Roadha Mihaaru

ފްލެޓު މައްސަލައިގައި ދައުވާކުރަނީ ސިޔާސީ މަގުސަދެއްގައި: އެމްޑީޕީ

ގެދޮރުވެރިޔާގެ މަޝްރޫއުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ބުނެ، އެއްވެސް ހެއްކެއް ނުދައްކައި ދައުވާ ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.

ފްލެޓު މައްސަލައިގައި ދައުވާކުރަނީ ސިޔާސީ މަގުސަދެއްގައި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ޖޫން 2025

ގެދޮރުވެރިޔާގެ މަޝްރޫއުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ބުނެ، އެއްވެސް ހެއްކެއް ނުދައްކައި ދައުވާ ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިންގި ހައުސިން މަޝްރޫއުގައި ވަކި ބަޔަކަށް މަންފާ ހޯދައިދިން ކަމަށް ތުހުމަތުކޮށް، އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ އެކު އިތުރު ތިން ބޭފުޅެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ވަނީ މިއަދު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އެ ކޮމިޝަނުން ބުނެފައި ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.

އަކްރަމްގެ އިތުރުން ދައުވާކުރަން ފޮނުވީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

އެ މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މި ފަހަރު ވެސް އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ އުފުލަމުން ދަނީ ފްލެޓުތައް ހަވާލުކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެމްޑީޕީން ބުނިގޮތުގައި އެ ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވަން ފްލެޓުތައް ބޭނުންކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް ކަމަށެވެ.

އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ސިޔާސީ ނުފޫޒުގައި އެ ކޮމިޝަނުން އަމަލުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށެވެ. އެ މައްސަލައިގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް ވެސް ނޫސް ބަޔާނުގައި ބުންޏެވެ.

"އެމްޑީޕީން ދެކެނީ މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއް ކަމަށް." ބަޔާނުގައި ބުންޏެވެ.

ކުރީގެ ސަރުކާރުގެ ދައުރު ނިމެން ދެތިން ދުވަހަށް ވެފައި ވަނިކޮށް ފްލެޓު ލިބޭ ފައިނަލް ލިސްޓު ވަނީ ނެރެފަ އެވެ. ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން އޭސީސީން ތަހުގީގުކޮށް، އެ ލިސްޓުން ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ފްލެޓް ދޫކުރުން ލަސްވާކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުންދާތީ، މި ސަރުކާރުގެ ނިންމުމަކަށް ވީ ކުރީގެ ލިސްޓާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ.

އިދިކޮޅު ޕާޓީން ވެސް ބުނީ ވަކި ބަޔަކަށް މަންފާ ހޯދައިދިން ކަމަށް ބުނެ ދައުވާ އުފުލަން ނިންމުމަށްފަހު މި ސަރުކާރުން ވެސް ފްލެޓު ދޭން ނިންމާފައިވަނީ އޭރު ޝާއިއުކުރި ލިސްޓަށް ކަމަށެވެ. އެކަމުން ވެސް ދައުލަތުގެ އެކި އިދާރާތައް މެދުވެރިކޮށް އެތައް ރައްޔިތުންގެ ހައްގު ބޯހިޔާވަހިކަން ސަރުކާރުން ދޮޅު އަހަރުވަންދެން ހިފަހައްޓައިގެން ތިބިކަން ސާފުވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓު އާ އަމުރެއްގެ ދަށުން އަނެއްކާ ވަނީ ހިފަހައްޓައިފަ އެވެ.

އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ޒިންމާ މަތިކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކުރުމަކީ އެކަމުގައި އެއްވެސް މީހަކަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެކަން އަންގައިދޭ ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.