Roadha Mihaaru
ފްލެޓް ހޯދަން ދޮގު މައުލޫމާތު ދިން ކަމެއް ފާހަގަނުވޭ!

ފްލެޓް ހޯދަން ދޮގު މައުލޫމާތު ދިން މައްސަލައެއް މިނިސްޓްރީއަށް ފާހަގަނުވޭ!

07 ނޮވެމްބަރ 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ހޯދުމަށް ސައްހަ ނޫން މައުލޫމާތު ހުށަހެޅި ކަމެއް ފާހަގަވެފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ހޯދުމަށް ސައްހަ ނޫން މައުލޫމާތު ހުށަހެޅި ކަމެއް ފާހަގަވެފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ފޯމްގައި ދިން މައުލޫމާތަށް އެކަނި ބަލައިގެން އަދި ދިރިއުޅުމުގެ ހާލަތަށް ބެލުމެއް ނެތި، ފްލެޓް ލިބޭ މީހުން ހޮވި ގޮތާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދިން ގޮތަކާމެދު ސުވާލުކުރުމުން، މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ 3500 އެއްހާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށެވެ.

އޭގެ ތެރެއިން އުޅޭ ތަން ބަދަލުވުމުގެ ސަބަބުން ފޯމުގައި ދިން މައުލޫމާތާ ފުށުއެރި މައްސަލަތައް ފެންމަތިވި ނަމަވެސް، އިތުރު މައްސަލައެއް ފާހަގަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދޭނެ އުސޫލު ކުރިން އިއުލާންކޮށް ރައްޔިތުންގެ ހިޔާލަށް ވެސް ހުޅުވާލލި ކަމަށާއި އެހެންވެ، މިނިސްޓްރީގެ ވިސްނުމަކީ ފްލެޓު ދެވުނީ އިންސާފުވެރިކޮށް ކަމުގައި ކަމަށް އާރިފް ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީގެ ޗެއާ، އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފޯމުގައި ދެނީ ސައްހަ މައުލޫމާތުކަން ޔަގީން ކުރުމަށް އިގުރާރެއްގައި ސޮއިކުރާނެ ކަމަށާއި ސައްހަ މައުލޫމާތު ދިނުން އޮންނަނީ އެމީހެއްގެ އަތްމަތީގައި ކަމަށެވެ.

ފްލެޓު ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފްލެޓު ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާތަނަށް ސައްހަ ނޫން މައުލޫމާތެއް ދީގެން އެކަން ފާހަގަވެގެން އެއްވެސް ފޯމެއް ބާތިލްކޮށްފައިނުވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލައެއް ޝަކުވާއެއްގެ ޒަރީއާއިން ވެސް ފާހަގަ ވެއްޖެނަމަ ފްލެޓް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިނީ ދޮގު މައުލޫމާތު ކަމަށް ވާ ނަމަ އެކަމަށް ފިޔަވަޅު އަޅައި ފޯމު ބާތިލް ކުރާނަން." އަކްރަމް ވިދާޅުވި އެވެ.

"ޑިސްކޮލިފައި ކުރަން ޖެހޭ ފަރާތެއް ހުރި ނަމަ އެކަން ކުރާނަން."

މިނިސްޓްރީން މިއަދު ވެސް ވަނީ ޕޮއިންޓް ދީފައިވާނީ އެމީހަކު ފޯމުގައި ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް މީގެ ކުރިން ބުނި ވާހަކަ ތަކުރާރުކޮށްފަ އެވެ.

މިހާރު ހަދަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރުމަށް ފަހު، ޝަކުވާ ހުށަހަޅަން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ. އަދި ޕޮއިންޓު ދީފައިވާ ގޮތް މާދަމާއިން ފެށިގެން ބެލޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.