Roadha Mihaaru
ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ހަފުތާގައި

ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކުރަނީ އަންނަ ހަފުތާގައި

22 ޖޫން 2023

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކުރަނީ އަންނަ ހަފުތާގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކުރަނީ އަންނަ ހަފުތާގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް މި މަސް ނިމުމުގެ ކުރިން އިއުލާންކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވި ގޮތުގައި، ބޮޑު އީދު ފެށުމުގެ ކުރިން ލިސްޓު އާންމުކުރާނެ އެވެ. އެހެންވެ، ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އީދު ބަންދުގެ ކުރިން ސަރުކާރު ހުޅުވާ ފަހު ދުވަހަކީ މިއަދު ކަމަށް ވާތީ، އެ ލިސްޓު މިއަދު އާންމުކުރާނެ ކަމަށެވެ. ބޮޑު އީދު ދުވަހަށް ވަނީ މި ޖޫން މަހު 28 އެވެ.

ހުޅުމާލެ 2 ގައި ހަދަމުން އަންނަ ފްލެޓެއްގެ ކުޑަދޮރުން ނޫސްވެރިޔަކު ބޭރު ބަލާލަނީ: މި ޕްރޮޖެކްޓްގައި މި އަހަރުގެ ނިޔަލަށް 8 ޓަވަރުގެ މަސައްކަތް ނިންމާލެވޭނެ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި ހަދަމުން އަންނަ ފްލެޓެއްގެ ކުޑަދޮރުން ނޫސްވެރިޔަކު ބޭރު ބަލާލަނީ: މި ޕްރޮޖެކްޓްގައި މި އަހަރުގެ ނިޔަލަށް 8 ޓަވަރުގެ މަސައްކަތް ނިންމާލެވޭނެ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރުމަށް ފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މި މަހު އާންމުންނަށް ހުޅުވައިލާނެ އެވެ.

މި ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ހުޅުވާލުމުން 35،800 މީހުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް ކުރިމަތިލި 20،600 މީހުންނާއި ގޯއްޗަށް ކުރިމަތިލި 15،200 މީހުންނެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުން އިވެލުއޭޓުކޮށް ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް ފެބްރުއަރީ މަހު އުފައްދައި އެ ކޮމިޓީގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ކޮމެޓީގެ ބައްދަލުވުމެއް އިއްޔެ ވެސް ބޭއްވި އެވެ.

ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން އެތަނުން އަށް ޓަވަރެއްގެ މަސައްކަތް ނިންމާށެވެ. މި މަޝްރޫއުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.