Roadha Mihaaru
ފްލެޓާއި ގޯތި ދޫކުރާ ކޮމިޓީ އުފައްދައިފި

ފްލެޓާއި ގޯތި ދޫކުރުމަށް "ގެދޮރުވެރިންގެ ކޮމިޓީ" އެކުލަވާލައިފި

22 ފެބުރުއަރީ 2023

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ބެލެހެއްޓުމަށް "ގެދޮރުވެރިންގެ ކޮމިޓީ" އެެއް އުފައްދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ބެލެހެއްޓުމަށް "ގެދޮރުވެރިންގެ ކޮމިޓީ" އެެއް އުފައްދައިފި އެވެ.

ކޮމިޓީގެ ޗެއާމަނަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ. ކޯ-ޗެއާމަނަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. ދެން ކޮމިޓީގައި ހިމެނެނީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އާއި މުހައްމަދު އާރިފެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ އިއްޔެ އެވެ. ކޮމިޓީގެ މަސައްކަތަކަށް ވާނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުން އިވެލުއޭޓުކޮށް، ފްލެޓް ލިބޭނެ މީހުން ކަނޑައެޅުމެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަންނަ ޖޫން މަހު ފްލެޓްތަކުގެ ލިޔުން ހަވާލުކޮށް، އޮގަސްޓް މަހު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ. މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވެ އެވެ.

ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަމާޒު ހިފާފައިވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ.

މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.