Roadha Mihaaru
ރައީސްގެ މަންދޫބެއްގެ ގޮތުގައި މުއިއްޒު ހދ.އަތޮޅުގައި

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު މުއިއްޒު ހދ.އަތޮޅުގައި

20 ޖެނުއަރީ 2017

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރެއް ފައްޓަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރެއް ފައްޓަވައިފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މި ދަތުރުގެ މަގްސަދަކީ އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުން ކަމަށެވެ.

"ހދ.އަތޮޅަށް ކަނޑައަޅުއްވާފައި ހުންނެވި މިނިސްޓަރަކީ މުއިއްޒު، ދަތުރުގެ ބޭނުމަކީ ރަށް ރަށަށް ދިމާވެފައި ހުރި މައްސަލަތައް ވީހާވެސް ކައިރިން ދެނެގަތުން،" އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ނޭކުރެންދޫގައި. - ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު ނޭކުރެންދޫގައި. - ފޮޓޯ: ހައުސިން މިނިސްޓްރީ

އޮފިޝަލް ވިދާޅުވި ގޮތުގައި އިއްޔެ ފެއްޓި މި ދަތުރުގައި ހދ. އަތޮޅުގެ ފިނޭ، ހިރިމަރަދޫ، ނާވައިދޫ، ނެއްލައިދޫ، ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ނޭކުރެންދޫ، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫއަށް މިނިސްޓަރު ވަޑައިގެންނެވީ މިއަދު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އިސް ރަށްވެހިންނާއި، އާންމު ރައްޔިތުންނާ މިނިސްޓަރު މުއިއްޒު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިނިސްޓަރު ޒިޔާރަތް ކުރެއްވި ރަށްތަކުގައި ދިރިއުޅޭ މީހުން ވަނީ ބަނދަރުގެ ދަތިކަމާއި ނަރުދަމާ ނިޒާމެއް ނެތުމާއި ސިއްހީ ދާއިރާގައި ދިމާވެފައިވާ މައްސަލަތައް މިނިސްޓަރުގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ. މުއިއްޒުގެ އަރިހުގައި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ އެދިވަޑައިގަތުމަކަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެ ކުރިން ވަނީ ވ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، އެ އަތޮޅުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައި، ކަންބޮޑުވާ ކަންތައް އޮޅުން ފިލުއްވައިފަ އެވެ.