Roadha Mihaaru
އިންތިހާބު ބާއްވާ ދުވަހާ މެދު އިބޫގެ ކަންބޮޑުވުން!

މަޖިލިސް އިންތިހާބު ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާތީ އިބޫގެ ކަންބޮޑުވުން!

02 މާޗް 2024

އަންނަ މަހުގެ 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން މި ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ކުރައްވައިފި އެވެ.

އަންނަ މަހުގެ 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން މި ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ކުރައްވައިފި އެވެ.

މަޖިލިހުގެ އިންތިހާބަށް މާލޭގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އެ މަނިކުފާނު އެ ތުހުމަތު ކުރެއްވި މައިގަނޑު ސަބަބަކީ ސަރުކާރުގެ ރަސްމީ ބަންދު ނޫން ދުވަހެއްގައި އެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެވެ.

އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލިހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަސްދީގު ކުރެއްވުމާ އެކު، އިލެކްޝަންސް ކޮމިޝަނުން ފަހުން ކަނޑައެޅީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހު އެ އިންތިހާބު ބާއްވާށެވެ. އެ ކޮމިޝަނުން ބުނީ، ގާނޫނުގައި ބުނާ ތާރީހުތަކަށް ކަންކަން ފެއްތުމުން މަޖިލިސް އިންތިހާބު އެންމެ އަވަހަށް ބޭއްވޭނީ އެ ތާރީހުގައި ކަމަށެވެ.

އިންތިހާބު ފަސްކުރުމުގެ ބިލް ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ މި މަހުގެ 17 ވާ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާށެވެ.

ރާއްޖޭގައި ބާއްވާ ރަސްމީ އިންތިހާބުތައް ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު ބާއްވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު، އެތައް ދުވަހަކަށް ފަހު މި ފަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސަރުކާރުގެ ރަސްމީ ބަންދު ނޫން ދުވަހެއްގަ އެވެ.

އެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް އިބޫ ރޭ ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކުގައި އިންތިހާބުތައް ބާއްވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދޭން ކަމަށެވެ.

"އެހެން ނަމަވެސް އެކަން ވެސް ހުއްޓުވާލުމަށްޓަކައި [ސަރުކާރުން] މަސައްކަތް ކުރެއްވީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ރޯދަމަހާ ދިމާވާތީ، އެ އިންތިހާބު ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމުގެ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ނަމަވެސް އިބޫ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން "ބާރު ފޯރުވައި" އަދިވެސް ގެންދަނީ ސަރުކާރުގެ ރަސްމީ ދުވަހެއްގައި ވޯޓުލުން ބާއްވަން މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އިބޫ ވާހަކަފުޅު ދައްކަވަނީ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އިބޫ ވާހަކަފުޅު ދައްކަވަނީ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ދަންނަވާލަން ބޭނުންވަނީ އެ ބާރުގައި، އެ ނުފޫޒުގައި ޖެހިވަޑައިނުގަންނަވާށޭ. ތިޔަބޭފުޅުންނަކީ މިނިވަން މުއައްސަސާއެކޭ. ރައްޔިތުންނަށް ފަސޭހައިން ވޯޓުލެވޭ ގޮތަށް އެކަން ކޮށްދެއްވާށޭ. ސްކޫލް ވެސް ހުޅުވިފައި، ސްކޫލަށް މީހުން ކުދިން ވެސް ގެންދަންޖެހޭ، ހޯލްތައް ވެސް ބޭނުންކުރަންޖެހޭ. ކިހިނެއްތޯ މިކަން ކުރާނީ،" އިބޫ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން، ޝައްކެތް އޮތް ކަމެއް ނޫން، އެއީ ރައީސް ޑރ. މުއިއްޒުގެ ބާރާއި ނުފޫޒު ފޯރުވައިގެން. އަޅުގަނޑު ދަންނަވާނީ އިލެކްޝަންސް ކޮމިޝަނަށް އޭގައި ޖެހިވަޑައިނުގަންނަވާށޭ."

މިދިޔަ ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައީސް މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ ރާއްޖޭގައި ހުދުމުހުތާރުކަން އަނެއްކާވެސް ގާއިމް ކުރެއްވުން ކަމަށެވެ. އެހެންވެ، އެ ކަމާ ތިބެން ޖެހޭނީ ވިސްނައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމުން ސަލާމަތް ވާނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ދީގެން ކަމަށް ވާތީ އެ ކަން ކޮށްދިނުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.