Roadha Mihaaru
ބްރައިޓަން ފުރަތަމަ ފަހަރަށް ޔޫރަޕަށް

ސިޓީއާ އެއްވަރުކޮށް ބްރައިޓަން ފުރަތަމަ ފަހަރަށް ޔޫރަޕަށް

25 މެއި 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށް ބްރައިޓަން އިން އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށް ބްރައިޓަން އިން އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ބްރައިޓަން އަކީ މީގެ 12 އަހަރު ކުރިން އިނގިރޭސި ތިން ވަނަ ފަންތީގެ ލީގު ވަންގައި ކުޅުނު ޓީމެކެވެ. އިނގިރޭސި ޕްރިމިއާ ލީގުން އެ ކްލަބް ފުރުސަތު ހޯދީ 2017 ވަނަ އަހަރު އެވެ. ކްލަބްގެ 122 އަހަރުވީ ތާރީހުގައި ޔޫރަޕްގެ މުބާރާތަކުން ޖާގަ އެ ލިބުނީ އަލަށެވެ.

މެޗަށް ނުކުތްއިރު ވެސް އެޓީމަށް އޮތީ ޔޫއެފާ ކޮންފަރެންސް ލީގުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެކަމަކު މަދުވެގެން ޕޮއިންޓެއް ހޯދައިގެން އެޓީމު އަމާޒުހިފީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތުން ޖާގަ ހޯދާށެވެ.

ލީގުގައި ބްރައިޓަން އަށް ބާކީ އޮތީ ރަށުން ބޭރުގައި އެސްޓަން ވިލާއާ ވާދަކުރާ މެޗެވެ. 37 މެޗުން އެޓީމު ވަނީ 62 ޕޮއިންޓް ހޯދައި ލީގުގެ ހަ ވަނަ ކަށަވަރު ކޮށްފަ އެވެ. ބްރައިޓަންގެ ފަހަތުން އެސްޓަން ވިލާ ހަތް ވަނައިގައި އޮތީ 58 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި އާލިން ބްރައުޓް ހާލަންޑުގެ އެހީގައި ފުރަތަމަ ގޯލު ޖެހީ ފިލް ފޮޑެން އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންގެ ހޫލިއޯ އެންސީސޯ ޖެހި ގޯލުން ނަތީޖާ ހަމަހަމަ ވި އެވެ. ޕެރަގުއޭ އަށް އުފަން 19 އަހަރުގެ ވިންގާ، އެ ގޯލު ކާމިޔާބުކުރީ 25 ޔާޑު ދުރުންނެވެ. އެންސީސޯ އަންނަނީ ސީޒަނުގެ ފަހުކޮޅު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދެ ވަނަ ހާފުގައި ސިޓީގެ ހާލަންޑް ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލް ކޮށްފަ އެވެ. ރެފްރީ ނިންމުން ބަދަލުކުރީ ގޯލު ޖެހިއިރު ބްރައިޓަންގެ ކުޅުންތެރިއަކަށް ހާލަންޑް ފައުލް ކުރުމުންނެވެ.

މުޅި މެޗުގައި ބްރައިޓަން އިން ވަނީ ސިޓީގެ ގޯލަށް 20 ހަމަލާ ފޮނުވާލައިފަ އެވެ. މި ސީޒަނުގެ ލީގު މެޗެއްގައި ސިޓީ ކޮޅަށް އެންމެ ގިނަ ހަމަލާ އުފެއްދީ ރޭ ބްރައިޓަން އެވެ.

ލީގު ޗެމްޕިއަންކަން ސިޓީ ކަށަވަރުކޮށްފައިވާއިރު ގަދަ ހަތަރަކުން އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ވަނީ ޖާގަ ހޯދައިފަ އެވެ. ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު ބޮޑީ މެންޗެސްޓާ ޔުނައިޓެޑެވެ.

ރެލިގޭޓްވި ފުރަތަމަ ޓީމަކީ ސައުތެމްޓަނެވެ. ޕްރިމިއާ ލީގުގައި ދެމިއޮންނަން މަސައްކަތްކުރަމުން އަންނަނީ ލީޑްސް ޔުނައިޓެޑާއި ލެސްޓާ ސިޓީ އަދި އެވަޓަން އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގު ފަހު މެޗުތައް އޮންނާނީ އަން އާދީއްތަ ދުވަހުގެ ރެ އެވެ. އެ މެޗުތަކަށް ފަހު ކޮންފަރެންސް ލީގުގެ ޖާގަ ވެސް ކަށަވަރުވާނެ އެވެ.