23 އޮކްޓޯބަރ 2022
ސައުތެމްޓަން (އޮކްޓޫބަރު 23) - ސައުތެމްޓަން އިން އިނިރޭސި ޕްރިމިއާ ލީގު އެއް ވަނައިގައި އޮތް އާސެނަލް އާ ވާދަކޮށް އެޓީމު މޮޅުވިޔަ ނުދީ ހުއްޓުވައިފި އެވެ.
ސައުތެމްޓަން (އޮކްޓޫބަރު 23) - ސައުތެމްޓަން އިން އިނިރޭސި ޕްރިމިއާ ލީގު އެއް ވަނައިގައި އޮތް އާސެނަލް އާ ވާދަކޮށް އެޓީމު މޮޅުވިޔަ ނުދީ ހުއްޓުވައިފި އެވެ.
ސައުތެމްތަންގެ ދަނޑުގައި އެޓީމުން އާސެނަލްއާ އެއްވަރު ކުރީ 1-1 އިންނެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި ގްޜޭނިޓް ޒާކާ އާސެނަލް އަށް ލީޑު ނަގައިދީފައި ވަނިކޮށް، ސައުތެމްޓަން އިން އެއްވަރު ކުރި ލަނޑު 65 ވަނަ މިނިޓުގައި ޖަހައިދިނީ ސްޓުއާޓް އާމްސްޓްރޯންގް އެވެ.
ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހަން އާސެނަލްގެ ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުކޯށްލެވޭ ގޮތް ނުވި އިރު، ގެބްރިއެލް ޖީސުސް ގެ ހަމަލާއެއް ސައުތެމްޓަންގެ ގޯލްކީޕަރު ގެވިން ބަޒުނޫ ދިފާއު ކުރި އެވެ.
ދެވަނަ ހާފުގައި ސައުތެމްޓަން އިން އެއްވަރު ކުރި ފަހުން ކެޕްޓަން މާޓިން އޮޑެގާޑް އާސެނަލް އަށް ލަނޑެއް ޖަހައިދިން ނަމަވެސް އެޓީމުގެ ކީރެން ޓިއޭނީ ހުރަސް ނަގައިދިނުމުގެ ކުރިން ބޯޅަ ކުޅުމުން ބޭރު ވެފައި ވާތީވެ އެ ގޯލު ބަލައެއް ނުގަނެ އެވެ.
މިއީ ލީގުގައި މި ސީޒަންގައި އާސެނަލް އަށް މޮޅު ނުވެވުނު ދެ ވަނަ މެޗެވެ. ސެޕްޓެމްބަރު މަހު އާސެނަލް ވަނީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
މި ނަތީޖާއާ އެކު އާސެނަލް އަށް ވަނީ ދެ ވަނައިގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެމެދު ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. އާސެނަލް އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ.
މިހާތަނަށް ކުޅުނު 11 މެޗުން އާސެނަލް އަށް 28 ޕޮއިންޓް ލިބިފައި ވާއިރު، ސިޓީ އަށް ލިބިފައި ވަނީ 26 ޕޮއިންޓެވެ. ސައުތެމްޓަން އޮތީ 12 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.
ނިއުކާސަލް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި، ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް، ލީގުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ.
އަލްމިރޯން (މ)، ނިއުކާސަލްގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އެޓީމުގެ ވިލޮކް (28) އާއި ފުރަތަމަ ލަނޑު ޖެހި ވިލްސަން (9) އާއެކު އުފާފާޅުކުރަނީ.--
ޓޮޓެންހަމްގެ ދަނޑުގައި ހޯދި މި މޮޅާ އެކު ނިއުކާސަލް ހަތަރު ވަނައަށް ޖެހިލީ ކުޅުނު 12 މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. މިއާ އެކު 11 މެޗުން 21 ޕޮއިންޓް ހޯދާފައިވާ ޗެލްސީ ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ.
މެޗު ފަށައިގެން ޓޮޓެންހަމުން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަމަވެސް އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ނިއުކާސަލް އިން ވަނީ ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފައި، ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ހޯދައިފަ އެވެ.
ނިއުކާސަލްގެ ފުރަތަމަ ލަނޑު، ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 31 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކެލަމް ވިލްސަން އެވެ. އަދި 40 ވަނަ މިނިޓުގައި މިގޭލް އަލްމިރޯން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. ލޮރިސް ފަހަތުން ޖައްސާލި ބޯޅަ ހޯދައި، އަލްމިރޯން އަަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ނިއުކާސަލްގެ ޝޯން ލޯންގްސްޓާފް އެވެ.
މިއީ އަލްމިރޯން ލީގުގައި ޖެހި ހަވަނަ ލަނޑެވެ. ވިލްސަން ވަނީ މިހާތަނަށް ހަތަރު ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސޮން ހެއުން މިން އަށެވެ. ނިއުކާސަލް އިން ލީޑު ނެގުމުގެ ކުރިން ލިބުނު ހުސް ފުރުސަތުގައި ސޮން، ހަނި އޭންގަލުން ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ގައި މަތިން ފޮނުވާލަން ޖެހި ބޯޅަ، ޕޯޕްވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފުގައި ނިއުކާސަލް އިން ޓޮޓެންހަމްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މި ހާފުގައި އެޓީމަށް ގޯލެއް ޖެހޭގޮތެއް ނުވި އެވެ.
ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި ޖަހައިދިނީ ހެރީ ކޭން އެވެ. މިއީ ކޭން މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
މިއީ ޓޮޓެންހަމް ލީގުގައި މިހާތަނަށް ބަލިވި ތިން ވަނަ މެޗެވެ. ޓޮޓެންހަމް ލީގުގެ ތިންވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ.
އެންމެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ އަލަށް ޕްރޮމޯޓްވި ފުލަމް އަތުން އެސްޓަން ވިލާ ބޮޑު ތަފާތަކުން ބަލިވި މެޗަށް ފަހު އެޓީމުގެ ކޯޗު ސްޓީވަން ޖެރާޑް މަގާމުން ވަކިކުރުމުން، މިރޭ އެޓީމު ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އާރޮން ޑަންކްސް އެވެ.
ޑަންކްސްގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި މިރޭ އެސްޓަން ވިލާ އިން ބްރެންޓްފޯޑް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
އެސްޓަން ވިލާ އިން ވަނީ މެޗުގެ ފުރަތަމަ 15 މިނިޓު ތެރޭ ތިން ގޯލު ޖަހައިފަ އެވެ. ދެ ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ލިއޯން ބެއިލީ އެވެ. އަދި ހަތްވަނަ މިނިޓުގައި ޑެނީ އިންގްސް ލީޑު ފުޅާ ކޮށްދިން އިރު، ތިން ވަނަ ލަނޑު ވެސް ޖެހީ އިންގްސް އެވެ.
މެޗުގެ 14 ވަނަ މިނިޓުގައި އިންގްސް އޭނާގެ ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.
ދެ ވަނަ ހާފުގެ 14 ވަނަ މިނިޓުގައި ވިލާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ.
މިއީ އެސްޓަން ވިލާ ލީގުގައި މި ސީޒަންގައި މޮޅުވި ތިންވަނަ މެޗެވެ. މި މޮޅާ އެކު އެޓީމު އޮތީ 12 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.
ލެސްޓާ ސިޓީ ވެސް ވަނީ ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ހޯދި ދެ ވަނަ މޮޅާ އެކު ރެލިގޭޝަން ޒޯން ދޫކޮށް، 11 ޕޮއިންޓާ އެކު 16 ވަނައަށް ޖެހިލައިފަ އެވެ. ރަށުން ބޭރުގައި އެޓީމުން ވުލްވްސް ބަލިކުރީ 4-0 އިންނެވެ.
ފުރަތަމަ ހާފުގައި ލެސްޓާގެ ލަނޑުތައް ޖަހައިދިނީ ޔޫރީ ޓީލެމަންސް އާއި ހާވީ ބާންސް އެވެ. އަދި ދެ ވަނަ ހާފުގައި އެޓީމަށް ލަނޑު ޖަހައިދިނީ ޖޭމްސް މެޑިސަން އާއި ޖެމީ ވާޑީ އެވެ.
މި ނަތީޖާއާ އެކު ވުލްވްސް ވަނީ އަލުން ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. މިހާތަނަށް ލިބުނު ނުވަ ޕޮއިންޓާ އެކު އެޓީމު އޮތީ 19 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގައި ތާވަލްގެ 18 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި، ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.
ލީޑްސް ޔުނައިޓެޑް ވަނީ މިރޭ އަމިއްލަ ދަނޑުގައި 3-2 އިން ފުލަމް އަތުން ބަލި ވެފަ އެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ރޮޑްރިގޯ ލީޑްސް އަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ ހަ މިނިޓު ފަހުން ފުލަމް އަށް ނަތީޖާ އެއްވަރު ކޮށްދިނީ އަލެކްޒެންޑާ މިޓްރޮވިޗް އެވެ.
ފުލަމް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 74 ވަނަ މިނިޓުގައި ބޮބީ ރީޑް ޖެހި ގޯލުންނެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު 84 ވަނަ މިނިޓުގައި ޖަހައިދިނީ، ކުރިން ޗެލްސީ އާއި އާސެނަލް އަށް ކުޅުނު ބްރެޒިލްގެ ވިންގާ ވިލިއަން އެވެ. މިއީ މި ސީޒަންގައި ފުލަމް އަށް ބަދަލުވެ ވިލިއަން އެޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ލީޑްސްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކްރިޝެންސިއޯ ސަމާވިލް އެވެ.
މިއާ އެކު ލީޑްސް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. އަދި ފުރަތަމަ ތިން މެޗަށް ފަހު، ފަހުން ކުޅުނު އަށް މެޗުން ވެސް އެޓީމަށް މޮޅެއް ނުހޯދެ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ