Roadha Mihaaru
ވެރިފަރާތުގެ ސިޓީއަކާ އެކު އައިޑީކާޑު ދޫކުރަނީ

ވެރިފަރާތުގެ ސިޓީއަކާ އެކު އައިޑީކާޑު ދޫކުރަނީ

20 ފެބުރުއަރީ 2024

ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް ވެސް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް ވެސް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރީ (ޑީއެންއާރު) އިން ނެރުނު އިއުލާނެއްގައި ބުނީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން އައިޑީކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެހެންވެ، ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ސިޓީގައި ބުނެފައިވާ ފަރާތަށް ކާޑު ދޫކުރާނެ ކަމަށް ބުންޏެވެ.

އެގޮތަށް އައިޑީކާޑު ދޫކުރުމަށް ފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން ޝަކުވާ ހުށަހަޅައިފި ނަމަ، އެ މައްސަލަ ތަހުގީގުކުރަން އެ ޑިޕާޓްމަންޓުގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.

ޑީއެންއާރުން މިހާތަނަށް އައިޑީކާޑު ދޫކުރަމުން އައީ އެ ކާޑުގެ ވެރިފަރާތަށް އެކަންޏެވެ. އެކަމާ ހެދި، އުމުރުން ދުވަސްވީ މީހުންގެ ކާޑު ނަގަން ގޮންޖެހުންތައް ދިމާވެ އެވެ.