Roadha Mihaaru

ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިން މައްސަލާގައި އަކްރަމާއި އިތުރު ތިން މީހަކަށް ދައުވާ

ކުރީގެ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓްދީ، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެމްބަރުންތަކަކަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ނުހައްގުން ފްލެޓް ދިން މައްސަލާގައި 4 މީހަކަށް ދައުވާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

18 ސެޕްޓެމްބަރ 2025

ކުރީގެ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓްދީ، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެމްބަރުންތަކަކަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ކުރަމުންދާއިރު އެ ތަހުގީގަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ހިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ މައްސަލައިގަ އެވެ.

އެ މީހުންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

"މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށް ގެންގޮސްފައިވާ މައްސަލަ އެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

ދައުވާކޮށްދޭން އެދުނު މީހުން

1. އަކްރަމް ކަމާލުއްދީން (ފްލެޓް ކޮމިޓީގެ ޗެއާ، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު)

2. މުހައްމަދު އާރިފް (ފްލެޓް ކޮމިޓީގެ މެމްބަރު، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު)

3. އަހްމަދު ވިޝާން ނަސީމް، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު

4. ޟިރުއާމް ވަހީދު، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު

ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި މައްސަލާގައި ދައުވާކުރަން ފޮނުވިއިރު، 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް 300 ފްލެޓް ދިން މައްސަލައެއް ވެސް ހައުސިން މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.

މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ.

އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.

މި މައްސަަލަތައް ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތްތަކެއް ކުރުމަށް ފަހު، އެންމެ ފަހުން ނިންމީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދިނުމަށެވެ. އެއީ ކުރީގެ ލިސްޓެއް އޮއްވައި އާ ލިސްޓެއް ހެދުމާ ދެކޮޅަށް ކަންބޮޑުވުންފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ. އެ ލިސްޓުގައި ތިބި މީހުންނާ އެކު އެފްޑީސީން އެއްބަސްވުންތަކުގައި ސޮއިކޮށް މިހާރު އަންނަނީ ފްލެޓް ހަވާލުކުރަމުންނެވެ.