Roadha Mihaaru
އައިޑީކާޑު ހެދުން ލަސްވާތީ ޝަކުވާ ބޮޑު

އައިޑީކާޑު ހެދުން ލަސްވާތީ ޝަކުވާ ބޮޑު

16 އޮކްޓޯބަރ 2022

މީގެ ކުރިން އެއް ދުވަސް ތެރޭގައި ލިބެމުން އައި އައިޑީކާޑު ނުލިބި މިހާރު ބައެއް ފަހަރު މަހަކަށް ވުރެ ގިނަ ދުވަސް ވާތީ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ ކުރިން އެއް ދުވަސް ތެރޭގައި ލިބެމުން އައި އައިޑީކާޑު ނުލިބި މިހާރު ބައެއް ފަހަރު މަހަކަށް ވުރެ ގިނަ ދުވަސް ވާތީ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އައިޑީކާޑު ލިބުން ލަސްވުމުގެ ސަބަބުން ބައެއް އަސާސީ ހިދުމަތްތައް ހޯދަން އުނދަގޫވާ ހިސާބަށް ވެސް ކަންކަން ގޮސްފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

ޝަކުވާކުރި އެކަކު ބުނީ މީގެ މަހެއްހާ ދުވަސް ކުރިން އޭނާ އަށް ލިބުނު ދަރިފުޅުގެ އައިޑީކާޑު ހަދަން ހުށަހެޅި ފަހުން މިހާރު މަސް ދުވަސް ވެއްޖެ ކަމަށެވެ. ކާޑު ލިބުން ލަސްވާ ސަބަބު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އަށް ދިއުމުން އަބަދުވެސް ބުނަނީ "މިދުވަސްވަރު ޑިލޭއެއް އުޅޭ" ކަމަށް އެކަނި ކަމަށެވެ.

"ދަރިފުޅުގެ އައިޑީކާޑު ނެތީމާ އޭނަ ޑޮކްޓަރަށް ދައްކަން އާސަންދަ ވެސް ނުލިބޭ. އަހަރެމެންގެ މުއްދަތު ހަމަވެފައި އޮތް ކާޑު ބޭނުންކުރެވުނަސް، ނިއުބޯންއެއްގެ ކާޑެއް ނޯންނާނެ ދޯ. އެހެންވެ، މިހާރު ހަމަ ފައިސާ ދައްކައިގެން، އާސަންދަ ނުލިބި ޑޮކްޓަރަކަށް މި ދައްކަނީ،" އޭނާ ބުންޏެވެ.

އެހެން މީހަކު ބުނީ އޭނާގެ އައިޑީކާޑު މުއްދަތު ހަމަވެގެން އާ ކާޑެއް ހައްދަން ހުށަހެޅި ފަހުން މިހާރު މަހެއް ވާން ކައިރި ވަނީ ކަމަށެވެ. ކާޑު ލިބުން ލަސްވާތީ ޑީއެންއާރަށް ގުޅަމުން ގޮސް ފޯނު ނެގީ ވެސް ހަފްތާއެއްހާ ދުވަހު މަސައްކަތްކުރި ފަހުން ކަމަށް ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ހިންގާ ވެލާނާގެ: ޑީއެންއާރްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ މިހާރު ވަރަށް ބޮޑު -- ފައިލް ފޮޓޯ: މިހާރު

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ހިންގާ ވެލާނާގެ: ޑީއެންއާރްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ މިހާރު ވަރަށް ބޮޑު -- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑު މާލޭގައި އުޅޭ މީހެއް ނޫންވީމަ އެތަނަށް ދާން އުނދަގޫ. ކާޑު ލަސްވާތީ އެއް ދުވަހު މާލެ ގޮސްގެން ވެސް ނުލިބުނު،" އޭނާ ބުންޏެވެ.

އައިޑީކާޑު ހައްދަން މިހާރު ވަރަށް ގިނަ މީހުން ހުށަހަޅަނީ ޑީއެންއާރުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ބައެއް މީހުން ބުނި ގޮތުގައި އޮންލައިންކޮށް ހުށަހަޅާ ފޯމަށް ޖަވާބެއް ލިބެނީ ވެސް ވަރަށް ލަހުން ކަމަށެވެ.

"އޮންލައިންކޮށް ކާޑަށް އެޕްލައިކުރީމާ ހަފުތާއެއް ފަހުން ގުޅާފައި ބުނީ ފޯމުގައި ހުރި މައުލޫމާތު ނުބައޭ. މައުލޫމާތު ރަނގަޅުކޮށްފައި އަލުން ހުށަހެޅީމާ އަނެއްކާ ވެސް އެބަ ނަގާ އެހާ ގިނަ ދުވަސް އެ ފޯމު ޕްރޮސެސްކުރަން،" މީހަކު ބުންޏެވެ.

ލަސްވަނީ ނުބައިކޮށް މައުލޫމާތު ހުށަހަޅާތީ: މިނިސްޓްރީ

ޑީއެންއާރު ހިންގަނީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ. އެކަމާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ އައިޑީކާޑު ލިބުން ލަސްނުވާނެ ކަމަށެވެ. އެ ހިދުމަތް އަބަދުވެސް ދެމުން އަންނަ ސްޕީޑުގައި އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ކާޑު ލިބުން ލަސްވެގެން އުޅެނީ ފޯމުގައި ނުބައިކޮށް މައުލޫމާތު ހުށަހަޅާތީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އައިޑީކާޑު ލިބުން ލަސްވެގެން އުޅެނީ ޑީއެންއާރުގައި ހުންނަ އައިޑީކާޑު ހަދަން ބޭނުންކުރާ މެޝިނަށް ބޭނުންވާ ބައެއް ސާމާނު މާލެއިން ލިބުން ދަތިވެގެންނެވެ. އެތަނުގައި ހުންނަނީ އޭގެ އެންމެ މެޝިނެކެވެ.