގަޅު އެތައް އާދައެއް ވެސް ހިމެނޭނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެފަދަ އާދަތަކުން ނުވަތަ، ހިތްހަމަޖެހުންތަކުން މިވަގުތު ދުރަށް ވަޑައިގެންނެވީ ހުރިހާ ކަމެއް ބަރާބަރަށް ހިނގައިގަންނަންދެނެވެ. އަނބިކަނބަލުން ވެސް އުއްމީދުކުރައްވަނީ އެގޮތަށެވެ.
"ފަހުން އަދި ޖިމް ވެސް ފައްޓަވާނެ ކަންނޭނގެ، މިހާރު ދެން ވަގުތެއް ނުވަނީ،" ފަޒޫ ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ޖަމިއްޔާތަކާބެހޭ އާ ގާނޫނެއް 19 އަހަރު ފަހުން
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
ހެޔޮ ބަދަލުތަކާއި ބާކީ ދެ އަހަރުގެ މިސްރާބު
ދެ ކޮމަންޑޫ ގުޅުވައިލުން ހުކުރު ދުވަހު ފަށަނީ
ސްލޯއޭ ބުނާ މީހުންނަށް ސަރުކާރުގެ ސްޕީޑް ކިޔައިދީފި
ކައުންސިލްތަކުން ލޯނާއި އެހީދެވޭ ބިލު ތަސްދީގުކޮށްފި
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!