Roadha Mihaaru
ހައުސިން ލޯނުގެ އިންޓަރެސްޓް ހަ ޕަސެންޓަށް ދަށްކުރަނީ

ސޯޝަލް ހައުސިން ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ހަ ޕަސެންޓަށް ތިރި ކުރަން ނިންމައިފި

21 ސެޕްޓެމްބަރ 2018

ސޯޝަލް ހައުސިން އަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ތިރި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސޯޝަލް ހައުސިން އަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ތިރި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ހިޔާ އެކޮމްޕްލިޝްޑް" ގެ ނަމުގައި މި ސަރުކާރުން ހިންގާ "ވިލިމާލެ 2" މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޔާމީންގެ މެނިފެސްޓޯ އެކުލަވައިލެއްވިއިރު، ވަރަށް ގިނަ އާންމުންގެ ހިޔާލު ލިބިފައިވާ ގޮތަށް ސޯޝަލް ހައުސިން ލޯނުގެ އިންޓަރެސްޓް ރޭޓް ދަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ގެދޮރު ހޯދުމަށް ނަގާ ލޯނު، ސޯޝަލް ހައުސިންގެ ކެޓަގަރީ ކަމަށް ވާ ނަމަ، ސޯޝަލް ހައުސިން ނަމަ ހަ ޕަސެންޓަށް ކުޑަވާނެ. އަދި މިހާރުގެ އިކުއިޓީ މި ހުންނަނީ 30 ޕަސެންޓުގަ. އެ އިކުއިޓީ 10 ޕަސެންޓަށް ކުޑަވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން ލޯނުތަކުގެ އިންޓަރެސްޓް ރޭޓް މިހާރު އުޅެނީ 11 ޕަސެންޓާއި 14 ޕަސެންޓާ ދެމެދުގަ އެވެ.

ހައުސިން ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރުމުން، މާލޭގައި ގެދޮރު ހުރި ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން ލޯނު ނަގާއިރު މިހާރު ހަމައެކަނި މޯގޭޖް ކުރަނީ ގޯތި ގެދޮރު ނަމަވެސް އެ އުސޫލު ބަދަލު ކުރުމަށް ވެސް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ލޯނު ހޯދުމުގައި މޯގޭޖް ކުރުމުގައި ބިން ނޫނީ އިމާރާތުގެ ބަދަލުގައި އެ މީހެއްގެ އަތުގައި ހުރި މޫވަބަލް އެސެޓްސް ވެސް މޯގޭޖް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިރޭގެ ޖަލްސާގައި މުއިއްޒު ވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ފްލެޓް ހޯދުމަށް ހުށަހަޅާ ހުރިހާ މީހުންނަށް ފްލެޓް ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމަނިކުފާނު [ރައީސް ޔާމީން] ވިދާޅުވީ މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" ރައީސް ޔާމީންގެ ސިޔާސަތު ހާމަކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެރުވުމަށް އެމަނިކުފާނު އަޅުގަނޑު ގާތު ދެންނެވީ."

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި އަދި ވިލިމާލެ 2 ނިމުމުން ގެދޮރު ބޭނުންވާ ހުރިހާ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެއިރުން ބޭނުންވާ މީހަކަށް އެންމެ ގެއެއް ނުވަތަ ފްލެޓެއްގެ އިތުރުން ވެސް ގިނަ ތަންތަން ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.