Roadha Mihaaru
ބްރިޖާ ގުޅޭ ގޮތުން ޑރ. މުއިއްޒުގެ ސުވާލުތަކެއް

ބްރިޖާ ގުޅޭ ގޮތުން ޑރ. މުއިއްޒުގެ ސުވާލުތަކެއް އިދިކޮޅަށް

31 އޯގަސްޓް 2018

މާލެ އާއި ހުޅުލެއާ ދެމެދު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅައިދިން ބްރިޖުގެ ކްރެޑިޓް އިދިކޮޅު ފަރާތްތަކުން ނަގަން އުޅޭ ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސުވާލުތަކެއް އެ ފަރާތްތަކަށް މިއަދު ކުރިމަތި ކުރައްވައިފި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅައިދިން ބްރިޖުގެ ކްރެޑިޓް އިދިކޮޅު ފަރާތްތަކުން ނަގަން އުޅޭ ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސުވާލުތަކެއް އެ ފަރާތްތަކަށް މިއަދު ކުރިމަތި ކުރައްވައިފި އެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމާ އެކު އަޅައި ދިން މި ބްރިޖު ރައީސް ޔާމީން ރޭ ހުޅުއްވައި ދެއްވުމާ އެކު، އެއީ އެމަނިކުފާނަށް ވުރެ ކުރިން އެހެން ބައެއް ބޭފުޅުން އިސްނަންގަވައިގެން ފައްޓަވަން ނިންމަވާފައިވާ މަޝްރޫއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންވެ، އެ ބްރިޖުގެ ހުރިހާ ކްރެޑިޓެއް ނުވަތަ ރީތި ނަމެއް ރައީސް ޔާމީނަށް ހައްގު ނޫން ކަމަށް އިދިކޮޅުން ބުނެ އެވެ.

ސަރުކާރުން ޅ. ނައިފަރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބޮޑު ދެ މަޝްރޫއެއްގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު މުއިއްޒު ވަނީ، ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބްރިޖު މަޝްރޫއު އިއުލާން ކުރެއްވި ދުވަހު ވެސް "އެއީ ތިމަންނަމެންގެ މަޝްރޫއެކޭ" އިދިކޮޅުން ނުބުނުމުން ސުވާލު އުފައްދަވައިފަ އެވެ.

"އޭރު އެބޭފުޅުންނަށް ޝައްކުވެފައި އޮތީ ކަންނޭނގޭ މިކަން ނުވާނެ ކަމަށް. އެއްވެސް އުއްމީދެއް ނެތީ ކަން ނޭނގޭ. އެހެންވިިއްޔާ ކީއްވެބާ އެ މަޝްރޫއުގައި ސޮއިކުރެވުނު ދުވަހު މިއީ ތިމަންނަމެންގެ ވެރިކަމުގައި ކުރި ކަމެކޭ ނުބުނީ. އެހެނެއް ވެސް ނުވި. ދެން އޭގެ ފަހުން އޭގެ 'ބްރިޖު އަޅަން ބޭނުންވާ ސާމާނު' ތަކެތި މާލެ ގެނެވި، ބޯހޯލް ތޮރުފި ދުވަހު ތަންކޮޅެއް ބޮޑަށް ޔަގީން ވާންޖެހޭނެ ކަން ނޭނގޭ. އެ ދުވަހު ވެސް ކީއްވެބާ ތިމަންނަމެންގެ ސަބަބުން ވީ ކަމެކޭ ނުބުނީ،" ބްރިޖުގެ ކްރެޑިޓް ނަގަން އުޅޭ މައްސަލާގައި އިދިކޮޅަށް އަމާޒު ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ޗައިނާ ސަރުކާރުގެ މަންދޫބު، ވަން ޝިއާއޮ ތާއޮ ރޭ ބްރިޖް ހުޅުއްވައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީނާއި ޗައިނާ ސަރުކާރުގެ މަންދޫބު، ވަން ޝިއާއޮ ތާއޮ ރޭ ބްރިޖް ހުޅުއްވައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ބްރިޖުގެ ބޯހޯލް ތޮރުފަމުން ދިޔަ އިރު ވެސް އިދިކޮޅުން މަސައްކަތް ކުރީ އެއީ ނުވާނެ ކަމެއް ކަން ދެއްކުމަށެވެ. އާންމުންނަށް އޮޅުވައިލުމަށެވެ. އަދި ބްރިޖު މަޝްރޫއު ކުރިއަށް ދިޔަ ވަރަކަށް ވެސް، އިދިކޮޅު މަސައްކަތް ކުރީ އެ މަޝްރޫއާ ރައްޔިތުންނާ ދުރުކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[ބްރިޖުގެ] ތަނބުތައް ޖެހެމުން، ޖެހެމުން، ޖެހެމުން ދިޔައީ. އެބޭފުޅުން [އިދިކޮޅުން] ދިޔައީ މިކަމާ ހާސްވަމުން. ހުރިހާ ތަނބެއް ގުޅައިލެވި، މާލެ އާއި ހުޅުލެއާ ގުޅުވައިލެވުނު ދުވަހު ބުނަންވީ ނޫންތޯ ތިމަންނަމެންގެ ސަބަބުން ވީ ކަމެކޭ މިއީ. އެ ދުވަހު ވެސް ބުނާކަށް ނުކެރުނު،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖު އެޅުމުގެ މަޝްރޫއު ރައީސް ޔާމީން ފެއްޓެވީ ޕްލޭން ކުރައްވައިގެން އަދި ކަންކަން ކުރައްވާނެ ގޮތް އެނގިވަޑައިގެންކަން އިދިކޮޅަށް އެނގޭ ކަމަށެވެ. އެހެންވެ، އެކި ފަރާތްތަކުން މަސައްކަތް ކުރީ ރައީސް ޔާމީންގެ ފުރާނަފުޅު ދުއްވާލައިގެން ނޫނިއްޔާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޝަރުއީ ނިޒާމުގެ ތެރެއިން ބަޣާވާތް ކޮށްގެން ވިޔަސް އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ﷲ ގެ ނިޔާ އެ އަށް ވުރެ މަތިވެރި. މަކަރުވެރިންގެ ރޭވުންތަކަށް ވުރެ ﷲ ގެ ރޭވުންތެރިކަން މަތިވެރި. އެހެންކަމުން ރައީސް ޔާމީންގެ ހިކުމަތު އަމަލީގެ ސަބަބުން ރައްޔިތުން އެމަނިކުފާނަށް ދެއްވާ ތާއީދާއި އިތުބާރުގެ ސަބަބުން މިއަދާ ހަމައަށް ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ރާއްޖެ މިހާތަނަށް ދުށް ތަރައްގީގެ އެންމެ ރަން ޒަމާން ދިވެހި ރައްޔިތުން މިދަނީ ދެކެމުން. ހެކިވަމުން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންކަމުން ބްރިޖު ރޭގައި ހުޅުވުނުކަން ޔަގީން ވުމުން މިކަމާ ހަވާލުވާން ބޭނުން އެތައް ބަޔަކު އެބަތިބި. އެހެން ނަމަވެސް އެ އަށް ވުރެ މާ ހުޝިޔާރު. އެ އަށް ވުރެ މާ ތަންދޮރު ދަނޭ. އެހެންވީމާ ރައްޔިތުންނަށް މިހާރު ކަންކަން އޮޅުވައެއް ނުލެވޭނެ ހަގީގަތެއް. މިއީ އެ ޒަމާނެއް ނޫން."