Roadha Mihaaru
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި

ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި

06 ނޮވެމްބަރ 2018

ބްރިޖުގެ ދަތުރުތަކަށް ފީއެއް ނެގުމަށް މި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރި މަޝްވަރާތައް މަޑުޖައްސާލައި، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަށް ދޫކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބްރިޖުގެ ދަތުރުތަކަށް ފީއެއް ނެގުމަށް މި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރި މަޝްވަރާތައް މަޑުޖައްސާލައި، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަށް ދޫކޮށްލައިފި އެވެ.

ފީއެއް ނުނަގައި، ބްރިޖުގެ ދަތުރުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭގޮތް ކަމަށް ނުވާތީ، ފީއެއް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ. އެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ.

ބްރިޖުގެ ޓޮލް ނިޒާމް ގާއިމްކުރަން ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ބްރިޖުގެ ފީ ނެގުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް ހުރިހާ ކަމެއް އަދި މުޅިން ނުނިމޭ ކަމަށެވެ. އެހެންވެ، މިހާރު ނިންމާފައި އޮތީ، އެކަމުގައި ގޮތެއް ކަނޑައެޅުން އާ ސަރުކާރަށް ދޫކޮށްލަން ކަމަށް ވިދާޅުވި އެވެ.

"އޮޓޮމެޓިކުން ޓޯލް ކެނޑޭގޮތަށް، އިލެކްޓްރޯނިކް ޓޮލް ސިސްޓަމެއް ގާއިމް ކުރަން މަސައްކަތް ކުރީ. މި ސަރަހައްދުގައި މިކަހަލަ ކަމެއް ކުރާ ތަނެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ، އެހެންވީމަ ވަރަށް ބޮޑަށް ބަލައި ލަފާ ވެސް ހޯދަން ޖެހުނީމަ ލަސްވީ. އަނެއްކޮޅުން، އިންތިޚާބަށް ފަހު ޓޮލް ނެގުން ފަސޭހަކަމަކަށް ނުވާނެތީ، ޓްރާންސިޝަން ބައްދަލުވުންތަކުގައި ވެސް އަޅުގަނޑުމެން ވާނީ މި މައުލޫމާތުތައް ހިއްސާކޮށްފައި،" މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުމެން އުއްމީދު މި ކުރަނީ މިހާރު ނިންމާލެވުނު ހިސާބުން، ދެން އަންނަ ސަރުކާރުގެ ޕޮލިސީގެ ތެރެއިން ގެންދަން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދަވާނެ ކަމަށް."

ހައުސިން މިނިސްޓްރީގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ހައުސިން މިނިސްޓްރީގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ފީއެއް ނުނަގައި، ބްރިޖުގެ ދަތުރައް ހުޅުވާލާފައި ބޭއްވުމަކީ އެންމެ އެދެވޭނެ ގޮތެއް ނޫނެވެ. އެކަން، އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގެންގުޅުނު ރަސްމީ ލިޔެކިޔުންތަކުގައި ވެސް ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބްރިޖުގެ ދަތުރަކަށް ފީއެއް ނެގުމުގައި މި ސަރުކާރުން މަޝްވަރާކުރީ، ރައްޔިތުންނަށް ބުރައަކަށް ނުވާ ގޮތަށް އެކަން ހަމަޖެއްސުމަށެވެ. މާނައަކީ ބްރިޖުން ދަތުރުކުރުމަށް ވުރެން، ފެރީގައި ދިޔަގޮތަށް ކަނޑުގޮތުން ދިއުމުން ޚަރަދުކުޑައޭ ބުނެ ޝަކުވާ އުފުލަން ނުޖެހޭ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

"އެކި އޮޕްޝަންތައް ހުންނާނެ މަޝްވަރާކޮށްފައި. މިސާލަކަށް ސައިކަލަކަށް، ކޮޅަކަށް ފަސް ރުފިޔާތޯ ނުވަތަ ދެ ރުފިޔާތޯ ނުވަތަ މަހު ފީއެއްތޯ ނަގާނީ. ޓެކްސީއެއް ވިއްޔާމު، މަހު ފީއެއްތޯ ނަގާނީ. ޓޮލް ސިސްޓަމް އެގްރިމެންޓް ނުހެދޭތީވެ، މަޑުޖައްސާލީ،" މުއިއްޒު ވިދާޅުވި އެވެ.

ޓޮލް ސިސްޓަމް ކަނޑައެޅުމުގައި އާ ސަރުކާރުން އެ މަޝްވަރާތަކަށް ބައްލަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދިވެހިސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ބްރިޖު ހުޅުވުމަށް ފަހު ވެސް ދެ އަހަރު ވަންދެން ސީސީސީސީން ބްރިޖު ބަލަހައްޓައި، މަރާމާތު ކުރަން ރާއްޖޭގައި ތިބެން ޖެހެ އެވެ.

"އޭގެ ފަހުން، ދިވެހިސަރުކާރުން އެކީގައި ހަވާލުވާން ޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.