Roadha Mihaaru

ޑިބްރޭނާ އިޓަލީގައި ވިދަނީ، މޮޑްރިޗުގެ ފެށުން ހަރާބު

ނޭޕްލްސް (އޮގަސްޓް 24) - ކެވިން ޑިބްރޭނާ އިޓާލިއަން ސެރީ އޭ ގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި 2-0 އިން ޓީމު މޮޅު ކޮށްދީފި އެވެ.

ޑިބްރޭނާ އިޓަލީގައި ވިދަނީ، މޮޑްރިޗުގެ ފެށުން ހަރާބު

ނޭޕްލްސް (އޮގަސްޓް 24) - ކެވިން ޑިބްރޭނާ އިޓާލިއަން ސެރީ އޭ ގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި 2-0 އިން ޓީމު މޮޅު ކޮށްދީފި އެވެ.

އެކަމަކު ފާއިތުވި 10 އަހަރު އޭނާ ކުޅުނު މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ވާދަކޮށް ހަމަ މި ނަތީޖާއިން ބަލިވެއްޖެ އެވެ.

ޓޮޓެންހަމުން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީ ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. ވީއޭއާރުގެ ދިގު ރިވިއުއަކަށް ފަހު ބްރޭނަން ޖޯންސަން ޖެހި ފުރަތަމަ ލަނޑު ބަލައިގަތް އިރު، ސިޓީގެ އާ ކީޕަރު ޖޭމްސް ޓްރަފޯޑްގެ ބޮޑު ގޯހެއްގެ ފައިދާ ނަގައި ޖަހައިދިނީ ޖާއޯ ޕަލީނިއާ އެވެ.

ނަޕޯލީ ރަށުން ބޭރުގައި ރޭ ސަސުއޮލޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ، ނިމުނު ސީޒަންގައި ލީގުގެ މޮޅު ކުޅުންތެރިޔާ ސްކޮޓް މެކްޓޮމިނޭ އެވެ. ދެވަނަ ހާފުގައި ޑިބްރޭނާ ލަނޑު ޖެހީ ހިލޭޖެހުމަކުންނެވެ. މެޗުގެ ފަހުކޮޅު ސަސުއޮލޯގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

އިޓާލިއަން ލީގު ރޭ ފެށި އިރު އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ކްރޮމެނީސް އަތުން ބަލިވެފަ އެވެ. ރެއާލް މެޑްރިޑް ދޫކޮށް އޭސީ މިލާނަށް ބަދަލުވި މޮޑްރިޗް ވަނީ މި މެޗުގައި ސްޓާޓް ކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބަލިވި ނަމަވެސް ޖުމްލަކޮށް ކުޅުން ރަނގަޅު ކަމަށާއި، ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރާ ކަމަށެވެ.

މިއީ އާ ސީޒަންގެ ލީގުގައި ސިޓީ ކުޅުނު ދެވަނަ މެޗެވެ. ރަށުން ބޭރުގައި ރޭ ޓޮޓެންހަމް އަތުން ބަލިވި އިރު ފުރަތަމަ މެޗުގައި ވަނީ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ފަސޭހަ މޮޅެއް ހޯދައިފަ އެވެ. ޓޮޓެންހަމް ވަނީ ފުރަތަމަ މެޗުގައި ފަސޭހަ ކަމާއެކު ބާންލީ ބަލިކޮށްފަ އެވެ.

ރޭގެ މެޗަށް ސިޓީން ނެރުނު ފުރަތަމަ 11 ގެ އެވްރެޖް އުމުރަކީ 24 އަހަރާއި 326 ދުވަހެވެ. މިއީ 2010 ގެ އޮކްޓޫބަރު މަހު އާސެނަލްއާ ދެކޮޅަށް ސިޓީން ނެރުނު ފުރަތަމަ 11 އަށް ފަހު އެ ޓީމުން ނެރުނު އެންމެ ޒުވާން 11 އެވެ. އާސެނަލާ ދެކޮޅަށް ނެރުނު ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރާއި 257 ދުވަހެވެ.