Roadha Mihaaru
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް

ޔުނައިޓެޑް، ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރުކުރުމާ ގާތަށް

14 މެއި 2023

މެންޗެސްޓާ (މެއި 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މެންޗެސްޓާ (މެއި 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޔުނައިޓެޑާ އެކު ވާދަކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އަށް އިއްޔެ މޮޅެއް ނުވެވުނެވެ. ނިއުކާސަލް ރަށުން ބޭރުގައި 2-2 އިން ލީޑްސް ޔުނައިޓެޑާ އެއްވަރުވީ އެވެ. ޓޮޓެންހަމް ވަނީ އެސްޓަން ވިލާ ދަނޑުގައި 2-1 ން ބަލިވެފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ތިން ވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ނިއުކާސަލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭ މޮޅުވެ އެސްޓަން ވިލާ ވަނީ ޓޮޓެންހަމްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ގޯލުގެ ތަފާތުން ޓޮޓެންހަމް ހަ ވަނައިގައި އޮތްއިރު އެސްޓަން ވިލާ އޮތީ ހަތް ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުން މިހާތަނަށް ޖާގަ ހޯދާފައިވަނީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެ ވަނައިގައި އޮތް އާސެނަލް އެވެ.

ޔުނައިޓެޑް ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މާކޮސް ރަޝްފޯޑް ނުހިމަނަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ރަޝްފޯޑްގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅުނު އެންތޮނީ މާޝިއަލް އެވެ. މިއީ އެންތޮނީގެ އެހީގައި 32 ވަނަ މިނެޓުގައި ކާމިޔާބު ކުރި ގޯލެކެވެ.

ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު، މެޗުގެ އިތުރު ވަގުތުގައި ޖެހީ އަލެހަންދްރޯ ގާނާޗޯ އެވެ. ރޭގެ މެޗަކީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމަށް ފަހު އެނބުރި އައިސް ގާނާޗޯ ކުޅުނު ފުރަތަމަ މެޗެވެ.

ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް 2-2 ން އެއްވަރު ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ދެ ގޯލު ވެސް ޖެހީ ރަހީމް ސްޓާލިން އެވެ. ކްރިސްޓަލް ޕެލެސް އިން އަމިއްލަ ދަނޑުގައި ރޭ ވަނީ 0-2 އިން ބޯންމައުތު ބަލިކޮށްފަ އެވެ.

ފުލަމް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެ ސައުތެމްޓަން ވަނީ 11 އަހަރަށް ފަހު ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ. ސައުތެމްޓަން އަކީ މި ސީޒަނުގެ ލީގުން ރެލިގޭޓްވި ފުރަތަމަ ޓީމެވެ. އެޓީމަށް 36 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.

ސައުތެމްޓަން އެންމެ ފަހުން އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމަށް ފަހު މިދިޔަ 11 އަހަރު އެޓީމުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނެރުނެވެ. އޭގެތެރޭގައި ސަޑިއޯ މާނޭ އާއި ވާޖިލް ވެން ޑައިކް ފާހަގަކޮށްލެވެ އެވެ.