Roadha Mihaaru
އެންމެ ގިނަ ބަނދަރު ހެދީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި

ރައީސް ޔާމީންގެ ސަރުކާރުން 70 ބަނދަރު ހަދައިދީފި، އެމްޑީޕީގެ ސަރުކާރުގެ އަދަދަކީ 24: މުއިއްޒު

22 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ ހަތަރު އަހަރާއި އަށް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކި ރަށްރަށުގައި 70 ވަރަކަށް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެ އަދަދު އުޅެނީ އެންމެ 24 ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ ހަތަރު އަހަރާއި އަށް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކި ރަށްރަށުގައި 70 ވަރަކަށް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެ އަދަދު އުޅެނީ އެންމެ 24 ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މުޅިން އަލަށް ބަނދަރު ހަދައި ދިނުމާއި ބަނދަރުތައް މަރާމާތު ކުރުމާއި ފަޅުފުންކުރުމުގެ މަސައްކަތް ވެސް ހިމަނައިފި ނަމަ މި ސަރުކާރުން މިހާތަނަށް 108 ރަށެއްގެ ބަދަރުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ހަތަރު އަހަރާއި އަށެއްކަ މަސް ދުވަހަށް ބަލައިފި ނަމަ މިއީ ވަރަށް ގިނަ އަދަދެއް. ރާއްޖޭގެ ތާރީޚުގައި އުމްރާނީ ތަރައްގީގައި، ބަނދަރު ހެދުމުގެ މަސައްކަތްތަކަށް ބަލާ ނަމަ މިއީކީ އެއްވެސް އިރެއްގައި ފެންނަން ހުރި މަސައްކަތްތަކެއް ނޫން. މީގެ ކުރިން، އެމްޑީޕީ ސަރުކާރަށް ބަލާ ނަމަ، އަޅުގަނޑުމެން އަދަދުތަކަށް ބަލާ ނަމަ ގާތްގަނޑަކަށް 23 ނޫނިއްޔާ 24 ރަށުގައި ބަނދަރު ހަދާފައި ވަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތްޕުޅުތަކެއް ކުރައްވަން ކަމަށާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައި، ވަރަށް ހީވާގި ކަމާ އެކު ގިނަ ކަންތައްތަކެއް އެމަނިކުފާނު ފުރިހަމަ ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަލައިގަތުމުގެ މާނަ އަކީ އެމަނިކުފާނު ތިޔަ ރައްޔިތުންނަށްޓަކައި އިތުރު ކަންތައްތަކެއް ކޮށްދިނުމުގެ ފުރުސަތު ދެއްވުން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި [ރައީސް ޔާމީންގެ މަސައްކަތްޕުޅު] ބަލައިގަތުމުގެ މާނަ އަކަށް ވާނީ. އެވަގުތު އައިސް މިހާރު ކުޑަތަން ވެފައި މިވަނީ. މި އަންނަ މަހު 23 ވަނަ ދުވަހަކީ ރައްޔިތުން އެކަން ބަލައިގަންނަކަން ރައްޔިތުންގެ ފަރާތުން ރައީސް ޔާމީނަށް ދަންނަވަން ލިބޭ ފުރުސަތު،" އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ނުސީދާކޮށް އެދިވަޑައިގަންނަވަމުން މުއިއްޒު ވިދާޅުވި އެވެ.

ނޮޅިވަރަމްފަރުގެ ބަނދަރު ރައީސް ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ނޮޅިވަރަމްފަރުގެ ބަނދަރު ރައީސް ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ދެހާހެއްހާ މީހުންގެ އާބާދީއެއް އޮތް ނޮޅިވަރަމްފަރުގެ ތަރައްގީ އަށް މިހާތަނަށް ވެސް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ޔާމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވި ބަނދަރެވެ.

މުއިއްޒު ވިދާޅުވީ، ނޮޅިވަރަމްފަރުގެ ބަނދަރު ހެދުމަށް ދައުލަތުގެ ބަޖެޓުންނާއި ރާއްޖެއިން ބޭރުގެ އެހީގައި 45 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި އެއީ އެ ރަށުގެ މީހުން އެންމެ ބޮޑަށް ބޭނުންވި އެއް މަޝްރޫއު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ނަގައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްލާމްދީނަށް ނުރައްކާތައް ކުރިމަތި ކުރަން މަސައްކަތް ކުރާ ތަނެވެ.