01 އޮކްޓޯބަރ 2023
ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ފުރަތަމަ ފަހަރަށް މި ސީޒަންގައި ބަލިވި އިރު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ލިވަޕޫލް ބަލިކޮށްލައިފި އެވެ.
ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ފުރަތަމަ ފަހަރަށް މި ސީޒަންގައި ބަލިވި އިރު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ލިވަޕޫލް ބަލިކޮށްލައިފި އެވެ.
ސިޓީ ބަލިވީ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ، 2-1 އިންނެވެ. މިއާ އެކު ލިވަޕޫލަށް ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ބަލިކޮށްގެން އެއްވަނައަށް އަރަން ފުރުސަތު އޮތް ނަމަވެސް ޓޮޓެންހަމް ވަނީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ސިޓީއާ ޕޮއިންޓަކަށް ގާތް ކޮށްފަ އެވެ.
ސިޓީއާ ދެކޮޅަށް މެޗުގައި ފުރަތަމަ ގޯލު ޖަހައި ވުލްވްސް ވަނީ 13 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މިއީ ސިޓީގެ ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 58 ވަނަ މިނިޓުގައި ހޫލިއަން އަލްވަރޭޒް ސިޓީ އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް އޭގެ އަށް މިނިޓް ފަހުން ދެކުނު ކޮރެއާ ފޯވާޑް ހުވަންގް ހީ ޗާން ވަނީ ވުލްވްސް އަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފަ އެވެ.
މިދިޔަ ހަފްތާ އިނގިރޭސި ލީގް ކަޕް ގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވި މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ދެއްކި ރީނދޫ ކާޑާ އެކު، މި ސީޒަންގައި އޭނާ އަށް ތިން ރީނދޫ ކާޑު ހަމަވުމާ ގުޅިގެން ރޭގެ މެޗުގައި އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. ބަދަލުގައި ސިޓީ އަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ހުއާން މެނުއެލް ލިއްލޯ އެވެ.
ވުލްވްސް އަތުން ބަލިވި މެޗަށް ފަހު ސިޓީގެ ކުޅުންތެރިން ދަނޑުމަތީގައި.-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމްގެ ދަނޑުގައި ރޭ ލިވަޕޫލްގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ވީއޭއާރުގެ އެހީގައި 26 ވަނަ މިނިޓުގައި ކާޓިސް ޖޯންސް އަށް ސީދާ ރަތް ކާޑެއް ދެއްކި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 21 މިނިޓަށް ވެފައި ވަނިކޮށް ފޯވާޑް ޑިއޯގޯ ޖޮޓާ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
ކާޓިސް އަށް ރަތް ކާޑު ދެއްކިތާ 10 މިނިޓް ފަހުން ޓޮޓެންހަމުން ލީޑު ނެގީ ސޮން ހެއުން މިން ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭގެ ކުރިން ލުއިޒް ޑިއާޒް ގޯލެއް ޖެހި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ ޑީއާޒް އޮފްސައިޑް ކަމަށެވެ. އެކަމަކު ވީއޭއާރުގެ ނިންމުން ގޯހެވެ. އިނގިރޭސި ރެފްރީންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕީޖީއެމްއޯއެލް އިން ވަނީ އެއީ ވަރަށް ބޮޑު ގޯސް ނިންމުމެއް ކަމަށާއި މައްސަލަ ބަލާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
"ޕީޖީއެމްއޯއެލް އިން ގަބޫލުކުރަނީ އިންސާނީ ގޮތުން ބޮޑު ގޯހެއް ހިނގާފައިވާ ކަމަށް. ޕީޖީއެމްއޯއެލް އިން މިކަމުގެ ފުރިހަމަ ރިވިއުއެއް ކުރާނެ،" ޑިއާޒް އޮފްސައިޑް ކަމަށް ނިންމި ނިންމުން ގޯސް ކަން ފާހަގަ ކުރަމުން ޕީޖީއެމްއޯއެލް އިން ނެރުނު ބަޔާނުގައި ވެއެވެ.
"ދަނޑުގައި ތިބި މެޗު އޮފިޝަލުން ވަނީ ޑީއާޒް އޮފްސައިޑް ކަމަށް ނިންމައި އޭނާ ޖެހި ގޯލު ބަލައި ނުގަނެފަ. މިއީ ހަގީގަތުގައި ވެސް ހެދިފައި އޮތް ބޮޑު ގޯހެއް. ވީއޭއާރުން އެއީ ގޯލެއް ކަމަށް ނިންމަން ޖެހޭނެ، ނަމަވެސް ވީއޭއާރަށް ރަނގަޅަށް ނުނިންމުނު."
ލިވަޕޫލްގެ ޖޮޓާ އަށް ރެފްރީ ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމް މޮޅުވި ގޯލަކީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
"އޭނާ [ޑިއާޒް] އޮފްސައިޑެއް ނޫން، ރީއްޗަށް ފެންނަން އެހެރީ،" ރެފްރީންގެ ނިންމުން އިސްސާފްވެރި ނޫން ކަން ހާމަ ކުރަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.
މި ނަތީޖާއާ އެކު ވެސް ސިޓީ އެއްވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޓޮޓެންހަމާއި ތިންވަނައިގައި އޮތް އާސެނަލް އަށް ވެސް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ.
އާސެނަލް ވަނީ ރޭ ރަށުން ބޭރުގައި 4-0 އިން ބޯންމަތު ބަލިކޮށްފަ އެވެ. މި މެޗުގައި ކައި ހަވާޓްޒް ވަނީ އާސެނަލް އަށް ބަދަލުވެ ފުރަތަމަ ފަހަރަށް ގޯލު ޖަހައިފަ އެވެ. އާސެނަލް އަށް ދެން ގޯލު ޖަހައިދިނީ ބުކަޔޯ ސަކާ އާއި މާޓިން އޮޑެގާޑް އަދި ބެން ވައިޓެވެ.
އަންސޫ ފަޓީ ބްރައިޓަން އަށް ބަދަލުވެ ފުރަތަމަ ފަހަރަށް ގޯލު ޖެހި ނަމަވެސް އެސްޓަން ވިލާ މޮޅުވީ އޮލީ ވަޓްކިންސްގެ ހެޓްރިކަކާ އެކު އެވެ. ފަސްވަނައިގައި އޮތް އެސްޓަން ވިލާ އާއި ހަވަނައިގައި އޮތް ބްރައިޓަން އަށް ވެސް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.
އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން ވަނީ ރަށުން ބޭރުގައި 2-1 އިން އެވަޓަންގެ މައްޗަށް ކުރި ހޯދައި ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑުން 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރިއިރު، ނިއުކާސަލް އިން ބާންލީ ބަލިކުރީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
ސައުތެމްޓަނުން އެއްވަނައިގައި އޮތް އާސެނަލް ހުއްޓުވައިފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި