Roadha Mihaaru
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު

ފުލުހުންގެ ފްލެޓްތައް އެއްބަސްވި މުއްދަތަށް ވުރެ ދެ މަސް ލަސްވާނެ: ސަރުކާރު

31 މެއި 2022

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވެފައިވާ ފުލުހުންގެ ފްލެޓްތައް އެއްބަސްވި ތާރީހަށް ނުނިންމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، އެތައް މައްސަލައެއް ދިމާވެފައިވާ ފުލުހުންގެ ފްލެޓްތައް އެއްބަސްވި ތާރީހަށް ނުނިންމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފުލުހުންގެ ފްލެޓްތައް ނިންމުމަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 30 ގަ އެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ މި އަހަރު ސެޕްޓެމްބަރު 20 ގައި މަސައްކަތް ނިންމާ ގޮތަށެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއައި) ކޮމިޓީން ޕްލޭނިން މިނިސްޓްރީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ މުއްދަތަށް މަޝްރޫއު ނުނިންމޭނެ ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މަސައްކަތް ލަސްވަނީ އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ ކުރިން، އެ ތަނުގެ މަސައްކަތް ކުރަމުން އައި ސަބް ކޮންޓްރެކްޓެއްގެ ސަަބަބުންނެވެ.

އެއީ ޖެނުއަރީ 27، 2016 ގައި ނޫމަޑިން އެއްބަސްވުން އުވާލުމަށް ފަހު، މަޝްރޫއު ހަވާލުކުރި އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތްތަކެއް ހަވާލުކުރި ސަބް ކޮންޓްރެކްޓަރެކެވެ.

ފުލުހުންގެ ފްލެޓެއްގެ އެތެރޭގެ މަސައްކަތްތައް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުލުހުންގެ ފްލެޓެއްގެ އެތެރޭގެ މަސައްކަތްތައް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަކްރަމް ވިދާޅުވީ ނެޓްވޯކް އެޅުމާއި ކެމެރާ ހަރުކުރުން ކަހަލަ ބައެއް މަސައްކަތްތައް ކުރުމަށް އޭރު ހަވާލުކޮށްފައި އޮތީ އެ ސަބް ކޮންޓްރެކްޓަރާ ކަމަށެވެ. އެކަން ކުރުމަށް އެ ކުންފުންޏާ އޮތީ ފައިސާ ވެސް ހަވާލުކޮށްފައި ކަމަށް ވިދާޅުވި އެވެ.

އެކަމަކު، އެ ކުންފުނީގެ މަސައްކަތްތައް ނުނިމޭތީ އަމިން ކޮންސްޓްރަކްޝަނަށް ވެސް ބައެއް ކަހަލަ ކަންކަން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށް އަކްރަމް ވިދާޅުވެ އެވެ.

"އެއީ އައިލެންޑް އެކްސްޕާޓްގެ އެހެން ކުންފުންޏަކާ ހަވާލުކޮށްފައި އޮތް މަސައްކަތެއް. އަޅުގަނޑުމެން ޕުޝްކޮށްގެން އެ މަސައްކަތް އެބަ ކުރިއަށްދޭ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަމިން ކޮންސްޓްރަކްޝަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތްތައް އުޅެނީ ދެ މަސް ފަހަތުގަ އެވެ. އެހެންވެ، އިތުރު ދެ މަހަށް މަސައްކަތް ލަސްވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ޝެޑިއުލުން ކައްސާލާފައި ވަނީ ސަބް ކޮންޓްރެކްޓަރުގެ މަސައްކަތްތައް ލަސްވަމުންދާތީ. އެހެންވެ މިހާރު ދައްކާ ގޮތުން ދެ މަސްވަރު އެބަ ލަސްވޭ،" މިހާރުގެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ނިންމުމަށް ބާރު އަޅަމުން އަންނަކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ވަރަށް ރާއްޖެ އަށް މުދާ އެތެރެ ކުރެވިއްޖެތޯ މެމްބަރަކު ސުވާލު ކުރެއްވުމުން އަކްރަމް ވިދާޅުވީ، ގިނަ ސާމާނުތައް ރާއްޖެ އަށް އެތެރެކޮށްފައި ވިޔަސް ތަނުގެ މަސައްކަތް ކުރިއަށްދާ ވަރަށް ބައެއް ސާމާނު މަދުވެފައިވާ ކަމަށެވެ.

ފުލުހުންގެ ފްލެޓްގެ މަޝްރޫއު ދެ ފަހަރެއްގެ މަތިން ހުއްޓި އެކި ފަރާތްތަކާ ހަވާލުކުރަން ޖެހުނު މައްސަލައާ ގުޅުވައިގެން، މި ފަހަރު މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވިދާނެތޯ ބައެއް މެމްބަރުން މިއަދު ސުވާލު ކުރެއްވި އެވެ.

އަކްރަމް ވިދާޅުވީ ދެން އިތުރު މައްސަލައެއް ކުރިމަތިވެ މަސައްކަތް މާބޮޑަށް ލަސްވެދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

އެކަމަކު ފަހުން މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ބަޔަކާ ހަވާލުކުރީ މަސައްކަތް ނިންމުމަށް ކަމަށެވެ. އަދި "މަސްހުނިގަނޑެއް" ހެން އޮތް މަޝްރޫއުއެއްގައި ފަހުން މައްސަލައެއް ދިމާނުވެދާނެކަން އެނގިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިސާލަކަށް ކޮށްފައި ނިމިފައި ހުރި ކަމެއް ކަމަށް ފާހަގަކުރެވޭ ކަމެއް ޑީޓެއިލް ފިނިޝިން އަށް ދާއިރު މައްސަލައެއް ދިމާވެދާނެ. އެ ޒާތުގެ ކަންކަން ދެވަނަ ކޮންޓްރެކްޓަރަކު އައީމާ އާންމުކޮށް ކޮންޓެރެކްޓަރު ދައްކާ. އެކަމަކު މިހާތަނަކަށް އަދި ފާހަގައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ

އަސްލަމް ވިދާޅުވީ، ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނަސް މިހާތަނަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައި ނުވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ފެށީ ނޫމަޑިންނެވެ. އެ ކުންފުނިން ސިފައިންނާއި ފުލުހުން ފްލެޓްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ.

އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެއްބަސްވުން ޖެނުއަރީ 27، 2016 ގައި ބާތިލްކުރި އެވެ. ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2020 ގައި އެ ދެ މަޝްރޫއުން ވަކިވި އެވެ.

އެހެންވެ ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ އެ ދެ މަޝްރޫއު 2020 ގައި ހުއްޓުނު އިރު، ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓް އަދި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ ތިން ޓަވަރުގެ 87 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ ތިން ޓަވަރަށް މިހާތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އިން ކުރަމުން އަންނައިރު، ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނާ އެ ފްލެޓްތަކާ ގުޅިގެން ވެސް މަޖިލީހުގެ މެމްބަރުން ސުވާލު ކުރެއްވި އެވެ. އެކަމަކު އެއީ އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސައްކަތަކަށް ނުވާތީ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސިފައިންގެ 330 ފްލެޓްގެ މަސައްކަތް ފެށީ 2014 ގަ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި 10 އަހަރު ވެފައިވާއިރު، އެ ކަމުގެ ނުތަނަވަސްކަން އެ މީހުންގެ އާއިލާތަކުން އަންނަނީ ފާޅުކުރަމުންނެވެ.