Roadha Mihaaru
ސަރަހައްދުގެ މައި އެއާޕޯޓަކަށް ވާނީ ހަނިމާދޫ: ރައީސް

ސަރަހައްދުގެ މައި އެއާޕޯޓަކަށް ވާނީ ހަނިމާދޫ: ރައީސް

19 ޖުލައި 2018

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ޖެޓުތައް ޖެއްސޭ ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށާއި އެކަމުގެ ސަބަބުން ސަރަހައްދުގެ މައި އެއާޕޯޓަކަށް ހަނިމާދޫ އެއާޕޯޓު ވެގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ޖެޓުތައް ޖެއްސޭ ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށާއި އެކަމުގެ ސަބަބުން ސަރަހައްދުގެ މައި އެއާޕޯޓަކަށް ހަނިމާދޫ އެއާޕޯޓު ވެގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު އިންތިހާބުވެވަޑައިގެންފި ނަމަ، ޒައާމަތުގެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓަކީ މި ޒަމާނުގެ އެއާޕޯޓަކަށް ހައްދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ހއ. އަދި ހދ. ގައި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް 3000 އެނދު އިތުރު ކުރަން ނިންމާފައިވާ އިރު، އެ ސަރަހައްދުގައި އެއާޕޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައި އެއާޕޯޓެއްގެ ގޮތުގައި އޮންނަން ބޭނުންވަނީ ހަނިމާދޫ އެއާޕޯޓު ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަނިމާދޫ އެއާޕޯޓަކީ މިހާރު ބޮޑެތި މަތިންދާބޯޓު ފަހަރު ޖެއްސޭވަރުގެ އެއާޕޯޓެއް ނޫން. ތިން ހާސް އެނދު އިތުރުވެގެން ދާއިރު، މުއްސަނދިން ޕްރައިވެޓް ޖެޓުގައި އައިސް، ދަތުރުކުރެވޭ ވަރުގެ އެއާޕޯޓެއް ނޫން. އެހެންވީމަ، އަޅުގަނޑުމެންގެ މި އަންނަ ފަސް އަހަރުގެ އެންމެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓު ބޮޑުވެގެން ދާނެ،" ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ހދ. ހަނިމާދޫގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް

ހދ. ހަނިމާދޫގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ހަނިމާދޫގައި ދެއްކެވި ވާހަކައިގެ ޚުލާސާއެއް

- ހަނިމާދޫގައި ފެނުގެ ނިޒާމާއި މަގު ހެދުން ކުރިއަށް އެބަދޭ، ދެ މަޝްރޫއު މި އަހަރު ނިމޭނެ.

- ހަނިމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް ދެއްވި.

- ކުރިން އުފެއްދި ދެ ސަރުކާރުން ހަނިމާދު އަށް ހަރަދުކުރީ ފަސް މިލިއަން ރުފިޔާ.

- މި ސަރުކާރުން ހަނިމާދު އަށް 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާނެ.

- ހއ. އަދި ހދ. ގައި ޓޫރިސްޓު އެނދު 3000 އަށް އިތުރުކުރާނެ.

ރައީސް ޔާމީން މިއަދު ހދ. ހަނިމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ހދ. ހަނިމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން ދިޔައިމަ، އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ހަނިމާދޫ ރައްޔިތުންނެވެ. ހަނިމާދުއަކީ ގެސްޓް ހައުސް އާއި ސިޓީ ހޮޓަލްގެ ވިޔަފާރި ކުރަމުން އަންނަ ރަށަކަށްވުމުން އެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދަން ރައީސް ޔާމީން ނިންމެވި އިރު، ކައިރީގައި އޮންނަ ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ހއ. ހޯރަފުއްޓާ ޖެހިގެން އޮންނަ މާފިނޮޅުގައި އެއާޕޯޓެއް އަޅަން ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.