Roadha Mihaaru
ޕާޓީ ބަދަލުނުކުރަން އެމްޑީޕީގެ ކެންޑިޑޭޓުން ހުވާކޮށްފި

ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން ﷲގަންދީ ހުވާކޮށްފި

27 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަ ޕާޓީ ބަދަލު ނުކުރާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން، މާތްﷲ ގަންދީ ރޭ ހުވާކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެއްޖެ ނަމަ ޕާޓީ ބަދަލު ނުކުރާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން، މާތްﷲ ގަންދީ ރޭ ހުވާކޮށްފި އެވެ.

މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި "މިސްރާބު ހަމަމަގަށް" ޖަލްސާގައި ކެންޑިޑޭޓުންނަށް މި ހުވާލައިދެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.

"...މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ، ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާއި ނިންމުންތަކަށް އަދި ޕާލިމަންޓްރީ ގްރޫޕްގެ ހިންގާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ މާތްﷲ ގަންދީ ހުވާކުރަމެވެ." ރޭ އެ ކެންޑިޑޭޓުން ކުރި ހުވާގައި ބުންޏެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ 65 މެންބަރުން އިންތިހާބުވި ނަމަވެސް، މިހާރު އެ ޕާޓީގެ ތިބީ 43 މެންބަރުންނެވެ. "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ފަހު އެ ޕާޓީއަށް 13 މެންބަރަކު ގުޅުނުއިރު ސަރުކާރު ބަދަލުވުމާ އެކު ޕީއެންސީއަށް 12 މެންބަރަކު ގުޅުނެވެ.

މިކަން ހުއްޓުވުމަށް އެމްޑީޕީން ވަނީ އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމަށް މަޖިލީހަށް ބިލް ހުށަހަޅައިފަ އެވެ.

އެ ބިލްގައިވާ ގޮތުން ސިޔާސީ ޕާޓިއަކުން ވަކި ކޮށްފި ނަމަ އެ ދާއިރާގެ ރިކޯލް ވޯޓަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާން ޖެހޭނެ ކަމަށާއި އެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުން އޭނާ އަށް ނޫނެކޭ ބުނެފި ނަމަ އެވެ.

އަދި އެ މެންބަރު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

އިންތިހާބުވާ ޕާޓީ ބަދަލުކުރާ މައްސަލަ ބޮޑުވެ، އެކަމަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އިންތިހާބުވުމަށްފަހު ޕާޓީ ބަދަލު ނުކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި، އެންޓި ޑިފެކްޝަން ބިލް އަވަހަށް ފާސްކުރަން ވެސް މިހާރު އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހަށް ގޮވާލެއްވި އެވެ.