Roadha Mihaaru
30 އަހަރަށް ފަހު ހިންނަވަރު ގޮނޑި ގެއްލިއްޖެ

30 އަހަރަށް ފަހު ހިންނަވަރު ގޮނޑި ގެއްލިއްޖެ

21 އެޕްރީލް 2024

ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ، އެމްޑީޕީން ކޮންޓްރޯލް ކުރަމުންދިޔަ ޅ. ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެ ޕާޓީ އަށް ގެއްލި، ސަރުކާރު ހިންގާ ޕީއެންސީ އިން ކާމިޔާބުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ، އެމްޑީޕީން ކޮންޓްރޯލް ކުރަމުންދިޔަ ޅ. ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެ ޕާޓީ އަށް ގެއްލި، ސަރުކާރު ހިންގާ ޕީއެންސީ އިން ކާމިޔާބުކޮށްފި އެވެ.

ފެހި ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި ފަހުން ބޭއްވި ހަތަރު ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަދު ބާއްވާފައިވާއިރު ހިންނަވަރު ދާއިރާގެ މިހާރުގެ މެންބަރު ޖީހާން މަހުމޫދުއާ ވާދަކުރައްވައި އެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނެވެ.

ހިންނަވަރު ގޮނޑިއަކީ އެމްޑީޕީ އިން އަބަދުވެސް ޔަގީންކުރާ ގޮނޑިއެކެވެ. އެމްޑީޕީގެ ލީޑަޝިޕްގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރު ދާއިރާގެ ގޮނޑި އެމަނިކުފާނު ވަނީ 25 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން ޖީހާން ފަސް އަހަރު [ޖުމްލަ 30 އަހަރު] ފުރުއްވި އެވެ.

ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލިފައިވާއިރު ސަރުކާރު ހިންގާ ޕީއެންސީން ވަނީ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުކޮށް 20 ވަނަ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދައިފަ އެވެ.

އޭގެ ތެރޭގައި މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހިމެނެ އެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގައި މިހާރު މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހޯދީ ޕީއެންސީންނެވެ.

އައްޑޫ އާއި މާލެއަކީ އަބަދުވެސް އެމްޑީޕީން މެޖޯރިޓީ ހޯދާ ދެ ސިޓީ އެވެ. ކުޅުދުއްފުށީ ސިޓީ އާއި ފުވައްމުލައް ސިޓީގެ ގޮނޑިތައް ވެސް ހޯދާފައި ވަނީ ޕީއެންސީންނެވެ.