Roadha Mihaaru
ލ. ގަމުގައި ހަދާ 100 ފްލެޓްގެ ބިންގާ އަޅައިފި

ލ. ގަމުގައި ހަދާ 100 ފްލެޓްގެ ބިންގާ އަޅައިފި

21 ޑިސެމްބަރ 2022

މި ސަރުކާރުން ލ. ގަމުގައި އިމާރާތްކުރާ 100 ފްލެޓްގެ ބިންގާ މިއަދު އަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުން ލ. ގަމުގައި އިމާރާތްކުރާ 100 ފްލެޓްގެ ބިންގާ މިއަދު އަޅައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެކަމަށްޓަކައި މިއަދު ގަމުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފްލެޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކާމާލުއްދީނާއި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމް އަދި އެ ރަށު ކައުންސިލުގެ މެމްބަރުންނެވެ.

ލ. ގަމުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ފްލެޓް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މި އަހަރު މެއި މަހުގެ 30 ވަނަ ދުވަހު އެވެ.

އެއް އަހަރުން ނިންމާ ގޮތަށް ހަވާލުކުރި، 84 މިލިއަން ރުފިޔާގެ އެ މަޝްރޫއު ވަނީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ގަމުގައި އިމާރާތްކުރަނީ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހުންނާނެ އެވެ. ސިޓިންރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ސްޓޯރޫމް ވެސް ހުންނަ ގޮތަށް އިމާރާތްކުރާ އެ ފްލެޓްތަކުގެ ސައިޒަކީ 1،000 އަކަފޫޓެވެ.