Roadha Mihaaru

އިބުރޭގެ ތުހުމަތަށް އިހުސާންގެ ރައްދު: ވިދާޅުވީ އެއީ ހިޔާލަށް ވެސް ނާންނަ ކަމެއްގެ ވާހަކަ ކަމަށް

އުމުރުން 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންގެ މައުލޫމާތުތައް އެއްކޮށް، އެ ކުދިން ސިޔާސީ ޕާޓީއަކަށް ވެއްދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ޖެނުއަރީ 2025

އުމުރުން 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންގެ މައުލޫމާތުތައް އެއްކޮށް، އެ ކުދިން ސިޔާސީ ޕާޓީއަކަށް ވެއްދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މައްސަލާގައި އިހުސާން ވާހަކަ ދެއްކެވީ އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ތުހުމަތުތަކަކާ ގުޅިގެންނެވެ.

އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި އުމުރުން 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އެއްކޮށް، އެ ކުދިންނަށް 18 އަހަރު ފުރުމާ އެކު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ތައްޔާރުކޮށް، ޕީއެންސީ އޮފީހުގައި ހުރި ކަމަށް މައުލޫމާތު އޭނާ އަށް ވަނީ ލިބިފަ އެވެ. އެކަން ކުރަނީ އިހުސާންގެ ބެލުމުގެ ދަށުން ކަމަށް އެ ޓްވީޓުގައި އިބްރާހިމް ވަހީދު ތުހުމަތު ކުރެއްވި އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން ދެއްވި ރައްދުގައި ފުރަތަމަ ކުރެއްވީ ސުވާލެކެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި އެކަން ކުރައްވަން އިބްރާހިމް ވަހީދު ވިސްނެވީތޯ އެވެ. އަދި އޭނާ އަށް އިބްރާހިމް ވަހީދު ކުރެއްވި ތުހުމަތުތަކުގައި ބުނާ ކަންކަން ކުރައްވަން ހިޔާލަށް ވެސް ނާންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ދައްކާ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބު ދެއްވަން ވަގުތު ނުވަތަ ފުރުސަތު އެ މީހަކަށް ނުލިބިދާނެ ކަމަށެވެ. އަދި އެފަދަ ބޮޑު ދޮގެއް ބޮލުގައި އެޅުވުމަށް ވުރެ، އެމްޑީޕީގެ ސިޔާސަތުތަކުގެ ރަނގަޅު ވާހަކަ ދެއްކުން މާރަނގަޅު ކަމަށް ވިދާޅުވި އެވެ.

މީހުންނަށް ނޭނގި ޕާޓީތަކަށް މީހުން ބަދަލުކުރާ މައްސަލަ އަނެއްކާ ވެސް ފެންމަތިވީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރި ކަމަށް މީގެ ދެތިން ދުވަހެއް ކުރިން އެނގުމުންނެވެ. މިހާރު އެ ފޯމު ވަނީ ބާތިލުކޮށްފަ އެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ ސައްހަ ނޫން ފޯމުތަކެއް ޕީއެންސީން އީސީ އަށް ހުށަހަޅާފައިވާ ކަމަށް އެެއްބަސްވެފަ އެވެ. އެކަން ފުލުހުން ވެސް ތަހުގީގުކުރަމުން އަންނައިރު އެކަމަށް އެއްބާރުލުންދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވަނީ އީސީ އަށް ހުށަހަޅައިފަ އެވެ.