Roadha Mihaaru
ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭން ނިންމައިފި

ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭން ނިންމައިފި

20 ސެޕްޓެމްބަރ 2018

ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.

"ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން ވިލިމާލެ 2 ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.

"އެމަނިކުފާނު [ރައީސް ޔާމީން] ވިދާޅުވީ މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެރުވުމަށް އެމަނިކުފާނު އަޅުގަނޑު ގާތު ދެންނެވީ."

ހިޔާ މަޝްރޫއުގައި ފްލެޓް ދިނުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިންނެވެ. މިހާތަނަށް ގާތްގަނޑަކަށް 18،000 މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅައިފައިވެ އެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

މިރޭގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު، ރައީސް ޔާމީންގެ މެނިފެސްޓޯ ދައްކާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިރޭގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު، ރައީސް ޔާމީންގެ މެނިފެސްޓޯ ދައްކާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިރޭގެ ހަފްލާގައި ހައުސިން މިނިސްޓަރު ވަނީ ވިލިމާލޭ 2 މަޝްރޫއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ވިލިމާލޭ 2 އިން ފްލެޓާއި ގޯތި ދޫކުރާއިރު ބަލާނީ ވަރަށް މަދު ޝަރުތުތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ޝަރުތަކަށް އޮންނާނީ އެ މީހަކަށް 18 އަހަރު ފުރިފައިވުން އަދި 1000 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހި ކަމެއް އޭނާގެ އަމިއްލަ ނަމުގައި ނެތުން. މި ދެކަން ފުރިހަމަވާނީ ވަރަށް މަދު ބައެއްގެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ހިޔާ އެކޮމްޕްލިޝްޑް" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ޖިހާދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ހިޔާ އެކޮމްޕްލިޝްޑް" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ޖިހާދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުމާލޭ ދެ ވަނަ ފިޔަވަހި އަދި ވިލިމާލެ 2 ނިމުމުން ގެދޮރު ބޭނުންވާ ހުރިހާ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. އެއިރުން ބޭނުންވާ މީހަކަށް އެންމެ ގެއެއް ނުވަތަ ފްލެޓެއްގެ އިތުރުން ވެސް ގިނަ ތަންތަން ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރަނީ ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި ފްލެޓުތަކުގެ ތެރެއިން، އެންމެ ގިނައިން މީހުން ފޯމު ހުށަހަޅަނީ އުމުރުން 18-40 ދެމެދު ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ދޫކުރާ 1000 ފްލެޓަށް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތަކީ، ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.