އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކަށް ވޯޓު ނުދެއްވަން ނިންމެވީ، ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވި، ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
15 ޖޫން 2022
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކަށް ވޯޓު ނުދެއްވަން ނިންމެވީ، ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވި، ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ މިވަގުތު ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ރާއްޖެ އަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. ރާއްޖެ ފަދަ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލިސްތަކުގައި ސަރުކާރުގެ މެމްބަރުން، ސަރުކާރަށް މާބޮޑަށް ތާއީދުކޮށްގެން ތިބުމުގެ ސަބަބުން، ގައުމުތައް އެކީ އެކަށް ބަނގުރޫޓުވަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި 2012 އިން 2018 އާ ދެމެދު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނަގާފައިވާ ވަރަށް ގިނަ ލޯނުތަކަކީ ކޮމާޝަލް ލޯނާއި ބޮންޑް މާކެޓް އިން ނަގާފައިވާ ދަރަންޏެވެ. އޭގެ ބޮޑު ބައި ދައްކަން ޖެހެނީ މި އަހަރާއި އަންނަ އަހަރުގައި ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"މި ދަރަނި ދައްކަން ސަރުކާރުން އިތުރު ދަރަނި ނެގީ. އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އިތުރު ދަރަނި ނަގާކަށް ނޫން. ދަރަނި ފަހަތަށް ޖެއްސުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރާ ވާހަކަ ދެއްކެވުމުން، އެހެން ހަދައިފި ނަމަ ބޮންޑް މާކެޓުގައި ރާއްޖޭގެ ބޮންޑް ނުވިއްކޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު ނަޝީދާއި އަސްލަމާއި އީވާ އަދި ބައެއް މެމްބަރުން ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
"އެމްޑީޕީގެ މެނިފެސްޓޯ ފުރަތަމަ ވެސް ބުނީ ބޮންޑް މާކެޓަށް ނުދާން. ދަރަނި ރީސްޓްރަކްޗާ ކުރަން. އަނެއްކާވެސް އަޅުގަނޑަށް ދެންނެވޭނީ ދަރަނި ރީސްޓްރަކްޗާ ކުރާށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މެމްބަރުންގެ ހިޔާލަށް ހުޅުވާލުމުން ގިނަ މެމްބަރުން ވޯޓު ދެއްވީ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ. ނަޝީދާއި އެ މަނިކުފާނާ އެކުގައި ތިއްބެވި މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތީ އެ މައްސަލައިގަ އެވެ.
އެފަދަ ކަންކަމުގައި ޕީޖީ ގްރޫޕް ތެރޭގައި ބަހުސް ކުރުމެއް ނެތި، ބަލައިނުގަތުމަށް ނިންމުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދާ އެކު 19 މެމްބަރަކު ވަނީ އެމްޑީޕީން ނެރޭ ވިޕްލައިނަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެއީ މެމްބަރުންނަށް އަމަލުކުރެއްވޭނެ ގޮތެއް ނޫން ކަމަށް ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތަކަށް އެ ގަރާރު ހުށަހެޅުމުން އެއްކޮޅަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގަތް މެމްބަރުންގެ ތެރެއިން އަށް ބޭފުޅެއް ކަމަށެވެ. އެ ބަލައިނުގަތުމަށް 17 ބޭފުޅަކު ވޯޓު ދެއްވި ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ލަބީބު، ހުށަހެޅުއްވި ގަރާރުގައި ވެސް ވިދާޅުވެފައި ވަނީ ސަރުކާރުން ދީފައިވާ ސޮވަރިން ގެރެންޓީ އާއި ވިއްކާފައިވާ ބޮންޑު އަދި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ކަމަށެވެ.
މި އަހަރު ފާސްކުރި ބަޖެޓުގައި ޖުމުލަ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104.4 ޕަސަންޓު ކަމަށް އެ ގަރާރުގައި ވެ އެވެ. އަދި ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.7 ޕަސެންޓު ކަމަށެވެ.
އެ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އުނދަގޫވާނެ ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީން ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި އެ ހަރަދުތައް ދެކޮޅު ޖެއްސުމަށާއި ލޯނު އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަން ޖެހިފައިވާ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރުން މުހިންމު ކަމަށް އެ ގަރާރުގައިވެ އެވެ.
މި ކަންބޮޑުވުން އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުކުރެއްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވަމުން ގެންދަވަނީ ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި، އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމަށެވެ. ބަޖެޓުގައި ޑެފިސިޓަށް 9.9 ބިލިއަން ރުފިޔާ ބޭނުންވާ އިރު އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި ބާކީ އޮތް ދެ ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް: ނަޝީދު
މި އުޅެނީ ލައިގެން ކާނެ އެއްޗެއް ހޯދާކަށް ނޫން:ނަޝީދު
ސަރުކާރުގެ މެމްބަރުންނެއް މަޖިލިހަކު ނެތް: ނަޝީދު
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި
އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ފައިސާ ޗާޕްކުރުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!