Roadha Mihaaru
އައިޑީކާޑު ދޫކުރަން ފަށާ ގަޑި އަވަސްކޮށްފި

އައިޑީ ކާޑު ދޫކުރަން ފަށާ ގަޑި އަވަސްކޮށް، ނަންބަރު ދޫކުރާ އަދަދު އިތުރުކޮށްފި

29 މެއި 2023

އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކޮށް، ޓޯކެން ނަންބަރު ދޫކުރާ އަދަދު ވެސް މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކޮށް، ޓޯކެން ނަންބަރު ދޫކުރާ އަދަދު ވެސް މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އައިޑީ ކާޑުގެ ހިދުމަތް ދިނުން އަވަސްކުރުމުގެ ގޮތުން މިއަދުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ޑީއެންއާރުން ބުނީ އައިޑީ ކާޑު ދޫކުރުމަށް ދޭ ޓޯކެން ނަންބަރު ދެން ދޫކުރާނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. ހެނދުނު 8:30 އިން ފެށިގެން އައިޑީ ކާޑު ދޫކުރަން ފަށާނެ އެވެ. ކުރިން ޓޯކެން ނަންބަރު ދޫކުރަމުން އައީ ހެނދުނު 10:00 އިން ފެށިގެންނެވެ.

ކޮންމެ ދުވަހަކު ދޫކުރާ އައިޑީ ކާޑުގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށް އެ އިއުލާނުގައި ވެ އެވެ. ކުރިން ދުވާލަކު 400 އައިޑީ ކާޑު ދޫކުރަމުން އައި ނަމަވެސް މިއަދު ފެށިގެން ކޮންމެ ދުވަހަކު 600 ކާޑު ދޫކުރާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

އައިޑީ ކާޑުގެ ހިދުމަތް ހޯދަން ޓޯކެން ނަންބަރު ދޫކުރަނީ ކިއުބީ އެޕުންނެވެ.

މީގެ ކުރިން އެއް ދުވަސް ތެރޭގައި ދޫކުރަމުން އައި އައިޑީކާޑު ނުލިބި މަހަކަށް ވުރެ ގިނަ ދުވަސް ވާތީ، އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. އައިޑީކާޑު ލިބުން ލަސްވުމުގެ ސަބަބުން ބައެއް އަސާސީ ހިދުމަތްތައް ހޯދަން އުނދަގޫވާ ހިސާބަށް ވެސް ކަންކަން ގޮސްފައިވާ ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ.

އެ ޝަކުވާތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޑީއެންއާރުން ބުނެފައި ވަނީ، އައިޑީ ކާޑު ލިބުން އެންމެ ބޮޑަށް ލަސްވެފައި ހުރީ ފޮޓޯ ނަގައި ދިނުމުގެ ހިދުމަތްދޭ އެފްޑީއައި އާއި ރީތި ފޮޓޯ ކަހަލަ އެހެން ތަންތަން މެދުވެރިކޮށް ފޯމު ހުށަހަޅާފައި ތިބޭ މީހުންގެ އެވެ. އެހެންވެ، އެތަނުން އެދުނީ ކޮންމެ މީހަކު ވެސް ޑީއެންއާރުގެ ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް ފޯމު ހުށަހެޅުމަށެވެ.