Roadha Mihaaru
އައިޑީ ކާޑު ލަސްވަނީ ޕޯޓަލް މެދުވެރިކޮށް ފޯމު ނުލާތީ!

އައިޑީ ކާޑު ލަސްވަނީ އެހެން ތަންތަން މެދުވެރިކޮށް ފޯމު ހުށަހަޅާތީ: ޑީއެންއާރު

20 މެއި 2023

އައިޑީކާޑު ދޫކުރުން ލަސްވަނީ ފޯމު ހުށަހެޅުމުގައި ހުރި މައްސަލަތަކެއް ސަބަބުން ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޑީކާޑު ދޫކުރުން ލަސްވަނީ ފޯމު ހުށަހެޅުމުގައި ހުރި މައްސަލަތަކެއް ސަބަބުން ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފި އެވެ.

މީގެ ކުރިން އެއް ދުވަސް ތެރޭގައި ދޫކުރަމުން އައި އައިޑީކާޑު ނުލިބި މަހަކަށް ވުރެ ގިނަ ދުވަސް ވާތީ، އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ. އައިޑީކާޑު ލިބުން ލަސްވުމުގެ ސަބަބުން ބައެއް އަސާސީ ހިދުމަތްތައް ހޯދަން އުނދަގޫވާ ހިސާބަށް ވެސް ކަންކަން ގޮސްފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެ ޝަކުވާތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޑީއެންއާރުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރިޒްނީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، އައިޑީކާޑު ލިބުން އެންމެ ބޮޑަށް ލަސްވެފައި ހުރީ ފޮޓޯ ނަގައި ދިނުމުގެ ހިދުމަތްދޭ އެފްޑީއައި އާއި ރީތި ފޮޓޯ ކަހަލަ އެހެން ތަންތަން މެދުވެރިކޮށް ފޯމު ހުށަހަޅާފައި ތިބޭ މީހުންގެ ކަމަށެވެ.

"ފޯމު ހުށަހަޅާފައި މި ހުންނަނީ އެ ތަންތަނުގެ ނަމުގައި، ނަންބަރުގައި. އެހެންވީމާ، މިވާ ގޮތަކީ އަޅުގަނޑުމެން ޕޭމަންޓް ލިންކް ފޮނުވާލާއިރުގައި ވެރިފަރާތަކަށް ނުލިބޭ. ރައްޔިތު މީހާ ދައްކަން ޖެހޭ ޕޭމަންޓް ނުލިބޭ. ކާޑު ޕްރިންޓް ކުރަން އަޅުގަނޑުމެން މި ފަށަނީ ވެސް އެ ޕޭމަންޓް ލިބުނީމާ،" އޭނާ ވިދާޅުވި އެވެ.

ޑައިރެކްޓްލީ ޑީއެންއާރުން ކުރަން ޖެހޭ ކޮމިއުނިކޭޝަނެއް މި ދަނީ އެހެން މީހެއްގެ ނަންބަރަކަށް. އެބަހުރި ޖެހިގެން ހުރި ރަހުމަތްތެރިޔާގެ ނަންބަރާއި ފޮޓޯ ލާފައި ވެސް އެޕްލިކޭޝަން ހަދައިފައި. އެކަހަލަ އިޝޫސްތައް އެބައުޅޭ: ރިޒްނީ، ޑީއެންއާރުގެ ޑީޖީ

ކާޑުގެ ވެރިފަރާތަށް ނުގުޅި، ޕޭމަންޓް ހަމަނުޖެހިގެން މިހާރު ވެސް 300 އަށް ވުރެ ގިނަ އެޕްލިކޭޝަން ޕްރޮސެސް ނުކުރެވި އެބައޮތް ކަމަށް ރިޒްނީ ވިދާޅުވި އެވެ.

"ޑައިރެކްޓްލީ ޑީއެންއާރުން ކުރަން ޖެހޭ ކޮމިއުނިކޭޝަނެއް މި ދަނީ އެހެން މީހެއްގެ ނަންބަރަކަށް. އެބަހުރި ޖެހިގެން ހުރި ރަހުމަތްތެރިޔާގެ ނަންބަރާއި ފޮޓޯ ލާފައި ވެސް އެޕްލިކޭޝަން ހަދައިފައި. އެ ކަހަލަ އިޝޫސްތައް އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، ރިޒްނީ އެދިވަޑައިގަތީ ކޮންމެ މީހަކު ވެސް ޑީއެންއާރުގެ ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް ފޯމު ހުށަހެޅުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އައިޑީކާޑަށް އެދޭ ފޯމު ހުށަހަޅާ އޮންލައިން ޕޯޓަލްއަށް މިފަހުން ގެނައި ބަދަލާ ގުޅިގެން ވެސް ލަސްތަކެއް ދިމާވި އެވެ. އެކަމަކު، މިހާރު ކުރީގެ ޕޯޓަލަށް ވުރެ ފަސޭހައިން ފޯމު ހުށަހެޅޭނެ އެވެ. ކުރީގައި އޮންލައިންކޮށް ފޯމު ހުށަހެޅީ ފިޒިކަލް ފޯމެއް ފުރުމަށް ފަހު އޭގެ ފޮޓޯ ނަގައި ޕޯޓަލްއަށް އަޕްލޯޑް ކޮށްގެންނެވެ. މިހާރު އޮންލައިންކޮށް ފޯމު ފުރާލެވެ އެވެ.

"އޮންލައިން ޕޯޓަލް ހުޅުވާލީމާ އައިޑީކާޑު ހަދަން ހުށަހަޅާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ގިނަވެ، ދުވާލަކު 200-300 އެޕްލިކޭޝަން ލިބޭތީ ހިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުރި. މި ކޮޅުގައި ސްޓާފުން ވެސް މަދުވުމާ އެކީގައި،" ރިޒްނީ ވިދާޅުވި އެވެ.

އައިޑީކާޑު އަވަހަށް ލިބޭނެ ގޮތް ހެދުމަށް މިފަހުން ބައެއް ބަދަލުތައް ގެނައި ކަމަށް ވެސް ރިޒްނީ ވިދާޅުވި އެވެ.

"... އެންމެ ކާޑެއް އޮތަސް ރަށްރަށަށް ފޮނުވޭ އިންތިޒާމު ހަމަޖައްސައިފިން. ގިނަ ކައުންސިލްތަކާ ގުޅިގެން މިހާރު ވެސް އެބައި ރަނގަޅުވެފައި އެ ހުރީ. ކުރީގައި އަތޮޅު ކައުންސިލަށް ފޮނުވައިގެން ރަށު ކައުންސިލަށް ލިބެން ވަރަށް ގިނަ ދުވަސް ނަގާ. އޭގެ ބަދަލުގައި މިހާރު ސީދާ އެ ރަށެއްގެ ކައުންސިލަށް ކާޑު ދާނެ ގޮތް ވަނީ ހަދައިފައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ވެސް ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ.