Roadha Mihaaru
އިންތިހާބު ފަސްކުރަން ފާސްކުރުމުން އީސީ މަޝްވަރާއަށް!

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް ބިލް ފާސްކުރުމުން އީސީން މަޝްވަރާ އަށް

28 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް މަޖިލީހުން މިއަދު ނިންމި ނިންމުމާ މެދު މަޝްވަރާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް މަޖިލީހުން މިއަދު ނިންމި ނިންމުމާ މެދު މަޝްވަރާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ދެ ވަނަ ފަހަރަށް ވަނީ ފާސްކޮށްފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް ވިދާޅުވީ އެ ކޮމިޝަނުން އަމަލު ކުރާނީ ގާނޫނުގައިވާ ގޮތަށް ކަމަށާއި ނަމަވެސް މި ހާލަތުގައި ދެން އަމަލު ކުރާނެ ގޮތަމާ މެދު މެމްބަރުންގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އަމަލު ކުރާނީ ގާނޫނުގައި އޮންނަ ގޮތަކަށް. ގާނޫނުގައި ކަމެއް ކުރަން އޮންނަ ގޮތަކަށް އަޅުގަނޑުމެން ކަންތައް ކުރަނީ،" ހަބީބް ވިދާޅުވި އެވެ.

"މަޖިލީހުން އެ ގޮތަށް ފާސްކުރުމުން މެމްބަރުން މާދަމާ މަޝްވަރާ ކުރައްވަން ނިންމަވާފައި ވަނީ. އެއީ އަޅުގަނޑުމެން ވެސް ކުރަން ކަންކަން ހުންނާނެ، އީސީން ކުރަން ޖެހޭ ކަންކަން."

ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހަބީބު ވެސް ވަނީ އެކަން ތަކުރާރުކޮށް ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެން މިހާރު ބާއްވައިފިއްޔާ މުވައްޒަފުންގެ ރޯދަ އެލަވަންސަށް އެކަނި އެބަ އަރާ 1.2 މިލިއަން ރުފިޔާ. އިތުރު އެހެން ކަމަކަށް ވެސް ހަރަދު ހިނގާނެ. އެ ހަރަދު ސަރުކާރުން ދެއްވަންޏަކާ ވެސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލް ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރީ އެ ބިލްގައި ހުރި މައްސަލަތައް ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލް އަނބުރާ ފޮނުވާލައްވާފައި ވަނިކޮށެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލް ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. ތަސްދީގު ނުކުރައްވާ ނަމަ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.

ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.

އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް މިއަދު ފާސް ކުރީ 47 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 14 މެމްބަރުންނެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ މި އަހަރުގެ އޭޕްރީލް 20 ގަ އެވެ.

އިންތިހާބު ފަސްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ދެ ވަނަ ފަހަރަށް މިއަދު ފާސްކުރުމާ އެކު، އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީން ބުނީ، ސުޕްރީމް ކޯޓުން މީގެ ކުރިން އިއްވާފައިވާ ހުކުމްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރަން ޖެހޭނެ ކަމަށެވެ.

"ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ މިއަދުތޯ މާދަމާތޯ އަނެއް ދުވަސް ތޯ، އެ ސުވާލުގައި ތިއްބެވޭނެ ޒާތުގެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ ގާނޫނުއަސާސީގެ ރޫހަކީ އަދި ސުޕްރީމް ކޯޓުން މާނަކޮށްފައި އޮތް ގޮތަކީ ވެސް،" ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވި އެވެ.