Roadha Mihaaru
4000 ފްލެޓަށް ވަދެވޭނީ އަންނަ އަހަރުގެ ނިޔަލަށް!

ގެދޮރުވެރިޔާގެ ފުރަތަމަ 4000 ފްލެޓަށް ވަދެވޭނީ އަންނަ އަހަރުގެ ނިޔަލަށް!

08 ނޮވެމްބަރ 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން، މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މިހާރު ވަނީ އާއްމުކޮށްފަ އެވެ.

ފްލެޓް ލިސްޓުން ފެންމަތިވި ޝަކުވާތަކާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓުތައް ނިމޭ ވަރަކުން އެ ތަން ތަން ދޫކުރާނެ ކަމަށެވެ.

"އެކި ބައިބައިބަޔަށް ނިންމާ، އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ފްލެޓުތައް ހަވާލުކުރެވޭނެ،" ފްލެޓު ކޮމިޓީގެ ޗެއާކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބުނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

އެކަމަކު 4،000 ފްލެޓް ލިބޭ ލިސްޓު އެކުލަވާލާފައިވާ ގޮތާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. އާއްމުކޮށްފައިވާ އުސޫލާ ޚިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާ ކަމުގެ ތުހުމަތާއި، ދިރިއުޅުމުގެ ހާލަތު ނުބައި އިންސާފުން ހައްގުވެރިން ހޯދި ގޮތަކާ މެދު ވެސް ކަންބޮޑުވުން ބޮޑެވެ.

ފްލެޓު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މިދިޔަ އާދިއްތަ ދުވަހު މިނިސްޓްރީ ދޮށަށް ވެސް ބަޔަކު ވަނީ އެއްވެފަ އެވެ. އެ މީހުންގެ ޑިމާންޑަކަށް ވީ ޕޮއިންޓް ދިން ގޮތް ހާމަކުރުމެވެ. އެ ޝަކުވާތަކާ އެކު މިނިސްޓްރީން ވަނީ މިއަދުން ފެށިގެން ޕޮއިންޓު ދިން ގޮތް އެމީހަކަށް ފެންނަ ގޮތް ހަދައިފަ އެވެ.