Roadha Mihaaru
އިބޫގެ މަންމާފުޅުގެ ކަށުނަމާދު އިމާމަކީ ލޯފަން ދަރިފުޅު

ކުރީގެ ރައީސް އިބޫގެ މަންމާފުޅުގެ ކަށުނަމާދުގައި އިމާމަކަށް ލޯފަން ދަރިކަލުން

19 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މޫމިނާ ހުސެއިންފުޅުގެ ކަށުނަމާދު، ލޯފަން ދަރިކަލުން، މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އިމާމުވެ ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މޫމިނާ ހުސެއިންފުޅުގެ ކަށުނަމާދު، ލޯފަން ދަރިކަލުން، މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އިމާމުވެ ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އިއްޔެ ހެނދުނު އެވެ. ޖަނާޒާ ބާއްވާފައި ވަނީ އިސްލާމީ މަރުކަޒުގައި ރޭ މަޣްރިބު ނަމާދަށް ފަހުގަ އެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ ކަށުނަމާދުތައް އާންމުކޮށް ކުރަނީ އެ މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވާ ބޭފުޅުން ނަމަވެސް އިއްޔެ މުއުމިނާގެ ކަށުނަމާދުގައި އިމާމަކަށް ހުންނެވީ މުއުމިނާގެ ލޯފަން ތިން ބޭފުޅުންގެ ތެރެއިން މޫސަ އެވެ.

ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ވެސް ކުރައްވާ މޫސަ އަކީ ގުރުއާން ހިތުދަސް ބޭފުޅެކެވެ. އަދި އިމާމު ކޯހާއި ގާރީ ކޯސް ފުރިހަމަކުރައްވާފައިވެ އެވެ.

ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ގުރުއާން ހިތުދަސްކުރެއްވީ ކެއާ ސޮސައިޓީގައި ލޯފަން ކުދިންނަށް ހާއްސަކުރި ގުރުއާން ދަސްކޮށްދޭ ކްލާސްތަކާއި މައުހަދުގެ ގުރުއާން ކްލާސްތަކާއި ޓޭޕް ރެކޯޑަރު ޖަހައިގެން އަޑުދަށުން ކިޔައިގެން ކަމަށެވެ. އޭނާ މުޅި ގުރުއާން ހިތުދަސްކުރީ ތިން އަހަަރުންނެވެ.

މުއުމިނާގެ 12 ބޭފުޅުންގެ ތެރޭގައި ގުރުއާން ހިތުދަސް ތިން ބޭފުޅުން ތިއްބަވަ އެވެ.

ކަށުނަމާދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި މަންމާފުޅުގެ ސަންދޯކުގެ ކުރިމަތީގައި ގިބްލައަށްވާ ގޮތަށް މޫސަ ބެހެއްޓުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެހީތެރިވެދެއްވަ އެވެ. އަދި މިސްކިތުގެ ފުރަތަމަ ސަފުގައި ކުރީގެ ރައީސް އިބޫގެ އިތުރުން މުއުމިނާގެ އެހެން ބައެއް ބޭފުޅުން ތިއްބެވި އެވެ.

އެ ޖަނާޒާގައި ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ-3) އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް (ވ-2) މަންމާފުޅުގެ ކަށުނަމާދުގައި -- ފޮޓޯ: ހަތާވީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ-3) އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް (ވ-2) މަންމާފުޅުގެ ކަށުނަމާދުގައި -- ފޮޓޯ: ހަތާވީސް

މުއުމިނާ އަކީ އިބޫގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ގެ ވެސް މަންމާފުޅެވެ.